މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ފެށި ޣައްޒާ ހަނގުރާމައަށް އެއް އަހަރު ފުރުން މިއަދު ފާހަގަކުރިއިރު ގައުމުތަކުން ގޮވައިލީ ޣައްޒާ އާއި ލުބްނާނާ ދެކޮޅަށް އިސްރާއީލުން ދެމުންދާ ހަމަލާތައް ހުއްޓައިލުމަށެވެ.
ސުލްހައަށް ގޮވައިލަމުންކުރި މުޒާހަރާތަކުގައި ފަލަސްތީނަށާއި ލުބްނާނަށް ތާއީދުކުރާ މީހުންނާ، އިސްރާއީލަށް ތާއީދުކުރާ މީހުންނާ ދޭތެރޭ ކުރިމަތިލުންތައް ވެސް ހިނގިއެވެ.
ނިއު ޒިލެންޑްގެ ހައްދުފަހަނަޅައިފައިވާ ނަސޯރާއިންގެ ގްރޫޕެއް ކަމަށްވާ ޑެސްޓިނީ ޗާޗުން ވަނީ ފަލަސްތީނަށް ތާއީދުކުރާ މީހުންނަށް ހަމަލާދީފައެވެ. މި ކުރިމަތިލުން މަތަކުރަން 35 ފުލުހުން ހަރަކާތްތެރިވެ، ޕެޕާ ސްޕްރޭ ވެސް ބޭނުންކުރިއެވެ.
ބޮޑު ވަޒީރު ކްރިސްޓޮފާ ލަކްސޮން ވިދާޅުވީ ހަނގުރާމަ ހުއްޓައިލުމަށް ނިއު ޒިލޭންޑުން ގޮވައިލުމުގައި ކުރިއަށްދާނެ ކަމަށެވެ.
"ހަނގުރާމަކުރުމަކުން ސަރަހައްދުގައި އޮތް ނުތަނަވަސްކަމާއި ކުރިމަތިލުންތަކަށް ހަމަޖެހުމެއް ނުގެނެވޭނެ،" ފަލަސްތީނާއި އިސްރާއީލުގެ މިނިވަން ދެ ދައުލަތް ގާއިމުކުރުމަށް ގޮވައިލައްވަމުން ލަކްސޮން ވިދާޅުވިއެވެ.
ނިއު ޒިލޭންޑާ އަވަށްޓެރި އޮސްޓްރޭލިއާގެ ސިޑްނީ ސަހަރުގައި ހުންނަ އޮސްޓްރޭލިއާގެ އެންމެ ބޮޑު މިސްކިތް ދޮށުގައި ފަލަސްތީނަށް ތާއީދުކޮށް މުޒާހަރާއެއް ބޭއްވިއެވެ. އެ ކަމަށް މަގުފަހިކުރުމަށް އެ މަގު ވަނީ ޓްރެފިކަށް ބަންދުކޮށްފައެވެ.
ޕާކިސްތާނުގެ އެކި ސަހަރުތަކުގައި ވަނީ ފަލަސްތީނަށް ތާއީދުކޮށް، އެއްވުންތައް ބާއްވައިފައެވެ. މި މުޒާހަރާތަކުގައި ދަރިވަރުންނާއި އަންހެނުންނާއި ކުޑަކުދިން ވަނީ ބައިވެރިވެފައެވެ.
ޕާކިސްތާނާ އަވަށްޓެރި އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ވަނީ ޣައްޒާ ހަނގުރާމައާ ދެކޮޅަށް އަޑުއުފުލައި، އެ ކަމާ ގުޅޭ ލަވަތައް ކިޔުމުގައި އެތައް ބަޔަކު ބައިވެރިވެފައެވެ.
އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގައި ހާހެއްހާ މީހުން އިއްޔެ ވަނީ އެމެރިކާގެ އެމްބަސީ ކައިރިއަށް އެއްވެ، އިސްރާއީލަށް ހަތިޔާރު ދިނުން ހުއްޓައިލުމަށް އެމެރިކާ ސަރުކާރަށް ގޮވައިލައިފައެވެ.
މަޣްރިބް ކަރައިގައި އެތައް ހާސް ބަޔަކު މަގުމައްޗަށް ނުކުމެ ފަލަސްތީނު ދިދަތައް ވިހުރުވަމުން ސަރުކާރަށް ގޮވައިލީ އިސްރާއީލާ ޑިޕްލޮމެޓިކް ގުޅުން ކަނޑައިލުމަށެވެ. އެ ގައުމުން 2020 ގައި ވަނީ އިސްރާއީލާއެކު ޑިޕްލޮމެޓިކް ގުޅުން ގާއިމުކޮށްފައެވެ.
ތުރްކިޔެގައި ވެސް ވަނީ އެތައް ހާސް ބަޔަކު ފަލަސްތީނަށް ތާއީދުކުރާ ޝިޔާރުތައް ފާޅުކުރަމުން މަގުތަކުގައި ހިނގައިފައެވެ.
ނަސޯރާއިންގެ ގޮތްޕެއް ކަމަށްވާ ކެތޮލިކް ފައްޅީގެ އިސް ފާދިރީ ޕޯޕް ފްރާންސިސް ވެޓިކަންގައި ހުރެގެން ވަނީ ޣައްޒާ އާއި ލުބްނާންގައި ހިންގަމުންދާ ހަނގުރާމަ ހުއްޓައިލުމަށް ގޮވައިލައިފައެވެ.
"ޣައްޒާ އާއި ލުބްނާނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ހަނގުރާމަ ހުއްޓައިނުލައިފި ނަމަ މިހާރަށްވުރެ ބޮޑު ހަނގުރާމައަކަށް މި ކަން ބަދަލުވެގެން ހިނގައިދާނެ،" ފްރާންސިސް ބުންޏެވެ.
އެމެރިކާގެ ނިއު ޔޯކް ސަހަރުގައި ހޮނިހިރު ދުވަހު އެތައް ހާސް ބަޔަކު ވަނީ ހިނގައިލުމެއް ބާއްވައިފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގައި ޝަހީދުކޮށްލި މީހުންގެ ފޮޓޯތައް ވެސް މި ހިނގާލުމުގެ ބައިވެރިން ހިފައިގެން ހުއްޓެވެ.
ވެރިރަށް ވޮޝިންޓަން ޑީ.ސީ.ގައި މީހަކު އަމިއްލައަށް ގައިގައި ރޯކޮށްލިއެވެ. އެ ވަގުތު ހާހެއްހާ މީހުން ތިބީ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް ދޮށަށް އެއްވެފައެވެ. އެ މީހުން އެމެރިކާ ސަރުކާރަށް ގޮވައިލަމުންއައީ އިސްރާއީލަށް އެމެރިކާއިން ހަތިޔާރު ދިނުން ހުއްޓައިލުމަށެވެ.
ޔޫރަޕްގެ އިއްތިހާދުގައި ހިމެނޭ ގިނަ ގައުމުތަކުގައި ވެސް އިއްޔެ އާއި ހޮނިހިރު ދުވަހު ވަނީ މެދުއިރުމަތީގައި ހިންގަމުންދާ ހަނގުރާމަތައް ހުއްޓައިލުމަށް ގޮވައިލައި އެއްވުންތައް ބާއްވައިފައެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސްއިން އިސްރާއީލަށް ހަމަލާދީ 1،200 ޔަހޫދީން މަރައިލުމުން އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 40،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލައިފައެވެ. މިހާރު ލުބްނާނާ ދެކޮޅަށް އިސްރާއީލުން ދެމުންދާ ހަމަލާތަކުގައި 2،000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.



advertisment