Support Us

ވާހަކަ: ހިމާޔަތް އެދެމޭ- އެޕިސޯޑް 10

ރާމީން އާއި އޭނާ ޒުވާބުކުރީ މިއަދު ޝަރުމީލާ އާއި ބައްދަލުކުރުމަށްފަހު އައިސް ރާމީން ދައްކަން ފެށި ވާހަކަތަކުންނެވެ. ރާމީންގެ ފަރާތުން ޝަރުމީލާއަށް އެނގުނު ކަންތައްތަކަކީ ދުވަހަކުވެސް އޭނާ މާޔާއަށް އަންގަންވެސް ބޭނުންވާ ކަންތައްތަކެއް ނޫނެވެ. ޝަރުމީލާ އެވާހަކަ ދެއްކުމުގެވެސް ކުރިން މިކިއަލް އަވަހަށް އޭނާއަށް ކުރިލިބޭނެ މަގު ތަނަވަސްކުރިއެވެ.

** **

"މާޔާ"

ޝަރުމީލާގެ އަޑަށް މާޔާ ހުއްޓުނީ މިކިއަލްގެ ކައިރިން އައިސް އޭނާގެ ކޮޓަރިއަށް ވަންނަނިކޮށެވެ. މާޔާ ފަސްއެނބުރުނުއިރު ޝަރުމީލާ އެދިމާލަށް އަންނަނީއެވެ. ރޭގަނޑު ބޭރުގައި އުޅެފައި އައީތީ އެކަމާއި ޝަރުމީލާ ހަޅެއްލަވާނެކަން މާޔާއަށް ކަށަވަރެވެ. އެކަމުގެ އެއްވެސް ބިރެއްގެ އޭނާގެ ހިތަކުނެތެވެ.

"އަހަރެން އެބައޮތް ވާހަކައެއް ދައްކަން." ޝަރުމީލާ ހުއްޓެމުން ބުނެލީ މަޑުމައިތިރިކަމާއި އެކުގައެވެ. އެހެންހެއްޔޭ އަހާފަދައިން މާޔާއަށް ދެބުމަ އުފުލައިލެވުނެވެ. އޭނާ ކޮޓަރިއަށް ވަންނާށޭ ބުނެފައި ހިނގައިގަތުމުން އޭނާގެ ފަހަތުން ޝަރުމީލާ ވަނެވެ.

"އަހަރެން ކުރިންވެސް ބުނީމެއްނު މިކިއަލްގެ މޫނުން ރަނގަޅު އެއްވެސް ސިފައެއް ނުފެންނަ ވާހަކަ، އެއީ އަހަންނަށް ރަނގަޅަށް ބުނެވުނު އެއްޗެއް." އެނދުގައި އިށީދެފައި ޝަރުމީލާ ބުނެލިއެވެ.

"ދެން؟" މަންމަގެ ވާހަކައަށް އެއްވެސް ޝައުޤުވެރިކަމެއް ނެތް މީހެއް ފަދައިން މާޔާ އެދުނީ އެކިޔާ އެއްޗެއް އެންމެ ތަފްސީލްކޮށް ކިޔައިދޭށެވެ. ހަޤީޤަތޭ ކިޔާފައި މަންމަ ދައްކަނީ މުޅިން ދޮގުކަން އޭނާގެ ސިކުނޑިއަށް ވިސްނައިދިނީ މިކިއަލްއެވެ.

"ފުރަތަމަ ކަމަކީ އޭނަ އުޅޭ އޮފީސް، އެ އޮފީހުގައި އުޅޭ މަންމަގެ ރައްޓެއްސެއްވެސް، ފަރީލާއްތަ އެނގެއެއްނު ދަރިފުޅަށްވެސް، މިކިއަލް އަކީ އެއްވެސް އޮފީހަކު މަސައްކަތްކުރާ މީހެއް ނޫން." ޝަރުމީލާގެ މޫނަށް ބަލަހައްޓައިގެން މާޔާއަށް އިނދެވުނެވެ.

"އެ އޮފީހަކު ނޫން މިކިއަލް އުޅެނީކީ،" މާޔާ ބުނެލިއެވެ. ޤަބޫލުނުކުރެވިގެން ޝަރުމީލާއަށް ބަލައިލެވުނީ ދެލޯ ބޮޑުކޮށްލާފައެވެ.

