މި ދިޔަ ހަފުތާގައި ދުނިޔޭގެ ދަމާބާރުގެ ތެރެއިން ދުނިޔޭގެ އޯބިޓަށް ވަތް ގިނިހިލައެއް 57 ދުވަސް ވަންދެން ދުނިޔެ ވަށައިގެން ބުރުޖަހާނެކަމަށް ސައިންސްވެރިން ބުނެފިއެވެ.
މިހެންވެ އަންނަ މަހުގެ 25 އާ ހަމައަށް ދުނިޔޭގައި ދެ "ހަނދު" ހުންނާނެ ކަމަށް ސްޕެއިންގެ ކޮމްޕްލުޓެންސް ޔުނިވާސިޓީން ބުންޏެވެ.
ގާތްގަނޑަކަށް 33 ފޫޓު ނުވަތަ ބަހެއްގެ ބޮޑުމިން ހުރި މި ގިނިހިލައަށް ދީފައިވާ ނަމަކީ "2024 ޕީ.ޓީ.5″އެވެ. ނުޖޫމީ އިލްމްވެރިންނަށް މި ގިނިހިލަ ފެނިފައިވަނީ މިދިޔަ އޯގަސްޓް މަހު ދެކުނު އެފްރިކާގައި ހުރި ވަރުގަދަ ޓެލެސްކޯޕަކުންނެވެ.
"މި ފަދަ ގިނިހިލަތަކަކީ އަހަރެމެން ހީނުކުރާ ވަރަށްވުރެ އާއްމު އެއްޗަކަށް ވެދާނެ،" އެމެރިކާގެ މަސަޗުސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޯލޮޖީގެ ރިޗަޑް ބިންޒެލް ބުންޏެވެ.
އޭނާ ބުނީ ދުނިޔޭގެ ދަމާބާރުގައި ވަގުތީ ގޮތުން ހިފެހެއްޓުނު ގިނިހިލައެއް އެންމެ ފަހުން ފެނިފައިވަނީ 2020 ގައި ކަމަށެވެ.
"އަހަރެމެންނަށް މި ފަދަ ގިނިހިލަ ފެންނަނީ ވަރަށް މަދުން. ސަބަބަކީ ސައިޒް ކުޑަކަމުން. ވަރަށް ފަހުން އާއްމުކޮށް މި ފަދަ ގިނިހިލަ ހޯދުމުގެ ގާބިލިއްޔަތުކަން ލިބުނީ،" ބިންޒެލް ބުންޏެވެ.
ދުނިޔެ ވަށައި މިހާރު ބުރުޖަހަމުން އަންނަ 2024 ޕީ.ޓީ.5 ގިނިހިލަ ހޯދުނީ ކާލޮސް އަދި ރައުލް ޑި ލަ ފުއެންޓެ މާކޮސްއަށެވެ. އެ ދެ މީހުންގެ މި ހޯދުން ޝާއިއުކުރީ އެމެރިކާގެ ނުޖޫމީ އިލްމާ ބެހޭ ޖަމިއްޔާ އެމެރިކަން އެސްޓްރޮނޮމިކަލް ސޮސައިޓީންނެވެ.
"މި ގިނިހިލަ ހަމަލޮލަށާއި އާދައިގެ ޓެލެސްކޯޕަކުން ނުފެންނާނެ. ސަބަބަކީ ސައިޒު ކުޑަކަމުން. ފެންނާނީ ނިސްބަތުން ބޮޑު އަދި ދިރާސާ ކުރުމަށް ބޭނުންކުރާ ޓެލެސްކޯޕްތަކުން،" ކާލޮސް ބުންޏެވެ.
އޭނާގެ މި ދިރާސާގައި ބިންޒެލް ބައިވެރިއެއް ނުވެއެވެ. ބިންޒެލް ބުނީ މި ގިނިހިލަ އުފެދުނީ ކިހިނެތް ކަމެއް ނޭނގޭ ކަމަށެވެ.
"ވެދާނެ ހަމަ ގިނިހިލައަކަށް ނޫން ނަމަ ހަނދުން ނެއްޓުނު އެތިކޮޅެއް ކަމަށް،" ބިންޒެލް ބުންޏެވެ.
އޭނާ ބުނީ މި ގިނިހިލަ ދެ މަހެއްހާ ދުވަސް ފަހުން ދުނިޔެ ދޫކޮށްފައި ގޮސް، އަލުން އެނބުރި ދުނިޔެ ކައިރިއަށް އަންނާނީ 2055 ވަނަ އަހަރު ކަމަށެވެ.



advertisment