އަލްގައިދާއާ ގުޅިފައިވާ ޖަމާއަތަކުން ދިން ހަމަލާއެއްގައި 70 އަށްވުރެ ގިނަ މީހުން މަރުވެ، 255 މީހުން ޒަހަމްވެފައިވާ ކަމަށް މާލީގެ އޮފިޝަލުން ބުނެފިއެވެ.
އެފްރިކާ ބައްރުގެ އެ ގައުމުގެ ޑިޕްލޮމެޓުންނާއި ސަލާމަތީ ފަރާތްތަކުން ބުނީ ވެރިރަށް ބާމާކޫއަށް ޖަމާއަތު ނުސްރަތުލް އިސްލާމް ވަލްމުސްލިމީން (ޖޭ.އެން.އައި.އެމް)އިން ހަމަލާ ދީފައިވަނީ އަންގާރަ ދުވަހު ކަމަށެވެ.
"ހަމަލާ ދިނީ ފުލުހުން ތަމްރީންކުރާ މަރުކަޒަކަށާއި ބާމާކޫގެ ކައިރީގައި އޮންނަ ވައިގެ ބަނދަރަކަށް،" ނަން ހާމަނުކުރުމަށް ޝަރުތުކޮށްފައި ސަލާމަތީ އޮފިޝަލަކު އޭ.އެފް.ޕީ.އަށް ބުންޏެވެ.
އޭނާ ބުނީ ރަސްމީ ލިޔެކިޔުންތަކުން ފެންނަން އޮތް ގޮތުގައި މަރުވި ކަމަށް ވަނީ ގާތްގަނޑަކަށް 100 މީހުން ކަމަށެވެ. އޭގެ ތެރެއިން 81 މީހުންނަކީ ކާކުކަން ދެނެގަނެވިފައިވާ ކަމަށް އޭނާ ބުންޏެވެ.
ނަމަވެސް ދެ ޑިޕްލޮމެޓަކު ރޮއިޓާސްއަށް ބުނީ މަރުވި މީހުންގެ އަދަދު އުޅެނީ 70ގެ ތެރޭގައި ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.
ތިން ވަނަ ޑިޕްލޮމެޓަކު ބުނީ މަރުވި މީހުންނާއި ޒަހަމްވި މީހުން އެއްކޮށްލުމުން އެތައް ސަތޭކައަށް މި އަދަދުތައް އަރައި ކަމަށް ބެލެވޭ ކަމަށެވެ.
"މި ހުރިހާ އެންމެންނަށް ފަރުވާ ދޭނެ އަދަދަށް ހޮސްޕިޓަލްތަކުގައި އެނދެއް ނެތް،" އޭނާ ބުންޏެވެ.
މާލީގެ އަސްކަރިއްޔާއިން ވަނީ 2021 ގައި ބަޣާވާތެއްކޮށް، އާ ސަރުކާރެއް ގާއިމުކޮށްފައެވެ. ނަމަވެސް އޭގެ 10 އަހަރު ކުރިން ވެސް ހަތިޔާރު އެޅި އިދިކޮޅު ފަރާތްތައް މާލީގެ އަސްކަރިއްޔާއާ ދެކޮޅަށް ހަނގުރާމަ ވަނީ ފަށައިފައެވެ.



advertisment