އިސްރާއީލުން މަސައްކަތްކުރަމުން ދަނީ ޔަހޫދީން ދިފާއު ކުރުމަށް ކަމަށްބުނެ ފަލަސްތީނު ނަސްލު ފުހެލަން ކަމަށް އދ. އިން ބުނެފިއެވެ.
މި މަހު 30 ގައި އދ.ގެ އާއްމު ޖަލްސާއަށް ހުށަހަޅަން ތައްޔާރުކޮށްފައިވާ ރިޕޯޓް ނެރުމާ ގުޅޭ ގޮތުން ދިން ބަޔާނެއްގައި އދ.ގެ ކުރީގެ އިންސާނީ ހައްގުތަކާ ބެހޭ ވެރިޔާ ނަވީ ޕިއްލައި ބުނީ ޣައްޒާގެ ސިއްހީ ނިޒާމު ނައްތައިލަން އިސްރާއީލުން މަސައްކަތްކުރަމުންދާ ކަމަށެވެ.
"މިއީ ހަނގުރާމައިގެ ޖަރީމާއެއް އަދި ނަސްލެއް ނައްތައިލުމަށް ހިންގާ ލާއިންސާނީ ކުށެއް،" އޭނާ ބުންޏެވެ.
ޕިއްލައި ބުނީ ޣައްޒާ ހަނގުރާމައިގައި އިސްރާއީލުން ދަނީ "މެދުނުކެނޑި ސިއްހީ އެހީތެރިންނާއި ސިއްހީ މަރުކަޒުތަކަށް ހަމަލާދެމުން" ކަމަށެވެ.
"މި ކަމުން ނޭދެވޭ އަސަރު އެންމެ ބޮޑަށް ކޮށްފައި ވަނީ ކުޑަކުދިންނަށް. އެއީ ޣައްޒާގެ ސިއްހީ ނިޒާމު އިސްރާއީލުން ސުންނާފަތިކޮށްލުމުން،" ޕިއްލައި ބުންޏެވެ.
އދ.ގެ މި ތަހުގީގީ ރިޕޯޓްގައި ބުނެފައި ވަނީ ސިއްހީ އެހީތެރިން ގަސްދުގައި މެރުމުގެ އިތުރުން އެ މީހުންނަށް އަނިޔާކުރަމުން ވެސް ދާ ކަމަށެވެ.
"ސިއްހީ ހިދުމަތް ދޭ އުޅަނދުތަކަށް ހަމަލާ ދިނުމުގެ އިތުރުން ޣައްޒާގައި ބަންދުވެފައިވާ ބަލިމީހުން ބޭސްކުރަން އެ ސަރަހައްދުން ބޭރަށް ދިއުމަށް ވެސް ވަނީ ހުރަސް އަޅައިފައި،" ރިޕޯޓްގައި ބުނެފައިވެއެވެ.
އިސްރާއީލުން މިހާރު މަސައްކަތްކުރަމުންދަނީ އިރުމަތީ ގުދުސްގައި ހުންނަ އދ.ގެ ފަލަސްތީނު ރެފިއުޖީންނާ ބެހޭ އިދާރާގެ ބިން އަތުލައި، އެ ބިމުގައި ގަވައިދާ ހިލާފަށް ޔަހޫދީން ވަޒަންވެރި ކުރުމަށެވެ.
"މި ސަރަހައްދުގައި 1،440 ގެ ޔަހޫދީންނަށް އަޅައިދޭން ވަނީ ހަމަޖައްސައިފައި،" އިސްރާއީލު އަސްކަރިއްޔާގެ ރޭޑިއޯ އާއި އިސްރާއީލުގައި ހިލޭ ބަހާ ނޫހެއް ކަމަށްވާ އިސްރާއީލް ހަޔޮމްއިން ބުންޏެވެ.
އދ.ގެ ފަލަސްތީނު ރެފިއުޖީންނާ ބެހޭ އިދާރާގެ ބިމުގައި މި ދިޔަ މެއި މަހު ޔަހޫދީ ވަޒަންވެރިން ވަނީ ހުޅުޖަހައިފައެވެ. އެއީ އެ އިދާރާއަކީ "ޓެރަރިސްޓް ޖަމާއަތެއް" ކަމަށް އިސްރާއީލުގެ ވެރިން ޔަހޫދީ އާއްމުންނަށް ވިސްނައިދޭން މަސައްކަތްކުރުމުންނެވެ.
ޔޫރަޕްގެ އިއްތިހާދުގައި ހިމެނޭ ނެދަލެންޑްސްގައި ހިންގާ ފަލަސްތީނާއި ނެދަލެންޑްސްގެ ފަރުދީ ޖަމާއަތްތަކުން ބުނީ ޣައްޒާގައި އިސްރާއީލުން ހިންގާ ފަލަސްތީނުގެ ނަސްލު ނައްތައިލުމުގެ ޖަރީމާ އާއި އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތައް މުގުރުމަށް ނެދަލެންޑްސްގެ ދައުލަތުން އެހީވާތީ ނެދަލެންޑްސްގެ ދައުލަތާ ދެކޮޅަށް ޝަރީއަތް ހިންގުމަށް އެދޭނެ ކަމަށެވެ.
"އަހަރެމެން މައިގަނޑު ގޮތެއްގައި ނެދަލެންޑްސްގެ މަދަނީ ކޯޓުގައި އެދޭނީ އިސްރާއީލަށް ހަތިޔާރާއި އިންވެސްޓްމެންޓް ފޯރުކޮށްނުދިނުމަށް. އެއީ ފަލަސްތީނުގެ ބިންތައް ގާނޫނާ ހިލާފަށް އިސްރާއީލުން ހިފައިގެންއުޅޭއުޅުން ކުރިއަށްގެންދާތީ،" އެ ޖަމާއަތްތަކުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ނަސްލު ނައްތައިލުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާގައި ބައިވެރިވެފައިވާ ގައުމެއްގެ ގޮތުން ނެދަލެންޑްސްއިން އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އެ ޖަމިއްޔާތަކުން ބުންޏެވެ.
"ފަލަސްތީނު ނަސްލު ނައްތައިލުމަށް އިސްރާއީލުން މަސައްކަތްކުރަމުންދާއިރު ނެދަލެންޑްސްގެ ދައުލަތުން ދަނީ އިސްރާއީލަށް ހަތިޔާރު ދީ އަދި އިސްރާއީލުގެ ސިޔާސީ އެކުވެރިއެއްކަން ދުނިޔެއަށް ދައްކަމުން،" އެ ޖަމިއްޔާތަކުން ބުންޏެވެ.
ނެދަލެންޑްސް ދައުލަތުގެ މި އަމަލުތައް ބަލައިނުގަނެވޭ ސަބަބަކީ ފަލަސްތީނު ނަސްލު ނައްތައިލަން އިސްރާއީލުން މަސައްކަތްކުރަމުންދާކަމުގެ ހެކި ހުރި ކަމަށް ދުނިޔޭގެ ކޯޓު، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ)އިން މިދިޔަ ޖަނަވަރީ މަހު ބުނެފައިވާތީ ކަމަށް ވެސް އެ ޖަމިއްޔާތަކުން ބުންޏެވެ.



advertisment