Support Us

އެމެރިކާގެ ވެރިރަށް ވޮޝިންޓަން ޑީ.ސީ.ގައި ހުންނަ ވޮޝިންޓަން މޮނިއުމެންޓް

ރިޔާސީ އިންތިހާބާ ދިމާކޮށް އައިސިސްއިން އެމެރިކާއަށް ހަމަލާދޭން އުޅެފި

ރިޔާސީ އިންތިހާބު އޮންނަ ދުވަހު އައިސިސްގެ ފަރާތުން އެމެރިކާގައި ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުމުގެ ދައުވާ އަފްޣާނިސްތާނުގެ މީހަކަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އުފުލައިފިއެވެ.

އަންނަ މަހު ފަސް ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް ޓެރަރިސްޓް ހަމަލާއެއް ދޭން ރޭވިކަމުގެ ކުށުގައި ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން ހައްޔަރުކުރީ އުމުރުން 27 އަހަރުގެ ނާސިރު އަހްމަދު ތައުހީދީއެވެ.

އަނބިމީހާ އާއި ދަރިފުޅާއެކު އެމެރިކާގައި 2021 ގައި ދިރިއުޅެން ފެށި ތައުހީދީގެ އާއިލާއަށް އެމެރިކާގައި ވަޒަންވެރިވުމުގެ ހުއްދަ އަދި ނުލިބެއެވެ.

ތައުހީދީ ހައްޔަރުކުރީ ޓެރަރިސްޓެއް ކަމަށް ހެދިގެން އުޅުނު އެމެރިކާގެ ސަލާމަތީ އޮފިސަރެއްގެ އަތުން އޮކްލަހޯމާ ސްޓޭޓްގައި ބަޑިއާއި ވަޒަން ގަތްތަނާއެވެ.

އޭނާއާ ދެކޮޅަށްކޮށްފައިވާ ދައުވާތަކުގެ ތެރޭގައި ޓެރަރިސްޓް ހަމަލާއެއް ރޭވުމާއި އައިސިސްއަށް މާއްދީ އެހީ ފޯރުކޮށްދިނުން ހިމެނެއެވެ.

ކުޑަކުއްޖެއްގެ ބައިވެރިވުމާއެކު ތައުހީދީ ރައިވައިފައިވަނީ އޭނާގެ މިލްކިއްޔާތު ހިފައިގެން އާއިލާއާއެކު އަނބުރާ އަފްޣާނިސްތާނަށް ދިއުމުގެ ކުރިން ބަޑި ބޭނުންކޮށްގެން އެމެރިކާގައި އަނިޔާވެރި ހަމަލާއެއް ދިނުންކަމަށް ކޯޓުގެ ލިޔެކިޔުންތަކުގައި ބުނެފައިވެއެވެ. ކުޑަކުއްޖާ ވެސް ވަނީ ހައްޔަރުކޮށްފައި ކަމަށް ކޯޓުން ބުންޏެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ މި ވަގުތު އެންމެ ބޮޑު ސަމާލުކަމެއް ދީފައިވަނީ ރިޔާސީ އިންތިހާބަށް ބޭރުން އަތުވެދާނެ ނުރައްކަލަކާ ކުރިމަތިލުންކަމަށެވެ.

"ތައުހީދީ ހަމަލާދޭން ރައިވައިފައިވަނީ ގިނަ ބަޔަކު އެއްވެ އުޅޭ ތަނަކަށް،" ޕްރޮސެކިއުޓަރަކު ބުންޏެވެ.

ބަންޑާރަ ނައިބު މެރިކް ގާލޭންޑް އާއި އެފް.ބީ.އައި.ގެ ޑިރެކްޓަރު ކްރިސްޓޮފާ ރޭ ވަނީ ތައުހީދީގެ ރޭވުން ނާކާމިޔާބުކޮށްލުމުން ސަލާމަތީ ބާރުތަކަށް ތައުރީފުކޮށްފައެވެ.

"އެމެރިކާގެ ރައްޔިތުންނަށް ޓެރަރިސްޓް ހަމަލާދޭން އުޅޭ ފަރުދުންނަކީ ކޮބައިކަން ބަލައި، އެ މީހުންގެ ހަރަކާތްތައް ތަހުގީގުކޮށް، އަދި އެ މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅައިނަން،" މެރިކް ބުންޏެވެ.

އޮކްލަހޯމާ ސިޓީގައި ދިރިއުޅޭ ތައުހީދީ ވަނީ ވެރިރަށް ވޮޝިންޓަން ޑީ.ސީ.ގެ ސެކިއުރިޓީ ކެމެރާތަކާއި އެމެރިކާގެ އާއިލާއަކާ ގުޅުމެއް ނެތި ބަޑި ގެންގުޅުމުގެ ހުއްދަ އޮންނަ ސްޓޭޓްތަކާއި ރަސްމީ ލިޔެކިޔުމެއް ނެތި ބަޑި ގެންގުޅެވެނީ ކޮން ސްޓޭޓްތަކެއްގައިތޯ އޮންލައިން މަސްދަރުތަކުން ބަލައިފައިކަމަށްވެއެވެ.

"އެމެރިކާގެ ރިޔާސީ ގަނޑުވަރާއި ވޮޝިންޓަން މޮނިއުމެންޓްގެ ވެބްކެމްތައް ވެސް ތައުހީދީ ވަނީ ބަލައިފައި،" ޕްރޮސެކިއުޓަރަކު ބުންޏެވެ.

އައިސިސްއަށް ހަނގުރާމަވެރިން ހޯދާ މީހަކާ އޯގަސްޓް މަހު ޓެލެގްރާމްގެ ޒަރީއާއިން ތައުހީދީ މުއާމަލާތްކުރިކަމަށް ކޯޓުގެ ލިޔެކިޔުންތަކުގައިވެއެވެ. މި މީހާއާ ތައުހީދީ މަޝްވަރާކުރި ކަންތައްތަކުގެ ތެރޭގައި ބަޑި ބޭނުންކުރުމާއި އޭނާގެ އާއިލާ ކައިރި ކުރިމަގެއްގައި ބަލަހައްޓާނެ މީހަކު ވޭތޯ ސުވާލުކުރިކަމަށްވެއެވެ.

އެ ގޮތުން ތައުހީދީގެ ގެ ވިއްކައިލައިފައިވާ ކަމަށާއި އެއަށްވާ ފައިސާ މި މަހުގެ 15 ގައި ލިބޭނެ ކަމަށާއި ރިޔާސީ އިންތިހާބު އޮންނަ ދުވަހަށް ދެން ތައްޔާރުވެވޭނެ ކަމަށް ތައުހީދީ އެ މީހާގެ ގާތުގައި ބުނިކަމަށް ކޯޓުގެ ލިޔެކިޔުންތަކުގައިވެއެވެ.

ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ ތައުހީދީގެ ފޯނުން އައިސިސްގެ ޕްރޮޕެގެންޑާ މައުލޫމާތާއި އައިސިސްއަށް ފައިސާ ފޮނުވާ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް އޭނާ ދައްކައިފައިވާ ހައިރާތާ ބެހޭ މައުލޫމާތު ފެނިފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *