އިގުތިސާދު އަޑިއަޅައިލުމަށް ފަހު އަވަށްޓެރި ސްރީ ލަންކާގައި ބާއްވާ ފުރަތަމަ ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު ނިމިއްޖެއެވެ.
ވޯޓު ގުނަން ފަށާނީ ވޯޓުލާތާ ތިން ގަޑިއިރާއި ބައިގެ ފަހުންނެވެ. އަދި ނަތީޖާ އިއުލާންކުރެވޭވަރު ވާނީ މާދަމާ ކަމަށް އޮފިޝަލުން ބުންޏެވެ.
މި އިންތިހާބަކީ ލަންކާގެ އިގުތިސާދު އަނދަވަޅަކަށް ވެއްޓުމުން ކުރި މުޒާހަރާތަކުގެ ސަބަބުން އެއިރުގެ ރައީސް ގޮތަބަޔަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމުން ރައީސްކަމާ ހަވާލުވެވަޑައިގެންނެވި ރަނިލް ވިކްރަމަސިންހައަށް ރައްޔިތުންގެ އިތުބާރު އޮތްތޯ ބެލުމަށް ނަގާ ވޯޓެއް ކަމަށް ވެސް ސިޔާސީ ތަޖުރިބާކާރުން ބުނެއެވެ.
ލަންކާގެ އިގުތިސާދު މިހާރު އަންނަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައި.އެމް.އެފް)ގެ އެހީގައި ރަނގަޅުވަމުންނެވެ. ނަމަވެސް އިސްލާހީ ފިޔަވަޅުތަކުގެ ސަބަބުން އާއްމު ރައްޔިތުން އުފުލަން ޖެހިފައިވާ ބުރަތަކުގެ ސަބަބުން ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައެވެ. އެ ގޮތުން ޓެކްސް ބޮޑުކުރުމުން 22 މިލިއަން މީހުންގެ އާބާދީއެއް އޮތް ލަންކާގައި އެތައް މިލިއަން ބަޔަކު ވަނީ އަތާއި އަނގަޔާ ދިމާނުވާ ހާލުގައެވެ.
ވޯޓުލުން ނިންމައިލުމުގެ އެއް ގަޑިއިރު ކުރިން އިލެކްޝަން ކޮމިޝަނުން ބުނީ އެހާތަނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ 17 މިލިއަން މީހުންގެ ތެރެއިން 70 ޕަސެންޓް މީހުން ވޯޓުލި ކަމަށެވެ. ލަންކާގެ ރިޔާސީ އިންތިހާބެއްގައި އެންމެ ގިނަ މީހުން ވޯޓުލިކަމުގެ ރެކޯޑު އޮތީ 2019 ގެ ރިޔާސީ އިންތިހާބުގައެވެ. އެ ފަހަރު 83.72 ޕަސެންޓް މީހުން ވޯޓުލިއެވެ.
"ބަނގުރޫޓުވުމާ ދުރަށް އަހަރަން މި ގައުމު ގެންދޮސްދީފިން. އަހަރެން ދެން ކުރާނެ ކަމަކީ ލަންކާގެ އިގުތިސާދު ތަރައްގީކޮށް، އިޖުތިމާއީ ނިޒާމު ހަރުދަނާކޮށް، އަދި ސިޔާސީ ނިޒާމު ވެސް ތަރައްގީކުރުން. ބިރުވެރިކަމުގެ ދައުރަށް ނުވަތަ ތަރައްގީއަށް އެނބުރި ދިއުން ވަނީ ރައްޔިތުންގެ އަތްމަތީގައި،" އެތައް ފަހަރަކު ބޮޑު ވަޒީރުކަން ވެސް ކުރައްވައިފައިވާ ރަނިލް ވޯޓުލެއްވުމަށް ފަހު ވިދާޅުވިއެވެ.
އިގުތިސާދީ މައްސަލަތަކާ ހުރެ ޖަނަތަ ވިމުކްތި ޕެރަމުނަ (ޖޭ.ވީ.ޕީ) ޕާޓީގެ ކެންޑިޑޭޓް އަނޫރާ ކުމަރަ ޑިސަނަޔަކަގެ މަގުބޫލުކަން ވަނީ ބޮޑުވެފައެވެ. އެ ޕާޓީއަކީ 1970ގެ އަހަރުތަކާއި 1980ގެ އަހަރުތަކުގައި އިންގިލާބު ގެންނަން މަސައްކަތްކުރި ޕާޓީއެކެވެ. ސަރުކާރާ ދެކޮޅު އެ އަޕްރައިސިންތަކުގައި 80،000 އަށްވުރެ ގިނަ ރައްޔިތުން މަރުވިއެވެ. އެންމެ ފަހުން ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބުގައި ޖޭ.ވީ.ޕީ.އަށް ލިބިފައިވަނީ ހަތަރު ޕަސެންޓަށް ވުރެ މަދު ވޯޓެވެ. ނަމަވެސް ލަންކާ ވެއްޓުނު އިގުތިސާދީ އަނދަވަޅު ވީ އުމުރުން 55 އަހަރުގެ އަނޫރާއަށް ލިބުނު ފުރުސަތަކަށެވެ. އެއީ ލަންކާގެ ކޮރަޕްޓްވެފައިވާ ސިޔާސީ ސަގާފަތް ނައްތައިލާނެ ކަމަށް އޭނާ ވީ ރިޔާސީ ވައުދާ ގުޅިގެންނެވެ.
ލަންކާގެ އަނެއް އިދިކޮޅު ލީޑަރު ކަމަށްވާ އުމުރުން 57 އަހަރުގެ ސަޖިތު ޕްރެމަދާސައަށް ވެސް އެކަށީގެންވާ އަދަދަކަށް ވޯޓު ލިބިދާނެކަމަށް ސިޔާސީ ތަޖުރިބާކާރުން ލަފާކުރެއެވެ. ސަޖިތުގެ ބައްޕަ، ކުރީގެ ރައީސް ރަނަސިންހަ ޕްރެމަދާސަ ވަނީ ލަންކާގެ އަހުލީ ހަނގުރައިމައިގެ ދުވަސްވަރު 1993 ގައި އަވަހާރަކޮށްލައިފައެވެ.
ދެ މަސް ދުވަހަށް ދެމިގެންދިޔަ ރިޔާސީ ކެމްޕޭންގައި، ރެކޯޑް އަދަދަކަށް ކުރިމަތިލި 38 ކެންޑިޑޭޓުން ވެސް އިސްކަމެއްދިނީ، އިގުތިސާދު އެންމެ ގޯސްވި މީގެ ދެ އަހަރު ކުރީގެ ހިތި ތަޖުރިބާއިން އަރައިގަތުމުގެ ވައުދު ފުއްދައި ދޭނެ ކަމަށް ބުނުމުގައެވެ. ރަސްމީ ތަފާސްހިސާބުތަކުން ދެއްކި ގޮތުގައި 2021 އާއި 2022 އާ ދެމެދު ލަންކާގެ ފަގީރުކަމުގެ ނިސްބަތްވަނީ ދެ ގުނަ މައްޗަށް ގޮސް، 25 ޕަސެންޓަށް އަރައިފައެވެ. މިހެންވެ، ދުވާލަކު 3.65 ޑޮލަރު (56.28ރ.)އަށްވުރެ ކުޑަ އާމްދަނީއެއްގައި އުޅޭ ރައްޔިތުންގެ އަދަދަށް އިތުރު 2.5 މިލިއަން މީހުންވަނީ އިތުރުވެފައެވެ.
ތަޖުރިބާކާރުން ބުނަނީ ލަންކާގެ އިގުތިސާދު އަދިވެސް ނާޒުކު ކަމަށެވެ. ސަބަބަކީ 2022 ގައި ޑިފޯލްޓްވި 46 ބިލިއަން ޑޮލަރު (706 ބިލިއަން ރުފިޔާ)ގެ ބޭރުގެ ދަރަނި އަދިވެސް ދައްކަން ނުފަށާތީއެވެ.
އައި.އެމް.އެފް.އިން ބުނީ ރަނިލްގެ ސަރުކާރުން އެޅި އިސްލާހީ ފިޔަވަޅުތަކުގެ ރަނގަޅު ނަތީޖާ ފެންނަމުން އަންނަ ކަމަށާއި އިގުތިސާދު މަޑުމަޑުން ތަރައްގީވަމުން އަންނަ ކަމަށެވެ.
"ވަރަށް ބޮޑަށް ވެސް ތަރައްގީ ވެއްޖެ. ނަމަވެސް ޖަންގަލިން މުޅިއަކުން އަދި ލަންކާއަކަށް ނުނިކުމެވޭ،" އައި.އެމް.އެފް.ގެ ކޮމިއުނިކޭޝަންތަކާ ބެހޭ ވެރިޔާ ޖޫލީ ކޮޒެކް ބުންޏެވެ.
ލަންކާއަކީ ސިޔާސީ އަނިޔާވެރިކަމުގެ ތާރީހެއް އޮތް ގައުމަކަށްވާތީ މިއަދު ވޯޓުލިއިރު އެތައް ހާސް ފުލުހުން ވަނީ ވޯޓުލާ މަރުކަޒުތަކަށް ފޮނުވައިފައެވެ. އަދި ހަފުތާބަންދުގައި ބަނގުރާ ވިއްކުން މަނާކުރުމުގެ އިތުރުން ވޯޓުގެ ނަތީޖާ ލިބޭތާ އެއް ހަފުތާ ފަހުން ނޫނީ ކާމިޔާބު ލިބޭ ކެންޑިޑޭޓަކަށް ތާއީދުކުރާ މީހުން އުފާ ފާޅުކުރުމުގެ ހަފުލާތައް ބޭއްވުން ވެސް ވަނީ މަނާކޮށްފައެވެ.



advertisment