މާޔާ ކިޔައިދިނީ އެ ދެކުންފުނީގެ ނަމުގައި ހުރި އެއްގޮތްކަމެވެ. ޝަރުމީލާއަށް އޮޅުނީކަމުގައި އޭނާ ބުނެދިނީ ވަރަށް މަޑުމައިތިރިކަމާއި އެކުގައެވެ.

"އެހެންވިއަސް އޭނަގެ މަކަރުވެރިކަން އަދި ނުނިމޭ، މާޔާއަށް ނޭނގޭ އެތައް ކަމެއް އޭނާ ސިއްރުކޮށްފައި އެބަހުރި، ދަރިފުޅު އަހާބަލަ ރާމީންގެ ކައިރި، އެއީ ދޮގެއްތޯ" ޝަރުމީލާއަށް ހުރިހާ ވާހަކައެއް ކިޔައިދޭކަށް ނުކެރުނެވެ.

"މަންމައަށް ނުބުނެވިގެން ތިއުޅެނީ މިކިއަލް މީހަކާއި އިނދެގެން އުޅޭ ވާހަކަތަ؟ ނޫނީ ދެކުދިން ތިބި ވާހަކަތަ؟" ލަދުން އިސްޖެހެމުން ދިޔަ ދަނޑިވަޅުގައި މާޔާގެ ދުލުން އިއްވި ދެ ސުވާލާއި އެކު އަނެއްކާވެސް ޝަރުމީލާއަށް ބަލައިލެވުނެވެ. މާޔާއަށް އެ މައުލޫމާތު އެނގޭކަން އެނގުމުން އޭނާ ބަސްހުއްޓުނެވެ.

"އެއީ މަންމަ ފައިސާ ދީގެން ރާމީން ލައްވާ ދައްކުވަން ހުރި ވާހަކަ." ބާރު އެތިފަހަރެއް ކަންކަށިމަތީ ޖެހިގެން ޝަރުމީލާއަށް އިހްސާސްކުރެވުނެވެ. މާޔާގެ ސިކުނޑިއަށް މިކިއަލްގެ ނުބައި ވިހައިގެ އަސަރުކޮށްފައިވާ މިންވަރާއި މިކިއަލްގެ މަގްސަދު ހާމަވުމުން ޝަރުމީލާގެ ދުލުގައި ހީވީ ތަޅެއް ލެވުނުހެންނެވެ. ދޮގުމަތިން ދޮގު ހަދަމުން ޝަރުމީލާ އާއި މާޔާގެ ދެމެދުގައ އޮތް އިތުބާރު އޭނާ ކުދިކުދިކޮށްލައިފިއެވެ.

"މާޔާ." ޝަރުމީލާގެ އަރުތެރެ ހިކި ވާހަކަ ދައްކަން އުދަނގޫވިއެވެ.

"ކުޅޭ އެއްޗެއްހެން މާޔާ ބޭނުންކޮށްލަން އޭނާއަށް ފުރުޞަތު ނުދީ. އޭނަ މާޔާ ދެކެ ކުޑަކޮށްވެސް ލޯތްބެއް ނުވޭ." އަޑު ތުރުތުރު އަޅާ ހާލު ޝަރުމީލާއަށް ބުނެވުނެވެ. އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ހެތްކަކާއި ނުލައި ޝަރުމީލާ ބުނާ ކޮންމެ އެއްޗެއް މާޔާ ޤަބޫލުކުރާނެކަމަށް ދެކުމަކީ އޭނާއަށް ކުރެވުނު ކުށެވެ.

"އަހަރެން ދެކެ ލޯބިވަނީ ކާކުކަން އަހަންނަށް އެނގޭ." އަޑަށް ބާރުލާފައި މާޔާ ބުނެލިއެވެ. ޝަރުމީލާ ދެކެ އޭނާ ހުރީ ފޫހިވެފައެވެ.

"ލޯބިވާނަމަ މިކިއަލް ކައިވެނީގެ ބޭރުން މާޔާގެ ހަށިގަނޑުގައި އަތްޖައްސާވެސްނުލާނެ، އަދި ހަރާމް ހުރިހާ ކަމަކަށް ހިތްވަރެއްވެސް ނުދޭނެ، އަހަރެންގެ ތަރުބިއްޔަތުން ބޮޑުވި މާޔާއަކަށް ނުކެރޭނެ އެނގިހުރެ ފާފައެއް ކުރާކަށް، އެކަމަކު މިހާރު ބަޔަކު އެއީވެސް ހައްޤެކޭ ކިޔައިދިން ފަހުން މާޔާ އެކޭ ސިކުނޑި ނެތް އިންސާނެކޭ ނެތް ތަފާތެއް، އެވަރުން މާޔާއަށް ނުވިސްނޭ އެއްޗެއް ވިސްނައިދޭން އަހަރެން ބުނާނެ އެއްޗެއް ނެތް." ޝަރުމީލާ ތެދުވަމުން ބުނެލިއެވެ. އޭނާ އެތަނުން ނިކުމެގެން ދިއުމުން މާޔާ އެނދުގައި އުންޑުން އޮށޯތެވެ.

އެންމެ ފަހުން ޝަރުމީލާ ބުނި އެއްޗަކާއި މެދު ވިސްނަން މާޔާއަށް މަޖުބޫރުވިއެވެ. ނިދަންވެގެން ދެލޯ މަރާލިއަސް މަންމަގެ ފެންކަޅިވެފައިވާ ދެލޯ ފެންނަން ފަށައިފިއެވެ. އެ ކަރުނައަކީ އޭނާގެ ސަބަބުން އެމައިމީހާގެ ހިތުގައި އެޅި ރިހުމުގެ ސަބަބުން ބޭރުވަމުން ދިޔަ ކަރުނައެވެ.

** **

ޖެހިގެން އައި ދެ ދުވަހަކު މާޔާ މިކިއަލްގެ ގެއަކަށް ނުދެއެވެ. އެތަނަށް ދާން ޖެހިލުންވިއެވެ. މިކިއަލް އަންނަން ބުނެފާނެކަމުގެ ބިރު ހިތުގައި އޮތެވެ. އެއާއި ޚިލާފަށް މިކިއަލް ފެނުނީ ވަރަށް ބިޒީވެގެން އުޅޭތަނެވެ. މާޔާއަށް ގުޅާފައި ހާލުބަލާލިއަސް ދައްކަނީ އޮފީހުގެ ބުރަ ވާހަކައެވެ. އަދި އޭނާގެ ފޯނަށް ނުގުޅަންވެސް މާޔާ ކައިރީ ބުންޏެވެ. މިކިއަލްގެ ކޯލެއް އަންނަންދެން އިންތިޒާރުކުރަންވެސް ބުންޏެވެ.

ހަފްތާއެއް ނުވަނީސް ޝީތު އެނބުރި އައިއިރު ހުރީ ވަރަށް ބޮޑަށް ބަދަލު އައިސްފައެވެ. އޭނާގެ މޫނު ފެންނަނީ ތާޒާކަން ގެއްލިފައިވާތަނެވެ. ގައިގައި ވަރުނުހުންނާތީ ޝީތު ބޭރަށް ދާކަށް ނޫޅެއެވެ.

ޝަރުމީލާއަށް ޝީތު އާއި ބެހޭގޮތުން އެއްވެސް އެއްޗެއް ނޭނގެއެވެ. އެކަމަކު އޭނާގެ ހިތުގައި ހައްދެއްނެތް މިންވަރަށް ސުވާލު ވަނީ އުފެދިފައެވެ. ޑޮކްޓަރަށް ދެއްކީމައި ބުނީ ކީކޭތޯ ޔޫނުސް ކައިރީ އެއްސެވެ. ޔޫނުސް މާބޮޑު ކަމަކަށް ނުހަދައި ޑޮކްޓަރަށް ދައްކާލަން ދިޔައީ ކަމުގައި ބުންޏެވެ. ތައިރޮއިޑް ޓެސްޓް ކުރަން ރާއްޖެއިން ބޭރު އޭނާއަށް ކަމުދާތީ ދުވަހަކުވެސް މާލެއިން ފަރުވާނުކުރާ ކަމުގައި ބުނުމުން އިތުރު ސުވާލެއް ޝަރުމީލާ ނުކުރެއެވެ.

** ** **

މާޔާ ކޮލެޖު ނިންމާފައި ނިކުން ދުވަހަކު އޭނާއަށް ރާމީން ގޮސް ހޮޓަލަކަށް ވަންނަތަން ފެނުނެވެ. ރާމީން އާއި ވާހަކަ ދައްކާލަން މާޔާ ބޭނުންވިއެވެ. ރާމީންގެ ގާތުގައި އޭނާގެ މަންމަ ކީ ކޮން އެއޗެއްކަން އެނގެން ބޭނުންވިއެވެ. ހެދިކާ ކޮތަޅެއް ހިފައިގެން ރާމީން ނިކުންތަން ފެނި މާޔާ ގޮވައިލިއެވެ. އެއަޑު އަހާފައި ރާމީން ހުއްޓުނެވެ. އެއްފަހަރު ހީވީ މާޔާ ފެނިގެން ރާމީން ދާން އުޅުނުހެންނެވެ. އެކަމަކު މާޔާ ހިނގައިގެންތަން ފެނި ރާމީން މަޑުކޮށްފިއެވެ.

"ރާމީން ވަޓްސް ރޯންގް؟" މާޔާ އަހައިލިއެވެ. ރާމީން ހިނިތުންވެލިއިރު ކަމެއް ހިނގައިގެން އުޅޭހެންވެސް ހިއެއް ނުވެއެވެ.

"މިކިއަލް ކީކޭ ބުނީ؟" ރާމީން ސީދާ މައުޟޫއަށް ދިއުމުން މާޔާއަށް ހުރީ ވާހަކަ ދައްކަން އުދަނގޫވެފައެވެ.

"އޭގެކުރިން އަހަރެން އެނގެން ބޭނުން މަންމަ އާއި ރާމީންގެ މެދުގައި ދެކެވުނީ ކޮންވާހަކައެއްކަން." މާޔާ ބުނެލިއެވެ. ރާމީން ބަލައިލީ ބުމަ އަރުވާލައިގެން ހުރެއެވެ.

"ހިނގާ ހަމަޖެހިލައިގެން ވާހަކަ ދައްކާލަން." ރާމީން އިޝާރަތްކޮށްލީ އެތަނުގެ ކައިރީގައި ހުރި ކެފޭއަކަށެވެ. މަގުމަތީގައި ހުރުމަށްވުރެ އެގޮތް މާރަނގަޅުކަން މާޔާއަށް އެނގެއެވެ.

** **

"އަސްލު މައްސަލައަކީ މިކިއަލްގެ ފެމެލީ." ރާމީން އަށް ހުރިހާ އެއްޗެއް ކިޔައިދެން ފަސޭހައެއް ނޫނެވެ. އެކަމަކު އިތުރަށް ސިއްރުކުރަން ރާމީން ބޭނުމެއް ނޫނެވެ. އޭނާއަށް ކޮންމެ ފަދަ ތޫފާނެއް އަޔަސް ހެޔޮކަމުގައި އޭނާ ނިންމީ ޝަރުމީލާގެ ދެލޮލުން އޮހޮރުނު ކަރުނަތައް ފެނުނު ހިސާބުންނެވެ.

"މިކިއަލް އަކީ މާޔާގެ ބައްޕައަށް ބޮޑުބޭބެ ކިޔާ މީހެއް. މާޔާ ބައްޕަ އާއި ހަމަޔަށް ދާން ޝަރުމީލާއްތަ ބޭނުމެއް ނުވޭ، އެ އާއިލާގެ ހިތް ހަރުކަމާއި އަނިޔާވެރިކަން ތަހައްމަލުކުރި މީހެއްގެ ހައިސިއްޔަތުން ދެވަނަ ފަހަރަށް އެ ދުވަސްތައް އެހެން ސިފައެއްގައި ނަމަވެސް މާޔާއަށް ޖެހެން އެ މަންމަ ބޭނުން ނުވަނީ." މެޔަށް ފެން އެއްޗެއް އޮއްސާލި ފަދަ އިހްސާސެއް މާޔާއަށް ކުރެވުނެވެ. ބައްޕަގެ ނަން އަހާފައި އޭނާގެ ނޭވާ ކުރުވެގެން ދިޔައެވެ. އެއީ ކާކުކަން ބުނެދެން ދުވަހަކުވެސް މަންމަ އިއްތިރާޒް ނުވާނެކަންވެސް އެނގެއެވެ.

"އެކަކު ދައްކާ ވާހަކައިން ކިހިނެއް އެނގޭނީ ތެދު ހަޤީޤަތެއް؟ ބައްޕަ އާއި ބައްދަލުކުރަން އަހަރެން ބޭނުން، " މާޔާގެ ޖަވާބުން އޭނާއަށް ކަންކަން ވިސްނައިނުގަނެވޭކަން އެނގެއެވެ. ރާމީން ބުނި ބައެއް ލަފްޒު މާޔާއަށް ނީވުނީ ކަމެއް ނޫނީ އިވުނުކަން ނުހެދީ ކަމެއް ނޭނގެއެވެ.

"މަންމަ ކުރެން އަހަން މަށަށް ފެންނަނީ" ރާމީން ބުނިކަމުގައި ވިއަސް ޝަރުމީލާ އާއި ވާހަކަ ދެއްކުމަކީ ހައްލެއް ނޫންކަން އޭނާއަށް އެނގެއެވެ.

"އިތުރަށް ކޮންއެއްޗެއް އަހަންވީ؟ އަހަންނަށްވެސް އެނގޭ ރާމީން ދޮގު ނުހަދާނެކަން، މަންމަ ކިޔައިދެން ބޭނުންނުވާ އެއްޗެއް އަހަރެން އެހުމުގެ ބޭނުމެއް އޮންނާނެތަ؟ މިކިއަލް އާއި ބެހޭގޮތުން އަހަންނަށް އެނގެންޖެހޭ އެއްޗެއް އޮތްކަމުގައި ރާމީންއަށް ހީވާ ނަމަ އެވާހަކަ އަހަރެން ކައިރީ ބުނަންވީ ހަމަ، " މާޔާ ހިތްހަމަނުޖެހުނެވެ. ޝަރުމީލާއަށް ކަމުނުދިޔައީ މިކިއަލްގެ އާއިލާއެވެ. މިކިއަލްއެއް ނޫނެވެ. މަންމައަކީ އެންމެން އެއްގޮތް ނުވާނެކަން ނުވިސްނޭވަރު ކުޑަކުއްޖެއް ނޫނެވެ.

"މިކިއަލްގެ ހުރޭ އަތްބެއް." ރާމީން އާއި ދިމާލަށް މާޔާ ބަލަހައްޓައިގެން އިނީ ބަސްހުއްޓިފައެވެ. އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައިކަން އެނގެއެވެ. މޭޒުމަތީގައި އޮތް މާޔާގެ އަތުގައި ރާމީން އަތްޖައްސާލިއެވެ. އެ ޖަވާބު އަހާފައި މާޔާއަށް ޝޮކެއް ލިބުނު ކަހަލައެވެ.

"އެމީހަކު އަހަރެން ބޭނުން ބަލަން، ރާމީން އަށް ސާބިތު ކޮށްދެވެންޖެހޭނެ ތިއީ ތެދުކަން." ރާމީން ބުނި ނަމަވެސް އެއީ ތެދުކަން ޤަބޫލުކުރަން މާޔާއަށް އަދިވެސް ފަސޭހައެއް ނޫނެވެ. ރާމީން ހަމަޖެހިލާފައި ފޯނު ނަގައި ދެއްކީ މިކިއަލް އާއި އޭނާގެ އަންހެނުންގެ ފޮޓޯއެކެވެ.

"މިއީ އެމީހުން ކައިވެނިކުރި ދުވަހުގެ ފޮޓޯއެއް." ރާމީން ތަފްސީލް ނުކޮށްދިން ނަމަވެސް އެވަރު މާޔާއަށް ނަގައިގަނެވުނެވެ. އެދެމީހުންގެ ހެދުމުން އެއީ ޚާއްސަ ދުވަހެއްކަން އެނގެއެވެ.

"މާޔާ، މުޅި ދުނިޔެއިންވެސް އެމީހެއްގެ މަންމަ އަށްވުރެ ބޮޑަށް ލޯބިވާނެ އިތުރު މީހަކު ނުހުންނާނެ،" ރާމީން ވިސްނައިދެން ބޭނުންވީ މާޔާ އަށް އަދިވެސް ވަގުތު ފާއިތުނުވާކަމެވެ.

"ތި ވާހަކަ އަހަރެންގެ ގާތުގައި ރާމީން ބުނަންވީ މިއަދަކު ނޫން. މިކިއަލް އާއި އަހަރެން ރައްޓެހިވީ ރާމީންގެ ހާޟިރުގައި،" ރާމީން އިސްޖަހައިލީ މާޔާ އޭނަ ކުށްވެރިކުރި ހިސާބުންނެވެ. އެބުނީ ތެދެކެވެ. މިކިއަލްގެ ރަނގަޅު ވާހަކަ މާޔާ ކައިރީ އޭނާއަށްވެސް ދެއްކުނެވެ. އެކަމަކު އެއީ މާ ފުނަށް ނުގޮސް ނިމޭނެ ގުޅުމެއް ކަމަށް ހީކޮށެވެ.

(ނުނިމޭ)

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11612
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *