އެމްބިއުލެންސެއް ވަގަށް ނަގަން ހިތަށްއަރާނީ ކާކު ހެއްޔެވެ؟ ނަމަވެސް އިނގިރޭސި ވިލާތުގައި މިދިޔަ އަހަރު ވަގަށް ނެގި ލައްކައަކަށްވުރެ ގިނަ އުޅަނދުތަކުގެ ތެރޭގައި ނުވަ އެމްބިއުލެންސް ހިމެނެއެވެ.
ޑްރައިވަރުންނާއި އުޅަނދު ރަޖިސްޓްރީކުރާ އިދާރާ، ޑްރައިވާ އެންޑް ވެހިކަލް ލައިސަންސިން އެޖެންސީ (ޑީ.ވީ.އެލް.އޭ)ގެ ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި އެމްބިއުލެންސްގެ އިތުރުން ގަބުރު ގެންދާ އުޅަނދެއް ވެސް ވަނީ ވަގަށްނަގައިފައެވެ.
"ކުނި ގެންދާ ލޮރީ އަދި މަގުތައް ކުނިކަހާ އުޅަނދު ވެސް ވަގަށްނަގައިފައިވޭ،" ޑީ.ވީ.އެލް.އޭ.އިން ބުންޏެވެ.
އިނގިރޭސި ވިލާތުގައި ވަގަށް ނެގި އުޅަނދުތަކުގެ ތެރޭގައި އެންމެ ގިނައީ ހެޗްބެކް ކާރެވެ. އެއީ 24،518 އެވެ. ދެވަނައަށް އެންމެ ގިނައިން ވަގަށްނެގީ އެސްޓޭޓް ކާރެވެ. އެއީ 20،685 އެވެ. ވަގަށްނެގި ސައިކަލް އަންނަނީ ތިން ވަނައަށެވެ. އެއީ 18،673 އެވެ. ހަތަރު ވަނައަށް ކުޑަ ވޭނެވެ. އެއީ 11،172 އެވެ.
"އެންމެ އާދަޔާހިލާފު ކަމަކަށް ފާހަގަކުރެވުނީ ނުވަ އެމްބިއުލެންސްގެ އިތުރުން ރައިޑް-އޮން ވިނަ ކޮށާ ހަތް ލޯން މޯވަރާއި ކުނި ނަގާ ހަތަރު ލޮރީ އާއި މަގު ކުނިކަހާ ތިން އުޅަނދާއި ތާރު އަޅާ ދެ އުޅަނދު ވަގަށްނެގުން،" ޑީ.ވީ.އެލް.އޭ.އިން ބުންޏެވެ.
މީގެ އިތުރުން ވެސް އާދަޔާހިލާފު ކަމެއްގެ ގޮތުގައި ފާހަގަކުރެވުނީ ގަބުރު ގެންދާ އުޅަނދަކާއި ކޮންކްރީޓް އެއްކުރާ އުޅަނދަކާއި ނަޖިސް ފެން އުކާލާ އުޅަނދަކާއި އަލިފާން ނިއްވާ ލޮރީއެއް ވަގަށް ނެގިކަމެވެ.
"މި ކަމުން އެނގެނީ މީހަކު ވަގަށްނުނަގާނެ އެއްގަމު އުޅަނދެއް ނެތްކަން،" އުޅަނދުފަހަރުގެ ކަންތައްތައް ދިރާސާކުރާ އަމިއްލަ ޖަމިއްޔާ، ރޯޔަލް އޮޓޮމޮބައިލް ކްލަބް (އާރް.އޭ.ސީ) ފައުންޑޭޝަނުން ބުންޏެވެ.
މި ތަފާސްހިސާބުތައް ހާމަކޮށްފައިވަނީ ފްރީޑަމް އޮފް އިންފޮމޭޝަން ނުވަތަ މައުލޫމާތުގެ މިނިވަންކަމުގެ ހައްގުގެ ދަށުން އާއްމުކުރި މައުލޫމާތުންނެވެ. މި ތަފާސްހިސާބުތަކުން ހާމަވީ ބަރާބަރު 106،524 އެއްގަމު އުޅަނދު ވަގަށް ނެގިކަމެވެ. މި އަދަދަކީ ފުލުހުންނަށް ހުށަހެޅި ރިޕޯޓްތައް ޑީ.ވީ.އެލް.އޭ.އާ ހިއްސާކުރުމުން އެ އިދާރާއިން އާއްމުކުރި މައުލޫމާތެވެ.
"މި ތަފާސްހިސާބުތަކުން އެނގުނީ ޓްރެކްޓަރަކުން ފެށިގެން ޓިޕާ އާއި ތާރު ސްޕްރޭކުރާ އުޅަނދެއް ވެސް ވަގަށްނަގައިފާނެކަން. ވަގަށްނުނަގާނެ ބާވަތެއްގެ އެއްގަމު އުޅަނދެއް ނެތްކަން،" އާރް.އޭ.ސީ ފައުންޑޭޝަންގެ ޑިރެކްޓަރު ސްޓީވް ގުޑިން ބުންޏެވެ.
"އަލުން ވިއްކައިލަން ނުވަތަ މަޖަލަށް ދުއްވައިލަން ވެސް ވަގަށްނަގައިފައިނެ. އެކަމަކު ގިނަ ފަހަރަށް އުޅަނދު ވަގަށްނަގަނީ އޭގެ ބައިބައި ވަކިކޮށް، ވަގަށް އެކްސްޕޯޓްކުރަން. މިހެން ހެދުމުން ގައުމުގެ އިދާރާތަކަށް ނޭނގި އެ ތަކެތީގެ ފައިދާ ނެގޭނެ،" ސްޓީވް ބުންޏެވެ.
ވިޔަފާރީގެ ގޮތުގައި ބޭނުންކުރާ އުޅަނދު ވަގަށްނެގުން ގިނަ ކަމަށް އޭނާ ފާހަގަކުރިއެވެ. އެއީ އެ ތަކެތީގެ އަގު ބޮޑުކަމުން ނުވަތަ އެ ތަކެތީގެ ބައިތައް ސްޕެއާޕާޓްގެ ގޮތުގައި ވިއްކައިލަން ކަމަށް ވެދާނެ ކަމަށް ސްޓީވް ބުންޏެވެ.
"މި ތަފާސްހިސާބުތަކުން ލިބޭ ފިލާވަޅަކީ އަހަރެމެން ގެންގުޅޭ އުޅަނދުތައް ވަގަށްނަގަން ފަސޭހަނުވާނެ ގޮތަކަށް އަހަރެމެންގެ އަމަލުތައް ބެހެއްޓުން. އެއީ ކުދި އަދި ބޮޑު އުޅަނދެއް ކަމަށް ވިޔަސް. އަދި އެ ބާއްވަނީ މަގުމަތީގައި ނުވަތަ ބަންދުކޮށްފައިވާ ގަރާޖެއްގައި ކަމަށް ވިޔަސް،" ސްޓީވް ބުންޏެވެ.
އެންމެ ގިނައިން ވަގަށްނެގި ކާރުގެ ބާވަތަކީ ފޯޑް ފިއެސްޓާކަމަށް ވަޓް ކާ މަޖައްލާއިން މި އަހަރު ކުރީކޮޅު ބުންޏެވެ. ދެވަނައަށް އެންމެ ގިނައިން ވަގަށްނެގީ ފޯޑް ފޯކަސްއެވެ. ތިންވަނައަށް ވޮކްސްވާގަން ގޯފެވެ.



advertisment