އިސްރާއީލާ ދެކޮޅަށް އިރާންގެ ތާއީދު ލިބިގެން ހަނގުރާމަ ކުރަމުން އަންނަ ދެ ލީޑަރަކަށް އަނެއްކާވެސް ހަމަލާ ދީފިއެވެ.
އިސްރާއީލުން އެންމެ ފަހުން މިހާރު ވަނީ ހިޒްބުﷲގެ ޝަހީދުކޮށްލައިފައިވާ ވެރިޔާ ހަސަން ނަސްރުﷲގެ ބަދަލުގައި ހަމަޖައްސަން އުޅުނު ލީޑަރު ހާޝިމް ސަފީއައްދީން އަވަހާރަކޮށްލަން ހަމަލާދީފައެވެ.
"ސަފީއައްދީނަށް އަމާޒުކޮށް އިސްރާއީލުން އިއްޔެ ހަމަލާއެއް ދިން. އޭގެ ފަހުން އޭނާގެ ހަބަރެއް ނުވޭ،" ލުބްނާންގެ ސަލާމަތީ އޮފިޝަލަކު ބުންޏެވެ.
ހަމާސްއިން ބުނީ އެ ޖަމާއަތުގެ ކޮމާންޑަރެއް ކަމަށްވާ ސައީދު އަތާއަﷲ އަލީ އިސްރާއީލުން ދިން ހަމަލާއެއްގައި ލުބްނާންގައި އަވަހާރަކޮށްލައިފައިވާ ކަމަށެވެ.
"އަތާއަﷲގެ އަނބިމީހާ ޝައިމާ އައްޒާމް އާއި ދެ އަންހެން ދަރިފުޅު ކަމަށްވާ ޒައިނަބު އަދި ފާތިމާ ވެސް ވަނީ މި ހަމަލާގައި ޝަހީދުވެފައި،" ހަމާސްއިން ބުންޏެވެ.
އެ ޖަމާއަތުން ބުނީ އަތާއަﷲ އާއި އޭނާގެ އާއިލާ އަވަހާރަކޮށްލީ ލުބްނާންގައި ހުންނަ ފަލަސްތީނުގެ ރެފިއުޖީން ތިބޭ ބަދާވީ ކޭމްޕަށް އިސްރާއީލުން ދިން ހަމަލާއެއްގައި ކަމަށެވެ.
"ލުބްނާންގެ އެންމެ އުތުރުގައި އޮންނަ ޓްރިޕޮލީ ސަރަހައްދުގެ މި ކޭމްޕަކީ މީގެ ކުރިން އިސްރާއީލުން ހަމަލާދީފައިވާ ސަރަހައްދެއް ނޫން. އަތާއަﷲގެ ދެ ދަރިފުޅަކީ ކުޑަކުދިން،" ހަމާސްއިން ބުންޏެވެ.
އަތާއަﷲއަކީ ހަމާސްގެ ލުބްނާންގައި ހަރަކާތްތެރިވާ އަލް-ގަސާމް ފައުޖުގެ ވެރިއެކެވެ. އޭނާ އަވަހާރަކޮށްލައިފައިވާކަން ހަމާސްއިން އިއުލާންކުރީ މިއަދު ނެރުނު ބަޔާނެއްގައެވެ.
އިރާނުގެ ތާއީދު ލިބިފައިވާ ހަމާސްއިން ބުނީ ޣައްޒާ ހަނގުރާމަ ހުއްޓައިނުލަނީސް އިސްރާއީލަށް ހަމާސްއިން ދެމުންއަންނަ ހަމަލާތައް ހުއްޓައިނުލައިނެ ކަމަށެވެ.
އަތާއަﷲ އަވަހާރަކޮށްލައިފައިވާކަން އިސްރާއީލުގެ އަސްކަރިއްޔާ، އިސްރާއީލް ޑިފެންސް ފޯސަސް (އައި.ޑީ.އެފް) އާއި އިސްރާއީލުގެ ޖާސޫސީ އިދާރާ ޝިން ބެތުން ވަނީ ކަށަވަރުކޮށްދީފައެވެ.
"އަތާއަﷲއަކީ ލުބްނާންގައި ހަރަކާތްތެރިވާ ހަމާސްގެ އަސްކަރީ ގޮފީގެ އިސްވެރިއެއް. އިސްރާއީލުގެ އަމާޒުފަތްގަނޑުތަކަށް ހަމަލާދީ، ލުބްނާންގައި ހަމާސްއަށް ހަނގުރާމަވެރިން ހޯދުމުގައި އެހީވި މީހެއް،" އައި.ޑީ.އެފް އާއި ޝިން ބެތުން ގުޅިގެން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ޓްރިޕޮލީއަކީ ލުބްނާންގެ ދެވަނައަށް އެންމެ ބޮޑު ސަހަރެވެ. ހިޒްބުﷲ އާއި އިސްރާއީލާ ދެމެދު 2006 ގައި ހިނގި ކުރިމަތިލުންތަކުގެ ފަހުން އެ ސިޓީގައި ހަނގުރާމައެއް ނުހިނގާ ކަމަށް ބެލެވިފައިވެއެވެ. އެ ގޮތުން، އިސްރާއީލުން ހަމަލާ ދެމުންދަނީ އާއްމު ގޮތެއްގައި ލުބްނާންގެ ދެކުނު ސަރަހައްދުތަކަށެވެ. އޭގެ ތެރޭގައި ލުބްނާންގެ ވެރިރަށް ބައިރޫތުގެ ދެކުނު ސަރަހައްދުތަކުގައި ހިޒްބުﷲގެ ބާރު ހިނގާ ހިސާބުތައް ހިމެނެއެވެ.
އަންނަ ހޯމަ ދުވަހު ޣައްޒާ ހަނގުރާމައަށް ބަރާބަރު އެއް އަހަރުވާނެއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ވޭތުވެދިޔަ 11 މަސް ދުވަހުގެ ތެރޭގައި ފަލަސްތީނުގެ 40،000 އަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލައިފައެވެ. ހަމާސްއިން ދިން ހަމަލައިގައި ޔަހޫދީންގެ 1،200 މީހުން މަރުވިކަމުގެ އުޒުރު ދައްކައިފައެވެ.
ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން މިއަދު ވިދާޅުވީ ފްރާންސުން މިހާރު އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދިނުން ހުއްޓައިލައިފައިވާ ކަމަށެވެ. އަދި އެހެން ގައުމުތަކަށް ވެސް ގޮވައިލެއްވީ އިސްރާއީލަށް ހަތިޔާރު ނުދިނުމަށެވެ.
"އަހަރެން މިއަދު ބޭނުމީ އަނބުރާ ސިޔާސީ ހައްލަކަށް ދިއުމަށް އިސްކަމެއް ދިނުން. ޣައްޒާގައި ބޭނުންކުރުމަށް އިސްރާއީލަށް ހަތިޔާރު ނުދިނުން،" ފްރާންސްގެ ފްރާންސް އިންޓައަށް މެކްރޮން ވިދާޅުވިއެވެ.



advertisment