Support Us

ލުބްނާންގެ ވެރިރަށް ބައިރޫތަށް އިސްރާއީލުން އިއްޔެ ދިން ހަމަލާތަކުގައި އިމާރާތްތަކާއި ތަކެތި ސުންނާފަތިވެފައި

އިސްރާއީލުގެ ހަމަލާތަކުން ސަލާމަތްވާން ދާނެ ތަނެއް ނެތް: ލުބްނާންގެ ރައްޔިތުން

އިސްރާއީލުން ކެނޑިނޭޅި ދެމުންދާ ހަމަލާތަކުން ސަލާމަތްވެގެން ދާނެ ތަނެއް ނެތް ކަމަށް ލުބްނާންގެ ރައްޔިތުން ބުނެފިއެވެ.

އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި އިއްޔެ އެކަނިވެސް 500 އެއްހާ މީހުން މަރުވިއެވެ. އޭގެ ތެރޭގައި 35 ކުޑަކުދިންނާއި 58 އަންހެނުން ހިމެނެއެވެ.

"މިއީ މި ޖީލަށް ވެސް ތަޖުރިބާކުރެވުނު އެންމެ ބިރުވެރި ހަމަލާތައް،" އޮފިޝަލަކު ބުންޏެވެ.

މި އަދަދަށް މަރުވި މީހުންނަކީ 2006 ގައި އިސްރާއީލާއި ހިޒްބުﷲ ޖަމާއަތާ ކުރި 34 ދުވަހުގެ ހަނގުރައިމައިގައި މަރުވި މީހުންގެ ދެބައިކުޅަ އެއްބަޔާ ކައިރިކުރާ އަދަދެކެވެ. އެ ފަހަރު 1،000 އެއްހާ ލުބްނާންގެ މީހުން މަރުވިއެވެ. އިސްރާއީލުގެ ފަޅިން 21 ސިފައިން މަރުވެ، 43 އާއްމު ޔަހޫދީން މަރުވިއެވެ.

އިސްރާއީލުން އިއްޔެ ދިން ހަމަލާތަކުން ސަލާމަތްވުމަށް ލުބްނާންގެ އާއިލާތަކުން އަންނަނީ ސްކޫލްތަކުން ހިމާޔަތް ހޯދޭތޯ ބަލަމުންނެވެ.

"އަހަރެމެން ދާނެ ތަނެއް ނެތް. އަހަރެމެންގެ އަތުގައި ވެސް އެކައްޗެއް ވެސް ނެތް،" މުހައްމަދު ހަމައިދާ ނަމަކަށް ކިޔާ މީހަކު ބުންޏެވެ.

އިސްރާއީލުން ދާދި ފަހުން ވަނީ ހިޒްބުﷲ ހަނގުރާމަވެރިންގެ ޕޭޖަރުތަކާއި ވޯކީޓޯކީތައް ގޮއްވައިލައިގެން އެތައް ބަޔަކު މަރައިލައި އަދި ޒަހަމްކޮށްލައިފައެވެ. މިދިޔަ ހުކުރު ދުވަހު ލުބްނާންގެ ވެރިރަށް ބައިރޫތަށް ދިން ވައިގެ ހަމަލާއެއްގައި ހިޒްބުﷲގެ އިސް އަސްކަރީ ކޮމާންޑަރުންތަކެއް ވެސް ވަނީ މަރައިލައިފައެވެ.

އިއްޔެ ދިން ހަމަލާތަކުގެ ސަބަބުން ރައްޔިތުން ވަނީ ލުބްނާންގެ އިރުމައްޗާއި ދެކުނުގެ ސަރަހައްދުތައް ވެސް ދޫކޮށް ގޮސްފައެވެ.

އިސްރާއީލާއި ހިޒްބުﷲ ބަދަލުކުރަމުންދާ ހަމަލާތައް ވަގުތުން ހުއްޓައިލުމަށް އދ.ގެ އަމީން އާއްމު އެންޓޯނިއޯ ގުޓެރެސް މިއަދު ވަނީ ގޮވައިލައިފައެވެ.

"ދެ ފަރާތުން ކުރެ އެއްވެސް ފަރާތަކަށް ވެސް ރައްކާތެރިކަން ހޯދުމުގެ ގޮތުން އަސްކަރީ ހަމަލާއަކީ ހައްލެއް ނޫން،" އދ.ގެ ތަރުޖަމާނު ސްޓެފަން ޑުޖަރިކް ބުންޏެވެ.

އޭނާ ބުނީ އިސްރާއީލާއި ލުބްނާނާ ދެމެދު އަސްކަރީ ކުރިމަތިލުންތައް ހޫނުވަމުންދާދިއުމާމެދު ގުޓެރެސްއަށް ނުތަނަވަސްކަން ލިބިފައިވާ ކަމަށެވެ.

"މަރުވަމުންދާ އާއްމުންގެ އަދަދުތައް ގިނަކަމުން ޑިޕްލޮމެޓިކް ހައްލެއް ގެންނަން ގުޓެރެސް ބޭނުންވޭ،" ސްޓެފަން ބުންޏެވެ.

މިދިޔަ އާދީއްތަ ދުވަހު ގުޓެރެސް ބުނެފައިވަނީ "ލުބްނާން ދެވަނަ ޣައްޒާއަކަށް ބަދަލުވެދާނެ" ކަމަށެވެ.

"އެ ކަން ވެގެންދާނީ މުޅި ދުނިޔެއަށް ލިބޭނެ ފަނާކުރަނިވި ހިތާމައަކަށް،" ގުޓެރެސް ބުންޏެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *