އިނގިރޭސި ވިލާތުގައި ރޭލަކަށް މުގޮށިމީދާ ޖޯޑެއް އަރައި، އެ ތަނުން އެކަތި ރޭލުން ނުނުކުތުމުން ދަތުރު ކެންސަލްކޮށްލައިފިއެވެ.
ރީޑިންގްއިން ގެޓްވިކް އެއާޕޯޓަށް ކުރި ދަތުރުގައި މި ދެ މުގޮށިމީދާއަށް ކާއެއްޗެހި ދީގެން ރޭލުން ފައިބައިތޯ މަސައްކަތްކުރި ކަމަށް ރޭލު ހިންގާ ފަރާތްކަމަށްވާ ގްރޭޓް ވެސްޓަން ރެއިލްވޭ (ޖީ.ޑަބްލިޔު.އާރް)އިން ބުންޏެވެ.
"އަހަރެމެން ފަހައިލީމާ ވެސް ރޭލުން ނުކުތީ އެ ތަނުން އެއް މުގޮށިމީދާ،" ޖީ.ޑަބްލިޔު.އާރް.އިން ބުންޏެވެ.
"ރެޑްހިލްއާ ހިސާބުން ދަތުރު ކެންސަލްކޮށްލީ. ސަބަބަކީ ޓިކެޓަކާ ނުލައި ހިލޭ ދަތުރުކޮށްލުމަށް ދެ މުގޮށިމީދާ ރޭލަށް އެރުމުން. މިއީ ގާނޫނާ ހިލާފުކަމެއް،" މަޖާވެލައިފައި ޖީ.ޑަބްލިޔު.އާރް.ގެ ތަރުޖަމާނަކު ބުންޏެވެ.
އޭނާ ބުނީ ދަތުރު ކެންސަލްކޮށްލައިފައި ރޭލު އަލުން އަނބުރާ ރީޑިންގްއަށް ގެންދިޔައީ ކަމަށެވެ. އެއީ ނުފޭބި މުގޮށިމީދާ ރޭލުން ބައިލައިށެވެ.
އިނގިރޭސި ވިލާތުގައި ކުއްތާ ކަހަލަ ޖަނަވާރުތަކަށް ރޭލުގައި ދަތުރުކުރުމުގެ ހުއްދަ އޮވެއެވެ. ނަމަވެސް މުގޮށިމީދާ ކަހަލަ "ރޮޑެންޓް"ގެ ބާވަތުގެ ޖަނަވާރުން ރޭލަކަށް ނާރުވައެވެ.
އިނގިރޭސި ވިލާތުގައި 2.7 މިލިއަން މުގޮށިމީދާ އުޅޭކަމަށް އަންދާޒާ ކުރެވިފައިވާކަމަށާއި މުގޮށިމީދަލުގެ އާބާދީ އަދިވެސް އަންނަނީ އިތުރުވަމުން ކަމަށް ޖަނާވަރުން ހިމާޔަތްކުރުމަށް މަސައްކަތްކުރަމުންއަންނަ ވުޑްލޭންޑް ޓްރަސްޓުން ބުންޏެވެ.



advertisment