އިޓަލީގެ ސިސިލީގެ އެއޯލިއަން ޖަޒީރާތަކުގައިވާ ރަށް އަލަކޫޑީގައި ދިރިއުޅެނީ އެންމެ 100 އެއްހާ މީހުންނެވެ.
އާބާދީ ކުޑަޔަސް އެ ރަށުގައި ހުރިހާ ބާވަތެއްގެ ހިދުމަތް ލިބެއެވެ. ހަމައެކަނި އޮތީ އެންމެ މައްސަލައެކެވެ؛ އިންސާނީ އާބާދީއަށްވުރެ ބަކަރި އާބާދީ ހަ ގުނަ އިތުރުވުމެވެ. އަދި މިހެންވެ ފަތްޕިލާވެލި ކައިގެން އުޅޭ މި މަޑުމައިތިރި ޖަނާވަރުގެ ސަބަބުން އެ ސޮރުމެންގެ ކެއުމުގެ އާދައާ ގުޅޭ "ނުރައްކަލެއް" ރަށްވެހިންނަށް ކުރިމަތިވުމެވެ.
"ގެދޮރަށާއި ބަގީޗާތަކަށް ވެސް އެ ސޮރުމެން މިހާރު ވަންނަނީ،" އަލަކޫޑީގެ މޭޔަރު ރިކާޑޯ ގުއްލޯ ވިދާޅުވިއެވެ.
މި ބަކަރިތަކަކީ ބަޔަކު ގެންގުޅޭ ބަކަރިތަކެއް ނޫނެވެ. މީގެ 20 އަހަރު ކުރީއްސުރެ މިނިވަންކަމާއެކު ރަށު ތެރޭގައި އުޅެމުންދާ ބަކަރިތަކެވެ. އަދި މިވީ ދުވަސްތަކުގެ ތެރޭގައި ވަރަށް ބޮޑު ތަނުން ބަކަރީގެ އާބާދީ އިތުރުވީއެވެ.
"ޓޫރިސްޓުންނަށް ވަރަށް ކަމުދޭ ބަކަރިތައް. ނަމަވެސް އަހަރެމެން ރަށްވެހިންނަށް އެއީ ބިރެއް،" ރިކާޑޯ ވިދާޅުވިއެވެ.
މި މައްސަލަ ހައްލުކުރަން ރިކާޑޯ ވަނީ ބަކަރި "އެޑޮޕްޓް"ކުރުމުގެ މަޝްރޫއެއް ތައާރަފުކުރައްވައިފައެވެ. އެ ގޮތުން މި ރަށަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް ވެސް، އޭގެ ތެރޭގައި ފަތުރުވެރިން ހިމެނޭ ގޮތަށް، އެ މީހެއްގެ ވަޒަނަށް ނުވަތަ ގެއަށް ގެންދަން ބަކަރި ލިބޭނެއެވެ. ބޭނުން ވަރަކަށެވެ. ހަމައެކަނި ދައްކަން ޖެހެނީ އިދާރީ ފީއެކެވެ. އެއީ 17 ޑޮލަރު (261ރ.)އެވެ.
"ބަކަރި ހޯދުމަށް ކޮންމެ މީހަކަށް ވެސް އެދެވިދާނެ. އެއީ ކޮންމެހެން ދަނޑުވެރިއަކަށް ވާކަށްނުޖެހޭ. އަދި ބޭނުން އަދަދަކަށް ވެސް ގެންދެވިދާނެ،" ރިކާޑޯ ވިދާޅުވިއެވެ.



advertisment