Support Us

ހުޅަނގުގެ ގައުމުތަކާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނަން: ޕުޓިން

ރަޝިއާގެ އެތެރޭގެ ސަރަހައްދުތަކަށް ފޯރާވަރުގެ މިސައިލްތައް ޔޫކްރެއިނުން ބޭނުންކޮށްފި ނަމަ ޔޫކްރެއިނަށް އެ މިސައިލްތައް ފޯރުކޮށްދިން ހުޅަނގުގެ ގައުމުތާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކުރައްވާނެ ކަމަށް ރަޝިއާގެ ރައީސް ވްލަޑިމިއާ ޕުޓިން އިންޒާރުދެއްވައިފިއެވެ.

ރަޝިއާ ސަރުކާރުގެ ނުފޫޒު ގަދަ ސަލާމަތީ މަޖިލީހާ އިއްޔެ ބައްދަލުކުރައްވަމުން ޕުޓިން ވިދާޅުވީ ރަޝިއާއިން ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ ހާލަތްތަކާމެދު އަލުން ވިސްނަވައިފި ކަމަށެވެ.

މި މަހުގެ ކުރީކޮޅު ޕުޓިން ވިދާޅުވެފައިވަނީ ދުރު ރާސްތާގެ މިސައިލް ޔޫކްރެއިނުން ބޭނުންކޮށްފި ނަމަ އެ ކަން ބަލާނީ ސީދާ ހުޅަނގުގެ ގައުމުތަކުން ރަޝިއާއާ ހަނގުރާމަ ކުރަނީ ކަމަށެވެ. އެ ފަހަރު ޕުޓިން އެއްވެސް އިތުރު ތަފުސީލެއް ނުދެއްވައި ވިދާޅުވީ މި ކަން މިހެން ދިމާވެއްޖެ ނަމަ "އެކަށީގެންވާ ނިންމުތަކެއް ނިންމަވާނެ" ކަމަށެވެ.

ޕުޓިން އިއްޔެ ވިދާޅުވި ވިދާޅުވުމަކީ ހުޅަނގުގެ ގައުމުތަކާ ދެކޮޅަށް މިހާތަނަށް ދެއްވި އެންމެ ވަރުގަދަ އިންޒާރެވެ.

"އާދައިގެ ކޮންވެންޝަނަލް ހަތިޔާރުން ވެސް ރަޝިއާއަށް ހަމަލާ ދީފި ނަމަ އެ ގައުމަކާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކުރާނަން،" ޕުޓިން ވިދާޅުވިއެވެ. ކޮންވެންޝަނަލް ހަތިޔާރަކީ ބައިލޮޖިކަލް، ކެމިކަލް އަދި ނިއުކްލިއާ ހަތިޔާރު ނޫން އާދައިގެ ބާވަތްތަކުގެ ހަތިޔާރެވެ.

އެމެރިކާ އާއި އިނގިރޭސި ވިލާތުން ފޯރުކޮށްދީފައިވާ ދުރު ރާސްތާގެ މިސައިލްތައް ރަޝިއާއާ ދެކޮޅަށް ބޭނުންކުރުމަށް އެ ދެ ގައުމުގެ ހުއްދައަށް ޔޫކްރެއިންގެ ރައީސް ވޮލޮޑެމަރް ޒެލެންސްކީ އެދިވަޑައިގަންނަވަމުން އަންނަތާ އެތައް މަހެއްވެއްޖެއެވެ.

"މިސައިލް، މަތިންދާބޯޓު އަދި ޑްރޯން ބޭނުންކޮށްގެން ރަޝިއާއަށް ހަމަލާދޭނެކަމުގެ އިތުބާރުހުރި މައުލޫމާތު ލިބިއްޖެ ނަމަ ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމާމެދު ވިސްނައިނަން،" ޕުޓިން ވިދާޅުވިއެވެ.

"ނިއުކްލިއާ ހަތިޔާރު ހުރި ގައުމަކުން އެހެން ގައުމަކަށް އެއްބާރުލުން ދީގެން ރަޝިއާއަށް ހަމަލާ ދީފި ނަމަ އެ ކަން ބަލާނީ އެ ދެ ގައުމުން ވެސް ރަޝިއާއަށް ހަމަލާ ދިނީ ކަމަށް،" އޭނާ އިތުރަށް ވިދާޅުވިއެވެ.

މިއީ ދުރު ރާސްތާގެ މިސައިލް ބޭނުންކުރުމަށް ޔޫކްރެއިނަށް ހުއްދަ ދޭން ހުޅަނގުގެ ލީޑަރުން ބޭނުންވާތީ އެ ކަމަށް ޕުޓިން ދެއްވި އިންޒާރެއް ކަމަށް ސިޔާސީ ތަޖުރިބާކާރުން ބުންޏެވެ.

"އަހަރެމެންނަށް ފެންނަނީ އަދުގެ އަސްކަރީ އަދި ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ބަދަލުވަމުންދާ މަންޒަރު. މިއީ އަހަރެމެން ވިސްނަން ޖެހޭ ކަމެއް. ރަޝިއާ އާއި ރަޝިއާގެ ރަހްމަތްތެރި ގައުމުތަކަށް ކުރިމަތިވާ އާ އަސްކަރީ ބިރުތަކާމެދު ވިސްނަންޖެހޭ،" ޕުޓިން ވިދާޅުވިއެވެ.

ޔޫކްރެއިންގެ އަސްކަރީ ވެރިޔާ އަންދްރީ ޔާމެކް ބުނީ ރަޝިއާއިން އެ ގައުމުގެ ނިއުކްލިއާ ސިޔާސަތަށް ގެނައި ބަދަލަކީ އޮށްޓަރެއް ނެތް އެއްޗެއްކަމަށެވެ.

"ނިއުކްލިއާ ހަތިޔާރުގެ ބިރުދައްކައިގެން ދުނިޔެ ބްލެކްމެއިލްކުރުން ނޫން އުކުޅެއް ރަޝިއާގައި މިހާރު ނެތް. މިއީ ނަތީޖާއެއް ނުކުންނާނެ ކަމެއް ނޫން،" ޔާމެކް ބުންޏެވެ.

ޔޫކްރެއިންގެ ކްރައިމިއާ 2014 ގައި ރަޝިއާގެ ބާރުގެ ދަށަށް ގެނެސް އޭގެ ފަހުން 2022 ގައި ޔޫކްރެއިން އެއްކޮށް ހިފުމަށް ރަޝިއާއިން ފެށި ހަނގުރައިމައިގެ ކުރީކޮޅު ރަޝިއާއިން ތަކުރާރުކޮށް އިންޒާރު ދެމުންދިޔައީ ރަޝިއާގެ ސަލާމަތަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅާނެކަމަށެވެ.

ރަޝިއާއަކީ ނިއުކްލިއާ ހަތިޔާރު އެންމެ ގިނައިން ހުރި ގައުމެވެ. ޔޫކްރެއިނަށް އެހީވުމަށް ހުރަސްއެޅުމުގެ ގޮތުން ހުޅަނގުގެ ގައުމުތަކަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެކަމުގެ އިންޒާރު ދެއްވުމަށް މީގެ ކުރިން ވެސް ރަޝިއާގެ އޮފިޝަލުން އައީ ޕުޓިންއަށް މަޝްވަރާ ދެމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *