ޖާވާ ރައިނޯއަކީ މިހާރު ހަމައެކަނި އިންޑޮނޭޝިއާގައި އުޅޭ ބާވަތެއްގެ ރައިނޯއެކެވެ. އެ ގައުމުގެ ޖަޒީރާއެއް ކަމަށްވާ ޖާވާގެ އުޖުންގް ކުލޮން ގައުމީ ޕާކްގައި ހިމާޔަތްކޮށްފައިވާ މި ބާވަތުގެ ތިން ވަނަ ތުއްތު ރައިނޯއެއް މި އަހަރުގެ ތެރޭގައި ފެނުމުން ތިމާވެށި ރައްކާތެރިކުރާ ފަރާތްތަކަށް ވަނީ ހިނިތުންވުން ގެނެސްފައެވެ.
"ގާތްގަނޑަކަށް 463 އަކަމޭލުގެ މި ޕާކްގައި މިހާރު އުޅެނީ އެންމެ 82 ޖާވާ ރައިނޯ. މި ތާނގައި ރެއިންފޮރެސްޓް ބާވަތުގެ ޖަންގައްޔާއި ސާފު ފެނުގެ ކޯރުތައްވޭ،" އިންޑޮނޭޝިއާގެ އޮފިޝަލަކު ވިދާޅުވިއެވެ.
އެ ގައުމުގައި، އެއް ދުވަސްވަރެއްގައި އެތައް ހާސް ޖާވާ ރައިނޯ އުޅުނެވެ. ނަމަވެސް އެކި ބޭނުންތަކަށް އެ ސޮރުމެން ވަގަށް ޝިކާރަކުރުމާއި އަދި އިންސާނީ ތަރައްގީއަށް ޖަންގަލިތައް ނައްތައިލަމުންދާތީ މިހާރު ދުނިޔޭގައި އުޅެނީ ޖާވާގެ މި ޕާކްގައި އުޅޭ 100 ވެސް ހަމަނުވާ އަދަދުގެ ޖާވާ ރައިނޯ ކަމަށް ބެލެވެއެވެ.
ނަމަވެސް ތިމާވެށި ހިމާޔަތްކުރުމަށް މަސައްކަތްކުރާ އެކްޓިވިސްޓުން ބުނަނީ ދުނިޔޭގައި މިހާރު އުޅެނީ 82 ޖާވާ ރައިނޯ ކަމަށް ސަރުކާރުން ބުންޏަސް، އެ އަދަދު މި އަށްވުރެ މަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ. ސަބަބަކީ 2018 ގެ ފަހުން ވެސް ރައިނޯ ޝިކާރަކުރާ ގޭންގަކުން 26 ޖާވާ ރައިނޯ ޝިކާރަކުރިކަން ފަޅައިއަރައިފައިވާތީއެވެ.
މިދިޔަ ހަފުތާގައި ހާމަކުރީ މިދިޔަ މެއި މަހު ފެނުނު އަންހެން ޖާވާ ރައިނޯއެއްގެ ވީޑިއޯއެކެވެ. އެ ސޮރުގެ އުމުރުން އަދި ވީ ފަސް މަސް ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. "އައިރިސް"ގެ ނަން ދީފައިވާ މި ސޮރު ފެނުނީ އޭތީގެ މަންމައާއެކު ދަނިކޮށް ވީޑިއޯ ކެމެރާއަށްއެރި މަންޒަރަކުންނެވެ.
"މި ކަމުން އެނގެނީ ޖާވާ ރައިނޯ އަދިވެސް ދެމެހެއްޓިދާނެކަން،" ޕާކް ބެލެހެއްޓެވުމުގެ އިސްވެރިޔާ އަރްދީ އަންދޫނޫ އޭ.އެފް.ޕީ.އަށް ވިދާޅުވިއެވެ.
އައިރިސްގެ ފުޓެޖް އަރައިފައިވަނީ މިދިޔަ ފެބްރުއަރީ މަހު ޕާކްގެ އެކި ސަރަހައްދުތަކުގައި ބެހެއްޓި 100 އަށްވުރެ ގިނަ ކެމެރާގެ ތެރެއިން ކެމެރާއަކަށެވެ.



advertisment