ލުބްނާންގެ ދެކުނަށް އެއްގަމު މަގުން ވަދެފައިވާ އިސްރާއީލުގެ އަސްކަރިއްޔާއަށް އެހީތެރިވުމަށް ހަތަރު ވަނަ ފައުޖެއް ފޮނުވަނީ ކަމަށް އިސްރާއީލުން ބުނެފިއެވެ.
ލުބްނާންގެ ދެކުނު އަދި އިރުމަތީ ސަރަހައްދުތަކަށް އިސްރާއީލުން ރޭ ވެސް ވަނީ ވައިގެ ހަމަލާތައްދީފައެވެ.
"ލުބްނާންގައި މި ވަގުތު އަހަރެމެންގެ 15،000 ސިފައިން އެބަތިބި،" އިސްރާއީލުގެ އޮފިޝަލަކު ބުންޏެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ބުނީ "އޮޕަރޭޝަން ނޯދަން އެރޯޒް"ގެ ނަމުގައި މިދިޔަ ހަފުތާގައި އިސްރާއީލުން ލުބްނާނާ ދެކޮޅަށް ފެށި އަސްކަރީ ކެމްޕޭންގައި އިސްރާއީލުން މަސައްކަތްކުރަމުންދަނީ އިސްރާއީލާއި ލުބްނާންގެ ބޯޑަރުގައިވާ ހިޒްބުﷲގެ އިންފްރާސްޓްރަކްޗަރުތައް ނައްތައިލުމަށްކަމަށެވެ.
ބޯޑަރުގެ ކައިރިން 20 މޭލުގެ ރާސްތާއެއްގައިވާ ލުބްނާންގެ ވިލެޖްތަކުން މީހުން ނުކުތުމަށް އިސްރާއީލުން ވަނީ އިންޒާރުދީފައެވެ.
"މި ކަންތައްތަކުން ދޭހަވަނީ ލުބްނާންގެ ހަނގުރާމަވެރިންނާ ދެކޮޅަށް އިސްރާއީލުންކުރާ ހަނގުރާމަ ފުޅާކޮށްލަން އުޅޭކަން،" ސިޔާސީ ތަޖުރިބާކާރަކު ބުންޏެވެ.
ކެނޑިނޭޅި ދެ ހަފުތާވަންދެން އިސްރާއީލުން ލުބްނާނަށް ދެމުންދާ ވައިގެ ހަމަލާތަކާއެކު ވެސް ހިޒްބުﷲގެ އަސްކަރީ ގާބިލުކަން ނިކަމެތިނުވާކަމަށް ހިޒްބުﷲގެ ވަގުތީ އަމީން އާއްމު ނައީމް ގާސިމް މިއަދު ބުންޏެވެ.
"(ލުބްނާންގެ ވެރިރަށް) ބައިރޫތަށް ހަމަލާދީގެން ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ އާއި ގިނަ ލީޑަރުންތަކެއް ޝަހީދުކޮށްލިޔަސް އަހަރެމެން ކޮންމެ ދުވަހަކުކުރާ ކަންތައްތަކުން ވެސް އަހަރެމެންގެ އަމާޒުތައް ހާސިލުވަމުން އަންނަކަން އެ ހުރީ ފެންނަން. އެތައް ސަތޭކަ ރޮކެޓާއި ޑްރޯނުން ވާނީ އިސްރާއީލުގެ ސަހަރުތަކަށް ހަމަލާދީފައި. އަހަރެމެންގައި (އަސްކަރީ) ގާބިލުކަން އެބަހުރިކަމުގެ ޔަގީންކަން ދެން،" ގާސިމް ބުންޏެވެ.
ހިޒްބުﷲގެ ހުރިހާ އިސް މަގާމުތަކަށް އާ ވެރިން ލައިފައިވާ ކަމަށާއި މިދިޔަ ހަފުތާގައި އިސްރާއީލަށް ލުބްނާންގައި އިތުރު ކުރިއެރުމެއް ނުލިބޭކަމަށް އޭނާ ބުންޏެވެ.
އިސްރާއީލުގެ އަސްކަރިއްޔާ، އިސްރާއީލް ޑިފެންސް ފޯސަސް (އައި.ޑީ.އެފް)އިން މިއަދު ބުނީ ހިޒްބުﷲގެ ލޮޖިސްޓިކްސް އާއި ބަޖެޓާއި މެނޭޖްމަންޓް ބަލަހައްޓާ ސުހައިލް ހުސައިނީ ރޭ ޝަހީދުކޮށްލައިފައިވާކަމަށެވެ. މި ކަމާ ހިޒްބުﷲއިން އަދި ވަކި އެއްޗެއް ނުބުނި ނަމަވެސް މިއަދު ހެދުނު ލުބްނާނުން އިސްރާއީލާ ދިމާއަށް ގާތްގަނޑަކަށް 85 ޕްރޮޖެކްޓައިލް ވަނީ ފޮނުވައިލައިފައެވެ.
ގާސިމް މި ގޮތަށް ބަޔާން ދިނުމުގެ ކުޑަ ވަގުތުކޮޅެއް ފަހުން އިސްރާއީލުން ވަނީ ބައިރޫތުގެ ދެކުނުގައި ޝީއައި މުސްލިމުން ދިރިއުޅޭ ރަށްފުށު ހިސާބަކަށް ވައިގެ ދެ ހަމަލާދީފައެވެ.
ވޭތުވެދިޔަ ތިން ހަފުތާގެ ތެރޭގައި އިސްރާއީލާ ލުބްނާނާ ދޭތެރޭ ބަދަލުކުރި ހަމަލާތަކުގައި ލުބްނާންގެ 1،400 އެއްހާ މީހުން ވަނީ މަރުވެފައެވެ. އޭގެ ތެރޭގައި އާއްމުންނާއި ސިއްހީ އެހީތެރިންނާއި ހިޒްބުﷲގެ ހަނގުރާމަވެރިން ހިމެނެއެވެ. މި ކުރިމަތިލުންތަކުގެ ސަބަބުން ލުބްނާންގެ 1.2 މިލިއަން މީހުން، ނުވަތަ އާބާދީގެ ހަތަރުބައިކުޅައެއްބައި މީހުން، ވަނީ ގެދޮރު ދޫކޮށްފައި ދާންޖެހިފައެވެ.
ފަލަސްތީނުގެ ރައްޔިތުންނާއެކުވާކަން ހާމަކުރުމަށް ހިޒްބުﷲއިން އިސްރާއީލަށް ހަމަލާތައް ދޭން ފަށައިފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ހަމަލާދިންތާ އެއް ދުވަސް ފަހުންނެވެ. އޭގެ ފަހުން ލުބްނާނާއި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހޫނުވެ، އިރާނާއި އެމެރިކާ ވެސް މި ހަނގުރާމައިގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތްކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ.
މެދުއިރުމަތީގެ ގައުމުތަކުން މި ވަގުތު ނޭވާ ހިފަހައްޓައިލައިގެން ތިބީ ހިޒްބުﷲއަށް ތަރުހީބު ދިނުމުގެ ގޮތުން މިދިޔަ ހަފުތާގައި މީގެ ކުރިން އިރާނުން އިސްރާއީލަށް ނުދޭ ކަހަލަ މިސައިލް ހަމަލާއެއް ދީފައިވާތީ އެ ކަމާ ދެކޮޅަށް އިސްރާއީލުން މި ވަގުތު އަޅާނީ ކޮން ކަހަލަ ފިޔަވަޅެއްތޯ ބެލުމަށެވެ.
އިސްރާއީލުން ބުނީ "އަޅާނެ ހުރިހާ ފިޔަވަޅުތަކަށް ވެސް ތައްޔާރު"ވެފައިވާ ކަމަށެވެ.
"ކައިރި އަދި ދުރުގައިވާ އަމާޒުފަތްގަނޑުތަކަށް ވެސް ހަމަލާދިނުމުގެ ގާބިލުކަން އިސްރާއީލުގައި އެބަހުރި. މި ކަން އަހަރެމެން ވަނީ ސާބިތުކޮށްދީފައި،" އިސްރާއީލުގެ ދިފާއީ ވަޒީރު ޔޮއަވް ގެލެންޓް ރޭ ސީ.އެން.އެން.އަށް ބުންޏެވެ.
އިސްރާއީލުން ދޭ ހަމަލާއަކަށް އިރާނުން މި ފަހަރު މާ ވަރުގަދަ ބަދަލެއް ދީފާނެތީ އެ ކަމާ އިސްރާއީލުގެ އެންމެ އެކުވެރި ގައުމުކަމަށްވާ އެމެރިކާއާއެކު މަޝްވަރާކުރަމުންދާ ކަމަށް އޮފިޝަލަކު ބުންޏެވެ.
"އެމެރިކާއިން ގަބޫލުކުރަނީ އިސްރާއީލުން އިސްކަންދޭނީ އިރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިނުމުގެ ކުރިން އަސްކަރީ އަދި ޖާސޫސީ މަރުކަޒުތަކަށް ހަމަލާދޭން،" އެމެރިކާގެ އޮފިޝަލަކު ބުނި ކަމަށް ދަ ނިއު ޔޯކް ޓައިމްސްއިން ބުންޏެވެ.
އިރާނަށް އާ ހަމަލާއެއް ނުދިނުމަށް އިރާންގެ ހާރިޖީ ވަޒީރު އައްބާސް އަރާގްޖީ އިސްރާއީލަށް އިއްޔެ އިންޒާރުދިނެވެ.
ޣައްޒާއަށް އިސްރާއީލުން އަދިވެސް ދަނީ ހަމަލާދެމުންނެވެ. އެ ގޮތުން ރެފިއުޖީ ކޭމްޕަކަށް މިއަދު ދިން ވައިގެ ހަމަލާތަކެއްގައި 17 މީހުން ވަނީ ޝަހީދުވެފައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ދިން ހަމަލާއަށް އެއް އަހަރު ފާހަގަކުރުމުގެ މުނާސަބަތުގައި ހަމާސްގެ އަސްކަރީ ގޮފީގެ ތަރުޖަމާނެއް ކަމަށްވާ އަބޫ އުބައިދާ ބުނީ "އިސްރާއީލު ނެތިކޮށްލަން ދިގުމުއްދަތެއްގެ ހަނގުރާމައެއް ކުރިއަށްގެންދާނެ"ކަމަށެވެ.
"މި ހަނގުރާމަވެގެންއަންނާނީ އަހަރެމެންގެ ދުޝްމިނަށް ވޭނީ އަދި ގެއްލުން ހުރި ހަނގުރާމައަކަށް،" އޭނާ ބުންޏެވެ.
މީގެ އެއް އަހަރު ކުރިން ހަމާސްއިން ދިން ހަމަލާގައި އިސްރާއީލުގެ 1،200 އެއްހާ ޔަހޫދީން މަރުވިއިރު އޭގެ ބަދަލުގައި ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި އިސްރާއީލުން ވަނީ ފަލަސްތީނުގެ 40،000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލައިފައެވެ.



advertisment