އެމެރިކާގެ ފްލޮރިޑާ ސްޓޭޓަށް ތޫފާން މިލްޓަން އެރިއިރު އިނގިރޭސި ވިލާތުގެ ވެރިރަށް ލަންޑަނަށް ބުރާސްފަތި ދުވަހު މޫސުން ލަފާކުރި ގޮތުގައި ބީ.ބީ.ސީ.އަށް ބޮޑު އޮޅުމެއް އަރައިފިއެވެ.
އިނގިރޭސި ދައުލަތުގެ މީޑިއާއިން އާއްމުކުރި ކުރެހުމެއްގައި ވަނީ ލަންޑަނަށް ވައިޖެހޭނީ ގަޑިއަކު 13،000 މޭލު ބާރުމިނުގައި ކަމަށް ދައްކައިފައެވެ. މީގެ އިތުރުން ނޮޓިންހަމް ސިޓީގެ ހޫނުމިން 404 ޑިގްރީ ސެލްސިއަސްއަށް އަރާނެކަމަށް ވަނީ ދައްކައިފައެވެ.
ބީ.ބީ.ސީން މިހާރު ވަނީ މި އޮޅުމަށް މައާފަށް އެދިފައެވެ. އަދި ތޫފާން މިލްޓަންގެ އަސަރު އިނގިރޭސި ވިލާތަށް ނުކުރާ ކަމަށް ބުނެފައެވެ.
"މައުލޫމާތަށް ދިމާވި މި ޓެކްނިކަލް މައްސަލަ މިހާރު އަންނަނީ ވެބްސައިޓާއި އެޕްގައި ރަނގަޅުކުރަމުން،" ބީ.ބީ.ސީ.ގެ ޕްރެޒެންޓަރު މެޓް ޓޭލާ އެކްސްގައި ބުންޏެވެ.
މީގެ ކުރިން 1987 ގެ އޮކްޓޫބަރު 15 ވަނަ ދުވަހު ވެސް ބީ.ބީ.ސީ.އިން މޫސުމާ ބެހޭ މައުލޫމާތު ގެނެސްދިން ގޮތުގައި ވަނީ އޮޅުން އަރައިފައެވެ. އެ ފަހަރު އަންހެނަކު ބީ.ބީ.ސީ.އަށް ގުޅައިފައި ތޫފާނެއް އަންނަ ވާހަކަ އަޑުއިވުނު ވާހަކަ ބުނުމުން ޕްރެޒެންޓަރު މައިކަލް ފިޝް ބުނީ އެއީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. ނަމަވެސް އޭގެ ގަޑިއިރުތަކެއް ފަހުން ވަނީ އިނގިރޭސި ވިލާތުގެ އިރުމަތީ ދެކުނު ސަރަހައްދަށް މީގެ ތިން ގަރުނު ކުރިން ނާންނަވަރުގެ ވަރުގަދަ ތޫފާނެއް އައިސްފައެވެ.
އެމެރިކާއަށް ތޫފާން މިލްޓަން އެރުމުން ފްރޮލިޑާ ސްޓޭޓްގައި ވަނީ ހަތަރު މީހުން މަރުވެފައެވެ. އަދި އެތައް މިލިއަން ބަޔަކަށް މިހާރު ވަނީ ކަރަންޓްގެ ހިދުމަތް ކެނޑިފައެވެ.



advertisment