އިސްރާއީލަށް އަންގާރަ ދުވަހު އިރާނުން ދިން ވައިގެ ހަމަލާތަކަކީ އިސްރާއީލުގެ "ހައިރާންކުރަނިވި ކުށްތަކަށް" ދިން ހަމަލާތަކުގެ އަދި ކުޑަ މިންވަރެއް ކަމަށް އިރާންގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ މިއަދު ވިދާޅުވެއްޖެއެވެ.
ވެރިރަށް ތެހެރާންގައި ހުކުރު ނަމާދު އިމާމްވެވަޑައިގަތް ކުރައްވަމުން ހުތުބާގައި ހާމަނާއީ ވިދާޅުވީ ހަމާސް އާއި ހިޒްބުﷲ އަކީ "މެދު އިރުމައްޗަށާއި މުޅި ދުނިޔެއަށް މުހިންމު ހިދުމަތެއް ދޭ" ދެ ޖަމާއަތް ކަމަށެވެ.
ފާރިސީ ބަހުން ވާހަކަ ދައްކަވާ ހާމަނާއީ ހުތުބާގެ އެއްބައިގައި ވާހަކަދެއްކެވީ އަރަބި ބަހުންނެވެ. އެއީ ފަލަސްތީނާއި ލުބްނާންގައި ތިބި އޭނާއަށް ތާއީދުކުރާ ރައްޔިތުންނަށް އޭނާގެ ހުތުބާ ފަހުމްވުމަށް އެހީއެއްގެ ގޮތުންނެވެ.

މިއީ 2020 އަށް ފަހު ހާމަނާއީ އާއްމުންނާ މުހާތަބުކުރައްވާ ވާހަކަދެއްކެވި ފުރަތަމަ ފަހަރެވެ. އޭގެ ކުރިން އާއްމު ތަގުރީރެއް ދެއްވައިފައިވަނީ 2012 ގައެވެ. ހާމަނާއީ 2020 ގައި އާއްމުންގެ ކުރިމައްޗަށް ނުކުމެވަޑައިގަތީ އިރާނުގެ އެންމެ އިސް އަސްކަރީ ވެރިޔާ ގާސިމް ސުލައިމާނީ އެމެރިކާއިން ޝަހީދުކޮށްލުމުންނެވެ.
މީގެ ތިން ދުވަސް ކުރިން އިރާނުން ވަނީ އިސްރާއީލަށް 200 އެއްހާ މިސައިލް ފޮނުވައިލައިފައެވެ. އެއީ ހިޒްބުﷲގެ ވެރިޔާ ހަސަން ނަސްރުﷲ ޝަހީދުކޮށްލުމާ ގުޅިގެންނެވެ.
ހާމަނާއީ ވިދާޅުވީ މެދުއިރުމަތީގައި އިސްރާއީލާ ދެކޮޅަށް ހަނގުރާމަކުރާ ކޮންމެ ޖަމާއަތަކަށް ވެސް އިރާނުން އެހީތެރިވާނެ ކަމަށެވެ.
"އިސްރާއީލާ ދެކޮޅަށްކުރާ ހަނގުރާމައިގައި އަހަރެމެން ފަހަތަކަށް ނުޖެހޭނަން،" ހާމަނާއީ ވިދާޅުވިއެވެ.
ހާމަނާއީ ހުކުރު ކުރެއްވީ އޭނާ ފިއްލަވައިގެން ނޫޅުއްވާކަން ހާމަކުރެއްވުމަށް ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ. ނަސްރުﷲ ޝަހީދުކޮށްލުމާ ގުޅިގެން ހާމަނާއީ ހުންނެވީ ރައްކާތެރި ތަނެއްގައި ކަމަށް ދާދި ފަހުން ވަނީ އަޑުފެތުރިފައެވެ.
ނަސްރުﷲގެ ކުރިން މިދިޔަ ޖުލައި މަހު ހަމާސްގެ ސިޔާސީ ވެރިޔާ އިސްމާއީލް ހަނިއްޔާ ވަނީ ތެހެރާންގައި ޝަހީދުކޮށްލައިފައެވެ. އެ ކަމުގެ ފަހަތުގައި ވެސް ވަނީ އިސްރާއީލު ކަމަށް ބެލެވެއެވެ.
ހާމަނާއީ ވިދާޅުވީ އަންގާރަ ދުވަހު އިރާނުން އިސްރާއީލަށް ދިން ވައިގެ ހަމަލާތަކާ ދެކޮޅަށް އިރާނަށް ހަމަލާ ދީފި ނަމަ އޭގެ ބަދަލު ހިއްޕަވާނެ ކަމަށެވެ.
"އިސްރާއީލަށް އަލުން ހަމަލާ ދޭން ޖެހިއްޖެ ނަމަ އެ ކަން ކުރިމަގުގައި ވެސް އަހަރެމެން ކުރާނަން،" ހާމަނާއީ ވިދާޅުވިއެވެ.



advertisment