Support Us

ލުބްނާންގައި ހަރަކާތްތެރިވާ އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިންގެ އަސްކަރީ އުޅަނދެއް

ސުލްހަ ބަލަހައްޓާ ފައުޖުތައް ލުބްނާނުން ފޭބުމަށް އިސްރާއީލުން ގޮވައިލައިފި

އެއްގަމު މަގުން ލުބްނާން ހިފުމަށް އިސްރާއީލުން ފަށައިފައިވާ ހަމަލާތަކުން ސަލާމަތްވާން ބޭނުން ނަމަ އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުތައް ލުބްނާނުން ވީ އެންމެ އަވަހަކަށް ފޭބުމަށް އިސްރާއީލުގެ ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ގޮވައިލައިފިއެވެ.

ހިޒްބުﷲއާ ދެކޮޅަށް ފަށައިފައިވާ އަސްކަރީ ކެމްޕޭނުގައި އިސްރާއީލުން މިހާރު ވެސް ވަނީ އދ.ގެ ސުލްހަ ބަލަހައްޓާ ފައުޖުތައް ތިބޭ ތަންތަނަށް ހަމަލާ ދީފައެވެ. އިރާނުގެ ތަރުހީބު ލިބިފައިވާ ހިޒްބުﷲގެ ހަނގުރާމަވެރިންނާއި ހަތިޔާރު އެމްބިއުލެންސް ފަދަ އުޅަނދުތަކުގައި އދ.ގެ ހާޒިރުގައި އުފުލާ ކަމަށް އިސްރާއީލުން ތުހުމަތުކުރިއެވެ. ނަމަވެސް މި ކަން ސާބިތުކޮށްދޭން އިސްރާއީލުން ހެކި ދައްކައިފައެއް ނުވެއެވެ.

ވޭތުވެދިޔަ ދުވަސްތަކުގައި އިސްރާއީލުގެ ހަމަލާތަކުގައި އދ.ގެ ސުލްހަބަލަހައްޓާ ފަސް ސިފައިން ވަނީ ޒަހަމްވެފައެވެ.

އިސްރާއީލަށް އެރުން މަނާކޮށްފައިވާ އދ.ގެ އަމީން އާއްމު އެންޓޯނިއޯ ގުޓެރެސްއާ މުހާތަބުކޮށްފައިވާ ވީޑިއޯއެއްގައި ނަތަންޔާހޫ ތުހުމަތުކުރީ އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިން ހިޒްބުﷲއަށް ރައްކާތެރިކަމުގެ އައްޑަނައެއްގެ ރޯލު ކުޅެދީފައިވާ ކަމަށެވެ.

"އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިން ޒަހަމް ނުވޭތޯ އަހަރެމެން އެބަ މަސައްކަތްކުރަން. ނަމަވެސް ފާޅުކޮށް އެނގޭ ކަމަކީ މި ނުރައްކާތެރި ސަރަހައްދުން މިހާރުން މިހާރަށް ވެސް އެ މީހުން އެބަ ފައިބަންޖެހޭކަން،" ވީޑިއޯގައި ނަތަންޔާހޫ ބުންޏެވެ.

އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިން ވަނީ ދެކުނު ލުބްނާނުން ނުފައިބައިނެ ކަމަށް ބުނެފައެވެ.

"މި ތާނގައި ތިބެން އަހަރެމެން ވަނީ އިއްތިފާގުވެފައި. މި ސަރަހައްދުގައި އދ.ގެ ދިދަ ހުރުން މުހިންމު. އެއީ އދ.ގެ ސަލާމަތީ މަޖިލީހަށް މައުލޫމާތު އެރުވުމަށް،" އދ.ގެ ސުލްހަ ބަލަހައްޓާ ސިފައިންގެ ތަރުޖަމާނު އެންޑްރިއާ ޓެނެންޓި އޭ.އެފް.ޕީއަށް އިއްޔެ ބުންޏެވެ.

ޣައްޒާގެ ހަމާސްއާ ގުޅިފައިވާ ހިޒްބުﷲއިން އިސްރާއީލަށް ހަމަލާ ދޭން ފެށީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ އަށް ވަނަ ދުވަހުއެވެ. އެއީ ޣައްޒާ ހަނގުރާމަ ފެށުމަށް މެދުވެރިވި ހަމާސްގެ ހަމަލާ އިސްރާއީލަށް ދިންތާ އެއް ދުވަސް ފަހުންނެވެ.

މިދިޔަ މަހު ވަނީ އިސްރާއީލާ ހިޒްބުﷲގެ ކުރިމަތިލުންތައް ހޫނުވެފައެވެ. އެއީ ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ އާއި އެ ޖަމާއަތުގެ އިސް ވެރިންތަކެއް އިސްރާއީލުން ޝަހީދުކޮށްލުމުންނެވެ.

އިސްރާއީލުން ލުބްނާންގެ ދެކުނު ސަރަހައްދަށް އެއްގަމު މަގުން ވަދެފައިވަނީ މި މަހު ކުރީކޮޅުއެވެ.

ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި އިސްރާއީލާ ލުބްނާނާ ދެމެދު ހިނގަމުންދާ ހަނގުރައިމައިގައި 2،255 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެ ތެރެއިން 1،400 މީހުން ޝަހީދުވީ މިދިޔަ މަހުން ފެށިގެންނެވެ. ނަމަވެސް އޭގެ ތެރޭގައި ހިމެނެނީ ހިޒްބުﷲގެ ކިތައް ހަނގުރާމަވެރިންކަމެއް ލުބްނާންގެ ސިއްހީ ވުޒާރާއިން ނުބުނެއެވެ.

އިސްރާއީލަށް ހިޒްބުﷲއިން ދިން ރޮކެޓް ހަމަލާތަކުގައި ވަނީ 54 މީހުން މަރުވެފައެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅައެއްބަޔަކީ ސިފައިންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *