ނިއު ޒިލެންޑްގެ ސައިންވެރިންނަށް އާ ވައްތަރެއްގެ މިޔަރެއް ފެނިއްޖެއެވެ.
ވެރިރަށް ވެލިންޓަންގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ވޯޓާ އެންޑް އެޓްމޮސްފެރިކް ރިސާޗް (އެން.އައި.ޑަބްލިޔު.އޭ)އިން ބުނީ "ގޯސްޓް ޝާކް" އާއިލާގެ މި އަލަށް ފެނުނު މިޔަރަކީ ހަމައެކަނި އެ ގައުމާއި އޮސްޓްރޭލިއާ ސަރަހައްދުގައި އުޅޭ މަހެއް ކަމަށެވެ.
މި އާއިލާގެ މިޔަރަށް ކިޔާ ބައިވަރު ނަންތައްވެއެވެ. އޭގެ ތެރޭގައި ނެރޯ-ނޯސްޑް ސްޕޫކްފިޝް، ކައިމިރާ، ރެޓްފިޝް، ރެބިޓްފިޝް އަދި އެލެފެންޓް ފިޝް ހިމެނެއެވެ.
މި މިޔަރު އުޅެނީ ކަނޑުގެ 1.6 މޭލު އަޑީގައި ކަމަށް ސައިންސްވެރިން ބުންޏެވެ.
މި މިޔަރުގެ ހުންނަނީ ކަޅު ލޮލަކާއި ކޮތަރި ނެތް މަޑު މުށިކުލައިގެ ހަމެކެވެ. ދޫންޏެއްގެ ތުންގަނޑު ކަހަލަ ގޮތަކަށް ހުންނަ އަނގައިން ކައި އުޅެނީ ކްރަސްޓޭޝަން ބާވަތުގެ ސޫފިތަކެވެ.
މި މިޔަރު ފެނުނީ ނިއު ޒިލެންޑާ 621 މޭލު ކަރިއިން ކަމަށް ސައިންސްވެރިޔާ ބްރިޓް ފިނުޗީ ބުންޏެވެ.
މި މިޔަރަށް ދީފައިވާ ނަމަކީ "ހެރިއޮޓާ އެވިއާ"އެވެ. އެއީ ބްރިޓްގެ މާމަގެ ހަނދާނުގައި ކިއި މާމަގެ ނަމެވެ.
"ލެޓިން ބަހުން 'އެވިއާ’އަކީ 'މާމަ'. މި ނަން މި މިޔަރަށް ދޭން އަހަރެން ނިންމީ ސައިންސްގެ ކެރިއަރެއް ހޯދަން އަހަރެން ކުރި މަސައްކަތަށް އަހަރެންގެ މާމަ ދިން ބޮޑު ހިތްވަރުގެ ހަނދާނެއްގެ ގޮތުން،" ބްރިޓް ބުންޏެވެ.
އޭނާ ބުނީ ކަނޑުގެ އެހާ ފުނުގައި އުޅޭތީ މި މިޔަރުގެ ޖިސްމާނީ ކަންތައްތަކާ ބެހޭ މާބޮޑު މައުލޫމާތެއް އަދި ނުލިބޭ ކަމަށެވެ.



advertisment