Support Us

މިލުޓިން އޮސްމެޖިކް (ކ) އޮވެން ބެކްގެ ބުރަކަށީގައި ދަތްއަޅަނީ

ބުރަކަށީގައި ދަތްއެޅުމުން 8 މެޗަށް ސަސްޕެންޑް

ޕްރެސްޓަންގެ ސްޓްރައިކަރު މިލުޓިން އޮސްމެޖިކް ބްލެކްބާން ރޯވާސްގެ ޑިފެންޑަރު އޮވެން ބެކްގެ ބުރަކަށީގައި ދަތްއެޅުމުން އަށް މެޗަށް ސަސްޕެންޑްކޮށް، 15،000 ޕައުންޑް (301،253ރ.)އިން ޖޫރިމަނާކޮށްފިއެވެ.

ލަންކަޝަޔާގެ މި ދެ ކްލަބް މިދިޔަ މަހު 22 ގައި ކުޅުނު ސްކައި ބެޓް ޗެމްޕިއަންޝިޕްގެ ޑީޕްޑޭލްގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހިއެވެ.

"ބެކްގެ ބުރަކަށީގައި ދަތްއެޅިކަމުގެ ނިޝާން ފެންނަން އެބަހުރި. އޭނާ އެ ތަން ހުރިހާ އެންމެންނަށް ދެއްކި. ވަރަށް މަޑުމަޑުން މި ވަގުތު ހުރީ. ބެލެވެނީ ޝޮކެއް ޖެހިފައިވާކަމަށް،" މެޗު ނިންމައިލައިފައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބްލެކްބާންގެ ވެރިޔާ ޖޯން ޔޫސްޓެސް ބުންޏެވެ.

ފުޓްބޯލް އެސޯސިއޭޝަންގެ ތަރުޖަމާނަކު ހުކުރު ދުވަހު ބުނީ ބެކްގެ ބުރަކަށީގައި ދަތްއެޅިކަމަށް އޮސްމެޖިކް އެއްބަސްވެފައިވާ ކަމަށެވެ.

"އެ ސްޓްރައިކަރު (އޮސްމެޖިކް) ވަނީ 87 ވަނަ މިނެޓުގައި އިދިކޮޅު ކުޅުންތެރިއަކަށް (ބެކްއަށް) އަނިޔާވެރި ހަމަލާއެއް ދީފައިވާކަމަށް އެއްބަސްވެފައި. މިނިވަން ކޮމިޝަނަކުން ތަހުގީގެއް ހިންގުމަށް ފަހު އަޑުއެހުމެއް ބާއްވައިފައި އޭނާ (އޮސްމެޖިކް)އާ ދެކޮޅަށް ފިޔަވަޅު އަޅައިފައިވަނީ. ލިޔުމުން މި ކަން އަދި ހާމަކުރާނަން،" ތަރުޖަމާނު ބުންޏެވެ.

ވޭލްސްގެ ބައިނަލްއަގުވާމީ ޑިފެންޑަރު ބެކްއަކީ ލިވަޕޫލުން ލޯނެއްގެ ދަށުން ދޫކޮށްފައިވާ ކުޅުންތެރިއެކެވެ. އޮސްމެޖިކް ދަތްއެޅި ފަހުން ޑުއޭން ހޯމްސްގެ ގައިގައި ކޮޅުފައިން ޖެހުމުން ބެކް ވަނީ ދަނޑުން ފޮނުވައިލައިފައެވެ.

ބެކް އާއި އޮސްމެޖިކް އަނެއްކާ ވެސް މި މަހު ކުރިމަތިލާން ޖެހިދާނެއެވެ. ސަބަބަކީ މި މަހުގެ 14 ވަނަ ދުވަހު ބާއްވާ ނޭޝަންސް ލީގް މުބާރާތުގައި މޮންޓެނީގްރޯ ވޭލްސްއާ ބައްދަލުކުރާ މެޗުގައި މޮންޓެނީގްރޯ ޓީމުގައި އޮސްމެޖިކް ހިމަނައިފައިވާތީއެވެ.

މެޗެއްގެ ތެރެއިން އަނިޔާވެރި އަމަލެއް ހިންގައިގެން ފުޓުބޯޅަ ކުޅުންތެރިއަކަށް ދިގު މުއްދަތުގެ ފިޔަވަޅެއް އެޅި މިއީ ފުރަތަމަ ފަހަރެއް ނޫނެވެ.

އެޕްރިލް 2013 ގައި އުރުގުއާއީގެ ލުއިސް ސުއަރެޒް ލިވަޕޫލްއަށް ކުޅުނުއިރު 10 މެޗަށް ސަސްޕެންޑްކުރިއެވެ. އެއީ ޗެލްސީއާ ދެކޮޅަށް ޕްރިމިއާ ލީގުގައި ކުޅުނު މެޗެއްގައި ބްރަނިސްލަވް އިވަނޮވިކްގެ ގައިގައި ދަތްއެޅުމުންނެވެ.

ފްރާންސްގެ އެރިކް ކެންޓޯނާ ނުވަ މަހަށް ސަސްޕެންޑްކުރިއެވެ. ޖަނަވަރީ 1995 ގައި ސެލްހާސްޓް ޕާކްގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗެއްގައި ކްރިސްޓަލް ޕެލަސްގެ ސަޕޯޓަރެއްގެ ގައިގައި ކުން ފޫ ސްޓައިލަށް ޖެހުމުންނެވެ.

ސެޕްޓެމްބަރު 1998 ގައި އާސަނަލްއާ ދެކޮޅަށް ކުޅުނު މެޗެއްގައި ޝެފީލްޑް ވެންސްޑޭގެ ޕައޮލޯ ޑި ކާނިއޯ ވަނީ ރެފްރީ އެލްކޮކް ކޮއްޕައިލުމުން ދަނޑުން ފޮނުވައިލައިފައެވެ. ޑި ކާނިއޯ ރުޅި އިސްކުރީ ރަތް ކާޑެއް ދެއްކުމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *