Support Us

ޖަޕާންގެ އާ ބޮޑު ވަޒީރަކަށް ޝިގޭރޫ އިޝީބާ

ޖަޕާންގެ ވެރިކަންކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލް.ޑީ.ޕީ)ގެ ވެރިޔާކަމަށް މިއަދު އިންތިހާބުވެވަޑައިގެންނެވުމުން އާ ބޮޑު ވަޒީރުކަމާ ޝިގޭރޫ އިޝީބާ ހަވާލުވެވަޑައިގަތުމަށް ތައްޔާރުވެވަޑައިގެންފިއެވެ.

ކުރީގެ ދަނޑުވެރިކަމާއި އަދި ދިފާއީ ވަޒީރުކަން ކުރައްވައިފައިވާ އުމުރުން 67 އަހަރުގެ އިޝީބާއަށް ކާމިޔާބު ލިބިވަޑައިގަތީ އުމުރުން 63 އަހަރުގެ އިގުތިސާދީ ރައްކާތެރިކަމާ ބެހޭ ވަޒީރު ސަނެއި ޓާކައިޗީއަށްވުރެ ގިނައިން ޕާޓީގެ ވޯޓު ލިބިވަޑައިގަތުމުންނެވެ.

ފުރަތަމަ ބުރުގެ ވޯޓުގައި ނުވަ ކެންޑިޑޭޓުންނަށް ވެސް އަޣުލަބިއްޔަތެއް ލިބިވަޑައިނުގަތެވެ. މިހެންވެ ބޭއްވި ދެވަނަ ބުރުގައި ޓާކައިޗީގެ މައްޗަށް އިޝީބާ ކުރިހޯއްދެވީ 215 ވޯޓު ލިބިވަޑައިގެންނެވެ. ދެވަނަ ބުރުގައި 194 ވޯޓު ލިބިވަޑައިގަތް ޓާކައިޗީއަށް ކާމިޔާބުވެވަޑައިގަތް ނަމަ އޭނާ ވާނީ ޖަޕާންގެ ފުރަތަމަ އަންހެން ބޮޑު ވަޒީރަށެވެ.

އިޝީބާއަކީ އާއްމުންގެ މެދުގައި މަގުބޫލު ބޭފުޅެކެވެ. ނަމަވެސް މީގެ ކުރިން ޕާޓީގެ ވެރިކަން ހޯއްދަވަން ހަތަރު ފަހަރެއްގެ މަތިން މަސައްކަތްކުރައްވައި އެ ކަން ވަނީ ނާކަމިޔާބުވެވަޑައިގެންފައެވެ.

ބޮޑު ވަޒީރު ފުމިއޯ ކިޝީޑާ ވަނީ އިސްތިއުފާ ދެއްވަން މިދިޔަ މަހު ގަސްދުކުރައްވައިފައެވެ. އެއީ ޕާޓީ ތެރޭގައި ކޮރަޕްޝަންތަކެއް އުޅޭ ކަމަށް ތުހުމަތުތަކެއް އަމާޒުވުމާ ގުޅިގެންނެވެ.

ޖަޕާންގެ 65 ވަނަ ބޮޑު ވަޒީރުކަމުގެ މަގާމާ އިޝީބާ ރަސްމީ ގޮތުން ހަވާލުވެވަޑައިގަންނަވާނީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.

ޕާލަމަންޓްގައި މިއަދު ބޭއްވި ވޯޓުގައި ދެވަނަ ބުރަށް ވޯޓުލުމުގެ ކުރިން އިޝީބާ ވަނީ އަސަރާއެކު ވާހަކަދައްކަވައިފައެވެ. އެ ގޮތުން އޭނާ ވިދާޅުވީ އިންސާފުވެރި އަދި އަޅައިލުން ބޮޑު މުޖުތަމައެއް ގާއިމުކުރައްވަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ. ދެވަނަ ބުރުގެ ނަތީޖާއިން އޭނާއަށް ކާމިޔާބު ލިބިވަޑައިގަތުމުން އިޝީބާގެ ލޮލުން ކަރުނަ ފޭބިއެވެ.

"ރައްޔިތުންނަށް އިތުބާރުކޮށް، ހިތްވަރާއި އިހުލާސްތެރިކަމާއެކު ތެދު ބުނެ، އަދި ޖަޕާނަކީ ރައްކާތެރި ގައުމުކަށް ހަދައިދޭނަން. އެއީ، ކޮންމެ މީހެއްގެ މޫނަށް ހިނިތުންވުން އައިސްފައިވާ ދިރިއުޅުމަކައިގެން ކުރިއަށް ދެވޭނެ މަގުފަހިކުރުމަށް،" ގާނޫނު ހަދާ މަޖިލީހަށް ދެއްވި ކުރު ތަގުރީރެއްގައި އިޝީބާ ވިދާޅުވިއެވެ.

އިޝީބާގެ ކާމިޔާބާ ގުޅިގެން ޗައިނާއިން ބުނީ ޖަޕާނާ ގުޅުން ހަރުދަނާކުރަން ބޭނުންކަމަށެވެ.

"ދެ ގައުމުގެ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުއްދޭނީ ދިގުމުއްދަތުގެ އަދި ރަނގަޅު ގުޅުމެއް ދެ ގައުމުގެ ދެމެދުގައި ގާއިމުކުރުމުން،" ޗައިނާގެ ހާރިޖިއްޔާއިން ބުންޏެވެ.

"އެ ގޮތް އެންމެ ހަމަޖެހޭ ގޮތަކަށް ވާނީ،" ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ލިން ޖިއާން ބުންޏެވެ.

އިޝީބާއަކީ ޓައިވާންގެ ޑިމޮކްރެސީއަށް ތާއީދުކުރައްވާ ބޭފުޅެކެވެ. ނަމަވެސް އެހެން ގިނަ ގައުމުތައް ފަދައިން ޓައިވާނާ ރަސްމީ ގޮތުން ޑިޕްލޮމެޓިކް ގުޅުމެއް ޖަޕާނުން ގާއިމެއް ނުކުރެއެވެ.

ޓައިވާނަކީ ޗައިނާގެ ތަނެއް ކަމަށް ޗައިނާއިން ދައުވާކުރެއެވެ. ޓައިވާންގެ ރައީސް ވިލިއަމް ލައި ޗިންގް-ޓެ ވިދާޅުވީ އިޝީބާގެ ވެރިކަމުގެ ދަށުން އެލް.ޑީ.ޕީ.އާއެކު ގުޅުންތައް ހަރުދަނާކުރައްވަން ބޭނުންވެވަޑައިގަންނަވާ ކަމަށެވެ.

"ދެ ޕާޓީގެ ދެމެދުގައި ރަނގަޅު ރަހްމަތްތެރިކަމެއް އެބައޮތް. ޗިންގް-ޓެ އަބަދުވެސް މުހިންމުކަން ދެއްވީ ދެ ޕާޓީގެ ދެމެދުގައި ގުޅުން ތަރައްގީކުރަން،" ޗިންގް-ޓެގެ ޑިމޮކްރެޓިކް ޕްރޮގްރެސިވް ޕާޓީ (ޑީ.ޕީ.ޕީ)އިން ބުންޏެވެ.

ވެރިރަށް ޓޯކިޔޯގައި ދާދި ފަހުން ދެއްވި ތަގުރީރެއްގައި އިޝީބާ ވިދާޅުވީ ދުނިޔޭގެ ނިސްބަތުން ބަލާއިރު ޖަޕާންގެ އަންހެނުންނަކީ އެންމެ ބޮޑަށް ހަމަނިދި ނުލިބޭ އަންހެނުން ކަމަށެވެ. ސަބަބަކީ ވަޒީފާގެ މާހައުލާއި ގޭތެރޭގެ ޒިންމާތައް ބޮޑުކަމުންނެވެ.

"އަހަރެން ވެސް ހިމެނޭ ގޮތަށް ގިނަ ފިރިންނަކީ ދަރިން ބަލަހައްޓައި އަދި ގޭތެރޭގެ ކަންތައްތައް ކުރުމުގައި އެހާ ބޮޑަށް އެހީވާ ބައެއް ނޫން،" އިޝީބާ ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން ސިޔާސީ ތަޖުރިބާކާރުން ބުނީ އިޝީބާއަކީ ޖަޕާނަށް ބަދަލުތަކެއް ގެނެވިދާނެ ގާބިލުކަން ހުރި ބޭފުޅެއް ކަމަށެވެ. އެ ގޮތުން އޭނާގެ ޕާޓީއަށް ބަދަލު ގެންނަވައި، އަދި މާޔޫސްވެފައިވާ ޖަޕާންގެ އާއްމު ރައްޔިތުންނަށް އުއްމީދު ގެނެސްދެއްވާނެ ވެރިއެއް ކަމަށް ސިޔާސީ ތަޖުރިބާކާރުން އިޝީބާ ސިފަކުރެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *