ރަޝިއާއަށް ޖާސޫސްކޮށްދޭ ކަމަށް ތުހުމަތު ކުރެވުނު "ބަލޫގާ" ބާވަތުގެ ބޮޑުމަސް މިދިޔަ އޯގަސްޓް މަހު މަރުވީ އަނގައިގެ އިންފެކްޝަނެއްގައި ކަމަށް ނޯވޭގެ ވެޓުން ބުނެފިއެވެ.
ނޯވޭގެ ފުލުހުން އިއްޔެ ބުނީ "ހުވަލްޑިމިއާ" ވަނަމަކަށް ކިޔި މި ބޮޑުމަހުގައި ބަޑިއެއްގެ އުންޑަ އަރައިފައިވާ ކަހަލަ ޒަހަމެއް ނެތް ކަމަށެވެ.
ނޯވޭއަށް ހުވަލްޑިމިއާ ފުރަތަމަ އައީ 2019 ގައެވެ. އެ ހިސާބުން އެ ބޮޑުމަސް ނޯވޭގެ ރައްޔިތުންގެ މެދުގައި މަގުބޫލުވިއެވެ.
ހުވަލްޑިމިއާގެ ވަނަން ދިނީ ނޯވޭގައި ބޮޑުމަހަށް "ހުވަލް" ކިޔައިތީ އާއި ރަޝިއާއަށް ޖާސޫސްކޮށްދޭ ކަމަށް ތުހުމަތުކުރާތީ އެ ކަމަށް ހަޖޫޖެހުމުގެ ގޮތުންނެވެ.
އޯގަސްޓް މަހުގެ 31 ވަނަ ދުވަހު ނޯވޭގެ ހުޅަނގުދެކުނު އައްސޭރީގައި ހުވަލްޑިމިއާ މަރުވެފައި އޮއްވައި ފެނުމުން ނޯވޭގެ ޖަނަވާރުން ހިމާޔަތްކުރަން މަސައްކަތްކުރާ ޖަމިއްޔާތައް ކަމަށްވާ ނޯއާ އާއި ވަން ވޭލުން ބުނީ ހުވަލްޑިމިއާ ބަޑިޖަހައި މަރައިލީ ކަމަށެވެ. އަދި މިހެން ބުނުމަށް ފަހު އެ ދެ ޖަމިއްޔާއިން ވަނީ ފުލުސް އޮފީހުގައި ރިޕޯޓެއް ފައިލްކޮށްފައެވެ.
ނޯވޭގެ ހައިވާނުންގެ ފަރުވާއާ ބެހޭ މުއައްސަސާ ނޯވޭޖިއަން ވެޓެރިނަރީ އިންސްޓިޓިއުޓުން ހުވަލްޑިމިއާގެ ޕޯސްޓްމޯޓަމެއް ހެދުމަށް ފަހު ބުނީ ހުވަލްޑިމިއާގެ އަނގައިގައި 14 އިންޗި ދިގުމިނުގައި ހުރި ދަނޑިކޮޅެއް ތާށިވެފައިވާ ކަމަށެވެ.
"މި ކަމުގެ ސަބަބުން ކެއުމަށް ހުރަސްއެޅި އިންފެކްޝަން އިތުރަށް ސީރިއަސްވިކަމަށް ބެލެވޭ،" ފުލުސް އޮފިސަރު އާމުންޑް ޕްރިއެޑް ރެވްހައިމް ބުންޏެވެ.
އޭނާ ބުނީ ހުވަލްޑިމިއާގެ ހަށިގަނޑުން ވަޒަނެއް ފެނިފައިވާ ނުވާ ކަމަށާއި މިހެންވެ މި މައްސަލަ އިތުރަށް ތަހުގީގުނުކުރަން ނިންމައިފައިވާ ކަމަށެވެ.
"ވެޓުން ބެލިބެލުމުން އެނގުނީ ގަވައިދާ ހިލާފަށް ހުވަލްޑިމިއާ މަރައިލީކީ ނޫންކަން،" ރެވްހައިމް ބުންޏެވެ.
ހުވަލްޑިމިއާ ނޯވޭއަށް އައި ފުރަތަމަ ފަހަރު އެ ގައުމުގެ މެރިން ބައިލޮޖިސްޓުން ވަނީ އެ ސޮރުގެ ގައިގައި ކެމެރާއެއް ހަރުކުރަން ތައްޔާރުކޮށްފައިވާ ކަމަރެއް ފެނި، އޭތި ނައްޓައިލައިފައެވެ. ރަޝިއާއަށް ޖާސޫސްކޮށްދޭ ބޮޑުމަހެއް ކަމަށް ތުހުމަތުކުރެވުނީ ރަޝިއާގެ ސަހަރެއްކަމަށްވާ ސެއިންޓް ޕީޓަސްބާގްގެ ނަން މި ކަމަރުގައި ލިޔެފައިވާތީއެވެ.
ނޯވޭއަށް އައި އިރު ވެސް ހުވަލްޑިމިއާ އިންސާނުންނާ ރައްޓެއްސެވެ. މިހެންވެ މިއީ ރަޝިއާގެ ކަނޑުގެ ސިފައިން ތަމްރީންކޮށްފައިވާ ބޮޑުމަހެއް ކަމަށް ބެލެވޭ ކަމަށް ނޯވޭގެ އޮފިޝަލުން އެއިރު ބުންޏެވެ.
ހުވަލްޑިމިއާއަކީ ރަޝިއާއަށް ޖާސޫސްކޮށްދޭ ބޮޑުމަހެއްތޯ ނުވަތަ ނޫންތޯއާމެދު ރަޝިއާއިން މިހާތަނަށް އެއްވެސް އެއްޗެކޭ ބުނެފައެއް ނުވެއެވެ.



advertisment