Support Us

ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން (ކ) އިރާންގެ އާ ރައީސް މަސްއޫދު ޕަޒަޝްކިއަންއާ ބައްދަލުކުރައްވަނީ

އިރާންގެ އާ ރައީސް އާއި ޕުޓިން ބައްދަލުކުރައްވައިފި

އިރާންގެ އާ ރައީސް މަސްއޫދު ޕަޒަޝްކިއަން އާއި ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން ބައްދަލުކުރައްވައިފިއެވެ.

ދެ ބޭފުޅުން ބައްދަލުކުރެއްވީ އިއްޔެ ތުރުކުމަނިސްތާނުގައި ބޭއްވި ސަރަހައްދީ ބައްދަލުވުމެއްގެ ހަވާސާގައެވެ.

ދެ ގައުމުން ވަނީ އަސްކަރީ އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފައެވެ.

ޕަޒަޝްކިއަން ވިދާޅުވީ މި މުއާހަދާގައި ސޮއިކުރައްވަން އުއްމީދުކުރައްވަނީ މި މަހު 22 އިން 24 އަށް ރަޝިއާގައި ބާއްވާ ބީ.އާރް.އައި.އެސްގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައިކަމަށެވެ. މި ޖަމާއަތަކީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ ހިމެނޭ ޖަމާއަތެކެވެ.

"ބައިނަލްއަގުވާމީ މަސްރަހުގައި ރަޝިއާ އާއި އިރާންގެ ސިޔާސަތުތައް ވަރަށް އެއްގޮތް. އިރާނާއެކު އޮތް ގުޅުމަކީ ރަޝިއާއަށް ވަރަށް މުހިންމު ގުޅުމެއް. މި ގުޅުން އަންނަނީ ބަދަހިވަމުން،" ބައްދަލުވުމުގައި ޕުޓިން ވިދާޅުވިކަމަށް ރަޝިއާގެ ދައުލަތުގެ މީޑިއާ ޓީ.އޭ.އެސް.އެސް.އިން ރިޕޯޓްކުރިއެވެ.

އިރާންގެ ނޫސް އެޖެންސީ އައި.އާރް.އެން.އޭ.އިން ބުނީ ޕަޒަޝްކިއަން ވެސް މި މޭރުމުން ވާހަކަދެއްކެވި ކަމަށެވެ.

"އިގުތިސާދީ ގޮތުންނާއި ސަގާފީ ގޮތުން އަހަރެމެންގެ މުއާމަލާތްތައް އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ ވަރުގަދަވަމުން،" ޕަޒަޝްކިއަން ވިދާޅުވިކަމަށް އައި.އާރް.އެން.އޭ.އިން ރިޕޯޓްކުރިއެވެ.

ޕަޒަޝްކިއަން އިތުރަށް ދެއްކެވި ވާހަކައިގައި ލުބްނާނަށް އިސްރާއީލުން ދެމުންދާ "ލާއިންސާނީ ހަމަލާ"ތަކުގެ ވާހަކަ އާއި މެދުއިރުމަތީގައި "މައުސޫމް މީހުން އިސްރާއީލުން މެރުން ހުއްޓުވަން ޖެހޭނެ" ކަމަށް ވިދާޅުވިކަމަށްވެއެވެ.

"އިސްރާއީލުގެ މި ހަމަލާތަކަކީ އެމެރިކާ އާއި ޔޫރަޕުން ތަރުހީބު ދޭ ހަމަލާތަކެއް،" ޕަޒަޝްކިއަން ވިދާޅުވިއެވެ.

އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ދެކުނު ލުބްނާނަށް ފައުޖުތައް ފޮނުވައިފައެވެ. އަދި އިރާންގެ ތަރުހީބު ލިބިފައިވާ ހިޒްބުﷲއާ ހަނގުރާމަކުރުމަށް ކެނޑިނޭޅި ދަނީ ލުބްނާނަށް ބޮންއަޅަމުންނެވެ.

ލުބްނާނާއި ޣައްޒާގައި އާއްމުން ދިރިއުޅޭ ސަރަހައްދުތަކަށް އިސްރާއީލުން ހަމަލާ ދެމުންދާތީ ރަޝިއާއިން ކުރިން ވަނީ އެ ކަން ކުށްވެރިކޮށްފައެވެ.

ރަޝިއާ އާއި އިރާންގެ ގުޅުން ވަނީ 2022 ގައި ރަޝިއާއިން ޔޫކްރެއިން ހިފަން ފެށި ހަނގުރާމައާ ގުޅިގެން ބަދަހިވާން ފަށައިފައެވެ. ޔޫކްރެއިންއާ ދެކޮޅަށް ބޭނުންކުރަން ރަޝިއާއަށް އިރާނުން ހަތިޔާރު ދެމުންދާ ކަމަށް އެމެރިކާއިން ތުހުމަތުކުރިއެވެ. ނަމަވެސް އިރާނުން މި ކަން ދޮގުކުރިއެވެ.

ތުރުކުމަނިސްތާނުގައި ބޭއްވި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ޕުޓިން ވިދާޅުވީ ހުޅަނގުގެ ގައުމުތަކުގެ ކިބައިން ރަޝިއާގެ އެކުވެރި ގައުމުތައް ސަލާމަތްކުރުމަށް އާ ގޮތްތަކެއް ވަނީ ހޯދަން ޖެހިފައި ކަމަށެވެ. މި ހަފުލާގައި ބައިވެރިވި ގައުމުތަކުގެ ވެރިންގެ ތެރޭގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރްދާރީގެ އިތުރުން ކަޒަކްސްތާން، ކިރްގިސްތާން، ތަޖިކިސްތާން އަދި އުޒްބަކިސްތާނުގެ ވެރިން ހިމެނިވަޑައިގަތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *