Support Us

ނިހޯން ހައިޑަންކިޔޯގެ އެއް ޗެއާމަން ކަމަށްވާ ޓޮމޯޔަކީ މިމާކީ

ނޮބެލް ސުލްހައިގެ އިނާމު ޖަޕާނުގެ އެޓޮމް ބޮމާ ދެކޮޅު ޖަމިއްޔާއަށް

މި އަހަރުގެ ނޮބެލް ސުލްހައިގެ އިނާމު ޖަޕާނުގެ އެޓޮމް ބޮމާ ދެކޮޅު ޖަމިއްޔާ ނިހޯން ހައިޑަންކިޔޯއަށް މިއަދު ދީފިއެވެ.

"މި އިނާމު ދިނީ ދުނިޔެއިން ނިއުކްލިއާ ހަތިޔާރު ނައްތައިލުމަށް އެ ޖަމިއްޔާއިންކުރާ މަސައްކަތަށް،" ނޮބެލް އިނާމު ދޭ ކޮމިޓީން ބުންޏެވެ.

ނޯވޭގެ ނޮބެލް ކޮމިޓީގެ ވެރިޔާ ޔޯގެން ވޮޓުން ފްރިޑްނަސް ބުނީ ނިހޯން ހައިޑަންކިޔޯއިން ވަނީ ނިއުކްލިއާ ހަތިޔާރު އަލުން ދުވަހަކު ވެސް ބޭނުންކޮށްގެން ނުވާނެކަން ދައްކައިދީފައި ކަމަށެވެ.

އެ ޖަމިއްޔާއަށް ނޮބެލް ސުލްހައިގެ އިނާމު ދިންކަން އިއުލާންކުރީ ނޯވޭގެ ވެރިރަށް އޮސްލޯގައި ބޭއްވި ނޮބެލް ކޮމިޓީގެ ބައްދަލުވުމެއްގައެވެ.

ދެވަނަ ބޮޑު ހަނގުރައިމައިގައި ޖަޕާންގެ ދެ ސަހަރު ކަމަށްވާ ހިރޯޝިމާ އާއި ނަގަސާކީއަށް އެމެރިކާއިން ވަނީ 1945 ގެ އޮގަސްޓް މަހު ނިއުކްލިއާ ބޮން އަޅައިފައެވެ. މި ދެ ހަމަލާގައި 120،000 މީހުން މަރުވިއެވެ.

"އަހަރެމެން ބޭނުންވީ ހިރޯޝިމާ އާއި ނަގަސާކީއަށް އެޅި އެޓޮމް ބޮން ހަމަލާއިން ސަލާމަތްވި މީހުން އުއްމީދާއި ސުލްހައަށް ކުރަމުން އަންނަ މަސައްކަތް ފާހަގަކުރަން. އެއީ، ޖިސްމާނީ އަނިޔާ ލިބުމުގެ އިތުރުން ވޭނީ ހަނދާންތައް ހުރުމާއެކުވެސްމެ،" ނޮބެލް ކޮމިޓީން ބުންޏެވެ.

ނިހޯން ހައިޑަންކިޔޯއަށް އިނާމު ލިބުނުކަން އިއުލާންކުރިއިރު އެ ޖަމިއްޔާގެ އެއް ޗެއާމަން ކަމަށްވާ ޓޮމޯޔަކީ މިމާކީ ހުރީ ހިރޯޝިމާގެ ސިޓީ ކައުންސިލް ކައިރީގައެވެ.

"މިއީ ހަމަ ހަގީގަތެއް؟ ގަބޫލުކުރަންދަތި!" ހިރޯޝިމާއަށް އެޅި ބޮމުން ސަލާމަތްވި މިމާކީއަށް ބުނެވުނެވެ.

އޭނާ ބުނީ މި އިނާމު ލިބުމުން ދޭހަވަނީ ނިއުކްލިއާ ހަތިޔާރު ނައްތައިލުމަކީ ކުރެވޭނެ ކަމެއްކަމަށެވެ.

"ނިއުކްލިއާ ހަތިޔާރުން ދޭ ބުނަން ވެސް ނޭނގޭ ވޭނާއި ޒަހަމްތަކުގެ ވާހަކަ ނިހޯން ހައިޑަންކިޔޯއިން ހާމަކޮށްދޭ،" ނޮބެލް ކޮމިޓީން ބުންޏެވެ.

މިމާކީ ބުނީ ނިއުކްލިއާ ހަތިޔާރުން ދުނިޔެއަށް ސުލްހަ ގެނެސްދޭނެ ކަމަށް ބުނާ ބުނުމަކީ ހަމަޖެހޭ ވާހަކައެއް ނޫން ކަމަށެވެ.

"ޓެރަރިސްޓުން ވެސް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ. މިސާލަކަށް ރަޝިއާއިން ޔޫކްރެއިނާ ދެކޮޅަށް، ނުވަތަ އިސްރާއީލުން ޣައްޒާއާ ދެކޮޅަށް، މިހެން ގޮސް ކިޔާނެ ކަމެއް ނެތް، މި ކަމަށް ހުއްޓުމެއް ނާންނާނެ. ސިޔާސީ ފަރާތްތަކަށް މި ކަން ފަހުމްވާންޖެހޭނެ،" އޭނާ ބުންޏެވެ.

ފްރިޑްނަސް ބުނީ ނިއުކްލިއާ ހަނގުރައިމައިގެ ސަބަބުން ހުރިހާ އިންސާނުން ނެތިކޮށްލައިފައިނެ ކަމަށެވެ.

"އަދުގެ ނިއުކްލިއާ ހަތިޔާރު މާ ބާރުގަދަ. އެ ތަކެތިން އެތައް މިލިއަން މީހުން މަރައިލައި ތިމާވެއްޓާ މޫސުން ހަލާކުކޮށްލާނެ،" އޭނާ ބުންޏެވެ.

ނިއުކްލިއާ ހަތިޔާރު ނައްތައިލުމަށް މަސައްކަތްކުރާ ޖަމާއަތަކަށް ނޮބެލް ސުލްހައިގެ އިނާމު ލިބުމަކީ "މާނަ ފުން" ކަމެއް ކަމަށް ޖަޕާންގެ ބޮޑު ވަޒީރު ޝިގޭރޫ އިޝީބާ ވިދާޅުވިއެވެ.

ނޮބެލް ސުލްހައިގެ އިނާމަކީ 1.1 މިލިއަން ޑޮލަރު (16 މިލިއަން ރުފިޔާ)ގެ ފައިސާގެ އިނާމެކެވެ. މި އާއެކު އަންނަ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހު ނިހޯން ހައިޑަންކިޔޯއަށް މެޑެއްޔެއް ވެސް ދޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *