Support Us

މިސްރުގެ ވިޔަފާރިވެރިޔާ މުހައްމަދު އަލްފާއިދު އިނގިރޭސި ވިލާތުގައި ހުންނަ މަޝްހޫރު ހެރޮޑްސް ފިހާރައިގައި

ޑަޔާނާގެ ލޯބިވެރިޔާގެ ބައްޕައަށް ރޭޕްގެ ތުހުމަތު

ކާރު އެކްސިޑެންޓެއްގައި އަވަހާރަވި އިނގިރޭސި ޕްރިންސަސް ޑަޔާނާއާއެކު ހަމަ އެ ކާރުގައި މަރުވި އޭނާގެ ލޯބިވެރިޔާ ޑޯޑީ އަލްފާއިދުގެ މިހާރު މަރުވެފައިވާ ބައްޕަ މުހައްމަދު އަލްފާއިދު ފަސް އަންހެނުން ރޭޕްކޮށްފައިވާ ކަމަށް އިނގިރޭސި ދައުލަތުގެ މީޑިއާ ބީ.ބީ.ސީ.އިން ތުހުމަތުކޮށްފިއެވެ.

ބީ.ބީ.ސީ.އިން ކުރި ތަހުގީގަކަށް ފަހު ނެރުނު ޑޮކިއުމެންޓްރީއެއްގައި ތުހުމަތުކުރީ މުހައްމަދު ފަސް އަންހެނުން ރޭޕްކުރިކަމަށާއި އަދި މަދުވެގެން 15 އަންހެނުންނަށް ޖިންސީ އަނިޔާކޮށްފައިވާ ކަމަށެވެ. އެއީ މަޝްހޫރު ފިހާރަ ހެރޮޑްސްގައި އެ އަންހެނުން ވަޒީފާ އަދާކުރިއިރުއެވެ.

މުހައްމަދާ ދެކޮޅަށް ތުހުމަތުކުރި މި އަންހެނުންތައް ބުނީ މުހައްމަދު ހެރޮޑްސް ހިންގިއިރު އެ ފިހާރައިން މި ކަންތައްތައް ސިއްރުކުރަން އުޅުނު ކަމަށެވެ.

ހެރޮޑްސްގެ މިހާރުގެ ވެރިން ބުނީ މުހައްމަދާ ދެކޮޅަށް ކުރި ތުހުމަތުތަކާމެދު ސިހުން ލިބިފައިވާ ކަމަށާއި މި 20 އަންހެނުންގެ ކިބައިން މައާފަށް އެދޭ ކަމަށާއި ކޮންމެސް ކަހަލަ ބަދަލެއް ދޭން ތައްޔާރު ކަމަށެވެ.

"މުހައްމަދު ޖިންސީ އަނިޔާކުރި އަންހެނުންގެ އަދަދު އެތައް ސަތޭކައަށް އަރައިފާނެ. އެއީ އެ އަންހެނުން ހެރޮޑްސްގައި 1985 އިން 2010 އާ ހަމައަށް ވަޒީފާ އަދާކުރިއިރު،" މުހައްމަދުގެ ޝިކާރައަކަށްވި ކަމަށް ތުހުމަތުކުރާ އަންހެނެއްގެ ގާނޫނީ ވަކީލު ލެއި ޑޭ ބުންޏެވެ.

ގާނޫނީ ވަކީލުން ދަނީ ފުލުހުން އަޅައިނުލި ކަމަށް މި އަންހެނުން ތުހުމަތުކުރާތީ ފުލުހުންނާ ދެކޮޅަށް ވެސް ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތްތޯ ބަލަމުންނެވެ.

މުހައްމަދު މަރުވީ މިދިޔަ އަހަރު އުމުރުން 94 އަހަރުގައެވެ. އެ ކަމާ ގުޅިގެން ދަ ގާޑިއަނުން ޝާއިއުކުރި އޮބިޗުއަރީއެއްގައި ބުނީ ހެރޮޑްސްގެ އަންހެން މުވައްޒަފުންނަށް ތަކުރާރުކޮށް ޖިންސީ އަނިޔާކުރާކަމުގެ ތުހުމަތުތައް އޭނާގެ އުމުރުގައި ތަކުރާރުކޮށް ކޮށްފައިވާ ކަމަށެވެ.

މުހައްމަދު ވަނީ އޭނާއަށް ކުރި ތުހުމަތުތަކާ ތަކުރާރުކޮށް ދެކޮޅު ހަދައިފައެވެ. އޭނާއަށް ކުރި ތުހުމަތުތަކުގެ ތެރޭގައި 2009 ގައި 15 އަހަރުގެ އަންހެންކުއްޖަކަށް ހެރޮޑްސްގެ ތެރޭގައި ޖިންސީ ފުރައްސާރަކުރުމާއި 2013 ގައި މުހައްމަދުގެ އެޕާޓްމަންޓްގައި ވަޒީފާގެ އިންޓަވިޔުކުރި އަންހެނަކަށް ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތު ހިމެނެއެވެ. ފުލުހުން މި މައްސަލަ 2015 ގައި އަލުން ބަލަން ފެށި ނަމަވެސް މުހައްމަދާ ދެކޮޅަށް ފިޔަވަޅެއް ނާޅައެވެ.

ބީ.ބީ.ސީ.އިން ތައްޔާރުކުރި ޑޮކިއުމެންޓްރީގައި މުހައްމަދުކުރިކަމަށް ތުހުމަތުކުރާ ޖިންސީ އަނިޔާތައް ކެމެރާގެ ކުރިމަތީގައި ބައެއް އަންހެނުން ވަނީ ކިޔައިދީފައެވެ. އެ ގޮތުން މުހައްމަދު ޖިންސީ އަނިޔާ ހިންގި ގައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތް، ފްރާންސް އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ހިމެނޭ ކަމަށް އެ އަންހެނުން ތުހުމަތުކުރިއެވެ.

ޑޮކިއުމެންޓްރީގައި އެއް އަންހެނަކު ތުހުމަތުކުރީ އޭނާ ފުރާވަރު އުމުރުގައި މުހައްމަދުގެ ފްލެޓްގައި ރޭޕްކޮށްލި ކަމަށެވެ.

"މުހައްމަދު އަލްފާއިދަކީ ފުރޭތައެއް. އެއްވެސް ރަނގަޅު ސުލޫކެއް ނެތް ޖިންސީ ޝިކާރަވެރިއެއް،" އޭނާ ބީ.ބީ.ސީ.އަށް ބުންޏެވެ.

އެއް އަންހެނަކު ތުހުމަތުކުރީ އެއް ފަހަރަށް ވުރެ ގިނަ ފަހަރު އޭނާ ރޭޕްކޮށްލަން މަސައްކަތްކުރި ކަމަށެވެ. އަދި އެހެން އަންހެނަކު ތުހުމަތުކުރީ އޭނާ ރޭޕްކޮށްލުމަށް ފަހު ޑިސިންފެކްޓެންޓުން ސާފުކުރަން އެންގި ކަމަށާއި އެއީ ރޭޕްކުރިކަމުގެ އަސަރެއް އަދި ހެއްކެތް ނުލިބޭނެ ގޮތް ހެދުމަށް ކަމަށެވެ.

ބީ.ބީ.ސީ.ގެ ޑޮކިއުމެންޓްރީއަށް މި އަންހެނުން އިންޓަވިޔު ދޭން ނިންމީ ނެޓްފްލިކްސްއިން ނެރުނު ޓީވީ ސީރީޒް "ދަ ކްރައުން"ގައި މުހައްމަދަކީ ރަނގަޅު މީހެއް ކަމަށް ދައްކާތީ އެ ކަމާ ހިތްހަމަނުޖެހިގެން ކަމަށް އެ އަންހެނުން ބުންޏެވެ.

"އަހަރެމެން ބޭނުންވަނީ ބީ.ބީ.ސީ.އިން ހަގީގަތް ދައްކައިދޭން،" އެ ތަނުން އެއް އަންހެނަކު ބުންޏެވެ.

"ދަ ކްރައުން"އަކީ ޑަޔާނާ އާއި މިސްރުގެ ރައްޔިތެއް ކަމަށްވާ ޑޯޑީގެ ލޯބީގެ ގުޅުން ދައްކައިދޭ ސީރީޒްއެކެވެ. ޑޯޑީގެ ބައްޕަ މުހައްމަދަކީ މިސްރުގެ ވިޔަފާރިވެރިއެކެވެ. މުހައްމަދު މަރުވުމުގެ ކުރިން 2010 ގައި އޭނާ ވަނީ ހެރޮޑްސް ވިއްކައިލައިފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް