ރާމާމަކުނުތަކެއްގެ މަސައްކަތުން އުމުރުން ހަ އަހަރުގެ އަންހެންކުއްޖަކު ރޭޕަކުން ސަލާމަތްކޮށްދީފި ކަމަށް އޭނާގެ އާއިލާއިން ބުނެފިއެވެ.
އިންޑިއާގެ އުއްތަރު ޕްރަދޭޝް ސްޓޭޓްގައި ހިނގި ހާދިސާގައި ކުއްޖާ އުޅުނީ މަގުމަތީގައި ކުޅޭށެވެ. ދެން ސީ.ސީ.ޓީ.ވީ.އިން ފެންނަނީ ނުދަންނަ މީހަކު އެ ކުއްޖާ ފަޅުގެއަކަށް ގެންދާ މަންޒަރެވެ.
"ދަރިފުޅު ސަލާމަތްވީ އެއްވެސް ޒަހަމެއް ނުލިބި،" ކުއްޖާގެ އާއިލާއިން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން ޝައްކުކުރެވޭ މީހަކު އަދި ހައްޔަރެއްނުކުރެއެވެ. ނަމަވެސް ފުލުހުން ވަނީ ކުޑަކުދިން ރައްކާތެރިކުރުމުގެ ގާނޫނުތަކުގެ ދަށުން ކޭހެއް ރަޖިސްޓްރީކޮށްފައެވެ.
"ރާމާމަކުނުތައް ހަމަލާދިނުމުން ރޭޕްކުރަން އުޅުނު މީހާ ވަނީ ފިލައިފައި،" ދަ ޓައިމްސް އޮފް އިންޑިއާއަށް ކުއްޖާގެ ބައްޕަ ބުންޏެވެ.
ރޭޕްކުރަން އުޅުނުކަން އެއްވެސް މީހަކުގެ ގާތުގައި ބުނެފި ނަމަ ބައްޕަ މަރައިލައިނެކަމަށް ބިރުދެއްކި ކަމަށް ކުއްޖާ ބުންޏެވެ.
"ރާމާމަކުނުތައް އަހަރެންގެ ދަރިފުޅު ސަލާމަތްނުކުރި ނަމަ އޭނާ މިހާރު ވާނީ މަރުވެފައި،" ކުއްޖާގެ ބައްޕަ ބުންޏެވެ.
ފުލުހެއް ކަމަށްވާ ހަރިޝް ބަދިއޮރިއާ ބުނީ ރާމާމަކުނުތަކެއް ހިމެނޭ މި މައްސަލަ މިހާރު ތަހުގީގުކުރަން ފަށައިފައިވާ ކަމަށެވެ.
"ޖިންސީ އަނިޔާތަކުން ކުޑަކުދިން ރައްކާތެރިކުރުމާ ގުޅޭ ގާނޫނުގެ ދަށުން ޝަކުވާއެއް ވަނީ ރަޖިސްޓްރީކޮށްފައި،" އޭނާ ބުންޏެވެ.
ޖަންގަލިތައް ނެތެމުންދާތީ އިންޑިއާގެ ގިނަ ސަރަހައްދުތަކުގައި ރާމާމަކުނު އުޅެނީ އިންސާނުންނާއެކުގައެވެ. ރެސަސް މެކެކުއެސް ބާވަތުގެ ރާމާމަކުނަކީ އެ ސޮރަށް ބިރެއް ކުރިމަތިވެއްޖެ ނަމަ އެ މީހަކަށް ހަމަލާ ދޭން މަސައްކަތްކުރާ ބާވަތުގެ ރާމާމަކުނެކެވެ.



advertisment