Support Us

ޖަޕާންގެ ވެރިރަށް ޓޯކިޔޯގައި އައިކޮމް ކުންފުނީގެ ވޯކީޓޯކީތަކެއް ވިއްކަން ބަހައްޓައިފައި

ލުބްނާންގައި އިސްރާއީލުން ގޮއްވައިލި ވޯކީޓޯކީތަކާ ގުޅުމެއް ނެތް: ޖަޕާންގެ އައިކޮމް

ލުބްނާންގައި ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރަމުން އަންނަ ހިޒްބުﷲ ހަނގުރާމަވެރިންގެ ވޯކީޓޯކީތަކެއް އިސްރާއީލުން ގޮއްވައިލުމާ، އެ ތަކެތި އުފެއްދި ޖަޕާންގެ އައިކޮމްއާ ގުޅުމެއް ނެތް ކަމަށް އެ ކުންފުނިން މިއަދު ބުނެފިއެވެ.

ވޯކީޓޯކީތައް އިއްޔެ ގޮއްވައިލުމާ ގުޅިގެން މަދުވެގެން 20 މީހުން މަރުވެ، 450 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

އޭގެ ކުރީ ދުވަހު ޓައިވާންގެ ލައިސަންސެއްގެ ދަށުން ޔޫރަޕްގެ ކުންފުންޏަކުން އުފެއްދި ޕޭޖަރުތައް ލުބްނާންގައި އިސްރާއީލުން ގޮއްވައިލުމުން ނުވަ މީހުން މަރުވެ، 2،700 އެއްހާ މީހުން ވަނީ ޒަހަމްވެފައެވެ. މިއީ ވެސް ހިޒްބުﷲއާ ދެކޮޅަށް އިސްރާއީލުން ދިން ހަމަލައެކެވެ.

ލުބްނާންގައި އިސްރާއީލުން ގޮއްވައިލި ވޯކީޓޯކީތަކަކީ ޖަޕާންގެ ވީ.82 މަރުކާގެ އާލާތްތައްކަމަށް ލުބްނާންގެ މުވާސަލާތާ ބެހޭ ވުޒާރާއިން ބުންޏެވެ. ނަމަވެސް އެ ތަކެތި އުފެއްދި ޖަޕާންގެ އައިކޮމް ކުންފުނިން މިއަދު ބުނީ މި މޮޑެލްގެ ވޯކީޓޯކީ ނުއުފައްދައިތާ 10 އަހަރުވެއްޖެކަމަށެވެ.

"ލުބްނާންގައި އިސްރާއީލުން ގޮއްވައިލީ މި ކުންފުނިން މީގެ 10 އަހަރުކުރިން މެދުއިރުމައްޗަށް އެކްސްޕޯޓްކުރި ވޯކީޓޯކީތައް ކަމެއް ކަށަވަރުކުރެވޭނެ ގޮތެއް ނެތް. ވީ.82 މަރުކާގެ ވޯކީޓޯކީތަކަކީ އެންމެ ގިނައިން ޕައިރެޓުން އުފައްދާ ފޭކު ވޯކީޓޯކީތައް،" އައިކޮމްއިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

މި މައްސަލައާ ބެހޭ ގޮތުން އިތުރު ތަފުސީލެއް ދިނުމަށް އެން.ބީ.ސީ ނިއުސްއިން އެދުމުން އައިކޮމްއިން ކޮމެންޓްކުރަން ދެކޮޅުހެދިއެވެ.

"މިއީ ހަނގުރާމައިގެ އާ މަރުހަލާއެއް. އަހަރެމެންނަށް ބޭނުންވަނީ ކެރުމާއި، ހިތްވަރުކުރުމާއި އަދި ކެތްތެރިކަން،" ޕޭޖަރުތަކާއި ވޯކީޓޯކީތައް ގޮއްވައިލީ އިސްރާއީލުންކަމަށް ސީދާ ނުބުނެ އިސްރާއީލުގެ ދިފާއީ ވަޒީރު ޔޮއަވް ގެލެންޓް އިއްޔެ ބުންޏެވެ.

އެމެރިކާގެ ދެ އޮފިޝަލަކު އެން.ބީ.ސީ ނިއުސްއަށް ވިދާޅުވީ އިރާންގެ ތާއީދު ލިބިފައިވާ ހިޒްބުﷲއަށް އިސްރާއީލުން ހަމަލާ ދިން ކަމެއް އިސްރާއީލުން ސީދާ ނުބުނާ ކަމަށާއި ބުނިހާ ވެސް ވާހަކައަކީ ލުބްނާންގައި "ކޮންމެސް ކަމެއްކުރަން އުޅޭ" ކަމަށެވެ.

"އަންގާރަ ދުވަހު ޕޭޖަރުތައް ގޮއްވައިލި ހަބަރު ވެގެންދިޔައީ އަހަރެމެންނަށް ލިބުނު ސިހުމަކަށް،" އެމެރިކާގެ އޮފިޝަލަކު ވިދާޅުވިއެވެ.

ޕޭޖަރާއި ވޯކީޓޯކީ ގޮއްވައިލީ އިސްރާއީލުން ކަމަށް އެ ގައުމުން އެއްބަސްނުވިޔަސް ހިޒްބުﷲ އާއި ލުބްނާންގެ އޮފިޝަލުން ތުހުމަތުގެ އިނގިލި ދިއްކުރީ އިސްރާއީލަށެވެ. އަދި އެމެރިކާގެ ނޫސްތަކުން ވެސް ނުރަސްމީކޮށް އޮފިޝަލުންގެ ކޮމެންޓްތަކަށް ބުރަވެ މި ދެ ހަމަލާގެ އިލްޒާމް އަޅުވައިފައިވަނީ އިސްރާއީލުގެ ބޮލުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *