ނޮބެލް އަދަބީ އިނާމު ފުރަތަމަ ފަހަރަށް އޭޝިއާ ބައްރުގެ އަންހެނަކަށް ލިބިއްޖެއެވެ.
ދެކުނު ކޮރެއާގެ ހާން ކާންގްއަށް މި އިނާމު ލިބުމާއެކު އޭނާގެ ފޮތްތައް އެ ގައުމުގެ ބޮޑެތި ބުކްޝޮޕްތަކުން ހުކުރު ދުވަހު ވަނީ ވިކި ހުސްވެފައެވެ.
ކުރު ވާހަކަ އާއި ދިގު ވާހަކަ ވެސް ލިޔާ ކާންގް ދުނިޔެއަށް އެންމެ ބޮޑަށް މަޝްހޫރުވީ "ދަ ވެޖިޓޭރިއަން" ޝާއިއުކުރުމުންނެވެ. މިއީ އިނގިރޭސި ބަހަށް ތަރުޖަމާކުރި އޭނާގެ ފުރަތަމަ ފޮތެވެ. އަދި 2016 ގައި އިނގިރޭސި ވިލާތުގެ މޭން ބުކާ އިނާމު ވެސް ލިބުނު ފޮތެކެވެ.
"އޭނާގެ ލިޔުންތަކުން ތާރީހީ ވޭންތަކާއި އިންސާނީ ހަޔާތުގެ ނާޒުކުކަން ދައްކައިދޭ،" ސްވިޑްންގެ ނޮބެލް ކޮމިޓީން ބުންޏެވެ.
އުމުރުން 53 އަހަރުގެ ކާންގަށް ނޮބެލް ދިންކަން ބުރާސްފަތި ދުވަހުގެ ރޭ އިއުލާންކުރުމާއެކު ދެކުނު ކޮރެއާގެ ވެރިރަށް ސޯލްގެ މައި ބުކްޝޮޕްތަކުގެ ވެބްސައިޓުތައް ޑައުންވިއެވެ؛ ކާންގްގެ ފޮތް ގަންނާށާއި އެއަށް އޯޑަރު ދިނުމަށް އެއްފަހަރާ އެތައް ބަޔަކު މަސައްކަތްކުރުމުންނެވެ.
"ކޮރެއާ ބަހުން ލިޔެފައިވާ ފޮތަކަށް މީގެ ކުރިން ނޮބެލް އަދަބީ އިނާމު ލިބިފައި ނުވާތީ މި އުފާވެރި މުނާސަބަތުގައި ކާންގްގެ ފޮތް ކިޔައިލަން ވަރަށް ގިނަ ކިޔުންތެރިން ޝައުގުވެރިވެފައިވޭ،" ކިޔޯބޯ ބުކްޝޮޕްގެ ތަރުޖަމާނު ކިމް ހިޔުން-ޖުންގް އޭ.އެފް.ޕީއަށް ބުންޏެވެ.
އޮންލައިންކޮށް ފޮތް ވިއްކާ ޔެސް.24 ފިހާރައިން ބުނީ "ދަ ވެޖިޓޭރިއަން"ގެ އިތުރުން ކާންގްގެ "ހިއުމަން އެކްޓްސް" އާއި "އައި ޑިޑް ނޮޓް ބިޑް ފެއާވެލް" ވެސް ވިކެމުން އަންނަ ކަމަށެވެ.
"ކޮރެއާ ބަހުން ހުރި ހުރިހާ ފޮތްތައް ވިކި ހުސްވެއްޖެ. މިހާރު ބާކީ ހުރީ އިނގިރޭސި ބަހަށް ތަރުޖަމާކޮށްފައިވާ މަދު ފޮތެއް،" ކިޔޯބޯއިން ބުންޏެވެ.
ކާންގްގެ ބައްޕަ ހާން ސިއުންގް-ވޮންއަކީ ވެސް ވާހަކަ ލިޔުންތެރިއެކެވެ. އޭނާ ބުނީ އޭނާގެ އަންހެން ދަރިފުޅަށް ނޮބެލް އަދަބީ އިނާމު ލިބުނު ހަބަރު ލިބުމުން އެ ކަން ފުރަތަމަ ގަބޫލުކުރަން ދަތިވި ކަމަށެވެ.
"އަހަރެން އެ ކަމާމެދު ދެކެނީ ކިހިނެތްތޯ އަހަން ނޫސްވެރިޔަކު އަހަރެންނަށް ގުޅި. އަހަރެން އެ ނޫސްވެރިޔާގެ ގާތުގައި ބުނީ ތިޔައީ ދޮގު ހަބަރެއްހޭ،" ނޫސްވެރިންގެ ގާތުގައި ސިއުންގް-ވޮން ބުންޏެވެ.
އޭނާ ބުނީ އޭނާގެ ދަރިފުޅާމެދު ފަހަރުވެރިވާ ކަމަށާއި އޭނާގެ ދަރިފުޅު ލިޔެފައިވާ އެއްވެސް ފޮތެއްގައި އެއްވެސް ބޭކާރު އެއްޗެއް ލިޔެފައި ނުވާ ކަމަށެވެ.
"އެއިން ކޮންމެ ފޮތަކީ ވެސް މޮޅު ފޮތެއް،" ސިއުންގް-ވޮން ބުންޏެވެ.
ނޮބެލް އަދަބީ އިނާމު ދީފައިވާ 121 މީހުންގެ ތެރެއިން ކާންގް ހިމެނެނީ މި އިނާމު ލިބުނު އެންމެ 18 އަންހެނުންގެ ތެރޭގައެވެ.
ކާންގް ލިޔުނު "ހިއުމަން އެކްޓްސް"އަކީ އޭނާ އުފަންވި ގުވަންޖޫ ސަހަރުގައި 1980 ގައި ޑިމޮކްރެސީ ގެންނަން ބަޔަކު މަސައްކަތްކުރުމުން އެ މީހުންނާ ދެކޮޅަށް އެއިރުގެ އަސްކަރީ ސަރުކާރުން ހިންގި ގަތުލުއާއްމާ ބެހޭ ގޮތުން ލިޔުނު ފޮތެކެވެ.
"ދެކުނު ކޮރެއާގައި ރައްޔިތުން ތަހައްމަލުކުރި ވޭނަށް ބަލައިލައި ކާންގް ލިޔެފައިވާ ލިޔުންތަކުގެ އަގުވަޒަންކުރުމުން އަހަރެން އުފާވޭ،" އެކްސްގައި މީހަކު ހިޔާލުފާޅުކުރިއެވެ.



advertisment