Support Us

ތޫނިސްގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރައްވާނެ ކަމަށް ބެލެވެނީ މިހާރުގެ ރައީސް ކައިސް ސައީދު

ތޫނިސްގެ ރިޔާސީ އިންތިހާބުގެ ވޯޓުލައިފި

ތޫނިސްގެ ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ބާއްވައިފިއެވެ.

އަންނަ ބުދަ ދުވަހު ނުވަތަ އޭގެ ކުރިން ވެސް ނަތީޖާ ލިބިގެންދާނެ ކަމަށް ބެލެވޭ އިންތިހާބުގައި ކުރި ހޯއްދަވާނީ މިހާރު ރައީސް ކައިސް ސައީދު ކަމަށް ބެލެވެއެވެ. ސަބަބަކީ އޭނާއާ އިދިކޮޅު ހުރިހާ އެންމެން ޖަލަށް ލައިފައިވާތީއެވެ.

"ވެރިކަމަށް ވަޑައިގަތްތާ ތިން އަހަރު ފަހުން މި އިންތިހާބު ވެގެންދާނީ ތޫނިސްގެ ޑިމޮކްރެސީގެ ނިމުމަކަށް،" ސިޔާސީ ތަޖުރިބާކާރަކު ބުންޏެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 9.7 މިލިއަން މީހުންގެ ތެރެއިން ގިނަ ބަޔަކު ވޯޓު ނުލާނެ ކަމަށް ވަނީ ބެލެވިފައެވެ. އެއީ ގައުމުގެ އިގުތިސާދު އަނދަވަޅަކަށް ވެއްޓި، އަދި އިދިކޮޅު ކެންޑިޑޭޓުން ޖަލަށް ލައިފައިވާތީއެވެ.

"ކެމްޕޭން ކުރުމެއް ނެތް. ކެންޑިޑޭޓުންގެ މެދުގައި ބަހުސްކުރުމެއް ނެތް. މަގުމަތީގައި ހުރީ މުޅިން ކަހަލަ ގޮތަކަށް ސައީދުގެ ޕޯސްޓަރުތައް،" ސިޔާސީ ތަޖުރިބާކާރަކު ބުންޏެވެ.

"ވޯޓުލުމަކީ ބޭކާރު ކަމެއް. ސިޔާސީ ކަންތައްތަކަކާ އަހަރެމެން ނުބެހެން،" މުހައްމަދު ނަމަކަށް ކިޔާ 22 އަހަރުގެ ޒުވާނަކު އޭ.އެފް.ޕީ.އަށް ބުންޏެވެ. އޭނާގެ ފުރިހަމަ ނަން އިންޓަވިޔުގައި ނުދިނީ ސަރުކާރުން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅައިފާނެތީ ކަމަށް އޭނާ ބުންޏެވެ.

ހުދުމުހުތާރު ވެރިކަންތައް ވައްޓައިލި އަރަބި ދުނިޔޭގެ "އަރަބް ސްޕްރިންގް" ނުވަތަ "އަރަބި ރަބީއު މޫސުމު"ގެ އުފަން ގައުމު ކަމަށް ވިޔަސް ތޫނިސް ފަހުން ވަނީ އެހެން މަގަކަށް އަޅައިފައެވެ. އެއީ 2019 ގައި ޑިމޮކްރެޓިކްކޮށް އިންތިހާބުވި ނަމަވެސް 2021 ގައި ސަރުކާރުގެ މައްޗަށް ސައީދު ބާރު ފޯރުވައި ގާނޫނު ހަދާ މަޖިލިސް އުވައިލުމުންނެވެ. މި ކަމާ ގުޅިގެން ތޫނިސް އާއި އެހެން ގައުމުތަކުން ސައީދުއާ ދެކޮޅަށް ފާޑުކިޔަން ފެށިއެވެ.

އިންސާނީ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ ޖަމިއްޔާ، ހިއުމަން ރައިޓްސް ވޮޗްއިން ބުނީ ތޫނިސްގައި 170 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ ސިޔާސީ ކަންކަމުގައާއި އަސާސީ ހައްގުތައް ހޯދަން މަސައްކަތްކުރުމުންނެވެ.

ބަންދުކޮށްފައިވާ މީހުންގެ ތެރޭގައި މުހައްމަދު ޣަނޫޝީ ހިމެނެއެވެ. އޭނާއަކީ އިދިކޮޅު އިސްލާމީ ޕާޓީ އައްނަހުޒާގެ ވެރިޔާއެވެ. އެއީ އިންގިލާބަށް ފަހު ތޫނިސްގެ ސިޔާސީ ކަންތައްތަކުގައި ނަގާކިއި ޕާޓީއެވެ.

އޭގެ އިތުރުން ބަންދުކުރި މީހުންގެ ތެރޭގައި ފްރީ ކޮންސްޓިޓިއުޝަނަލް ޕާޓީގެ ވެރިޔާ އަބީރު މޫސީ ހިމެނެއެވެ. އޭނާއަށް ފާޑުކިޔުން އަމާޒުވެފައިވަނީ 2011 ގައި ބޭރުކޮށްލި ވެރިކަން އަލުން އަނބުރާ ގެންނަން މަސައްކަތްކުރުމުންނެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު ޖަލަށް ލި މީހުންގެ ތެރޭގައި އަޔާޝީ ޒާމިލް ހިމެނެއެވެ. އޭނާއަށް ވަނީ 12 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.

އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕުން ހުކުރު ދުވަހު ބުނީ ސައީދު ގައުމިއްޔަތު މާނަކުރައްވައި ގޮތާއި ތޫނިސްގެ އިގުތިސާދީ މައްސަލަތަކުގެ ސަބަބުން ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ޝައުގުވެރިކަން އާއްމު ރައްޔިތުންގެ މެދުގައި ނެތް ކަމަށެވެ.

"ސައީދު އަލުން ވެރިކަމަށް ވަޑައިގަތްފި ނަމަ ތޫނިސްގެ އިޖުތިމާއީ އަދި އިގުތިސާދީ މައްސަލަތައް އިތުރުވެ، ޑިމޮކްރެސީއަށް އޮތް ނުރައްކާ އިތުރަށް ބޮޑުވާނެކަމަށް ގިނަ ބަޔަކު ދެކޭ،" އެ ތިންކް ޓޭންކުން ބުންޏެވެ.

ހުކުރު ދުވަހު އެތައް ސަތޭކަ ބަޔަކު ވަނީ ވެރިރަށުގައި މުޒާހަރާކޮށްފައެވެ. ބައެއް މީހުން ހިފައިގެން ތިބި ލިޔުންތަކުގެ ތެރޭގައި ސައީދު ސިފަކޮށްފައިވަނީ "ގާނޫނަށް ނުފޫޒު ފޯރުވާ ފިރުއައުނެއް"ގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *