Support Us

ޓްރަމްޕް އަވަހާރަކޮށްލަން އަނެއްކާވެސް މަސައްކަތްކޮށްފި

އެމެރިކާގެ ރިޔާސީ އިންތިހާބުގައި އަނެއްކާވެސް ވާދަކުރައްވަމުންގެންދަވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން ދެވަނަ ފަހަރަށް މަސައްކަތްކޮށްފި ކަމަށް ބެލެވޭ ކަމަށް ތަހުގީގީ އިދާރާ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފް.ބީ.އައި)އިން ބުނެފިއެވެ.

"މި ކަމުގައި ޓްރަމްޕަށް އެއްވެސް ޒަހަމެއް ލިބިވަޑައިގެންފައި ނުވޭ،" އެފް.ބީ.އައި.އިން ބުންޏެވެ.

ފްލޮރިޑާ ސްޓޭޓްގައި ހުންނަ ޓްރަމްޕްގެ ގޮލްފް ކްލަބްގައި ހަފުތާބަންދުގައި ގޮލްފް ކުޅުއްވަނިކޮށް ސިއްރު ސިފައިންނަށް ފެނުނީ ފުޅަފީގެ ތެރެއިން ބަޑިއެއް ދިއްކޮށްފައިވާ މަންޒަރެވެ. މި ކަމާ ގުޅިގެން އެ ގަސްތަކުގެ ތެރޭގައި ފިލައި އޮތް މީހަކާ ދިމާއަށް ސިއްރު ސިފައިން ބަޑިޖެއްސެވެ.

"ދެން އެ މީހާ ކާރެއްގައި ފިލައިގެން ދިޔަ. އޭނާ ހުއްޓުވައި ހައްޔަރުކުރީ ގޮލްފް ކްލަބާ 38 މޭލު ދުރުން މަގުމަތިން،" ޕާމް ބީޗް ކައުންޓީގެ ފުލުހުންގެ ވެރިޔާ ރިކް ބްރެޑްޝޯ ވިދާޅުވިއެވެ.

"ތަހުގީގު ފަށައިފިން. މި ކަން ބެލެވެނީ ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު ހާދިސާއެއްގެ ގޮތުގައި،" އެފް.ބީ.އައި.ގެ އޮފިޝަލަކު ވިދާޅުވިއެވެ.

ހައްޔަރުކޮށްފައިވަނީ އުމުރުން 58 އަހަރުގެ ރަޔަން ވެސްލީ ރައުތުއެވެ. އޭނާއަކީ ހަވާއީ ސްޓޭޓްގައި އިމާރާތްކުރާ ކުންފުންޏެއް ހިންގާ މީހެކެވެ. އޭނާ ވަނީ ސޯޝަލް މީޑިއާގައި ޓްރަމްޕަށް ފާޑުކިޔައިފައި ކަމަށް އޮފިޝަލުން ވިދާޅުވިއެވެ. އެ ގޮތުން 2016 ގައި ޓްރަމްޕަށް ވޯޓުލި ކަމަށާއި ނަމަވެސް ފަހުން ޓްރަމްޕް ވެވަޑައިގަތީ އޭނާ ހީނުކުރާ ކަހަލަ ބޭފުޅަކަށް ކަމަށް ރައުތު ބުނެފައިވެއެވެ.

ބަޑި ހިފައިގެން ރައުތު އޮތީ ޓްރަމްޕާ 1،500 ފޫޓެއްހާ ދުރުގައި ކަމަށްވެއެވެ. އޭނާ ފިލައިގެން ދިއުމުން އޭނާ އޮތް ތަން ބެލިއިރު އެ ތަނުން އޭކޭ-47 ސްޓައިލްގެ ބަޑިއަކާއި ގޯޕްރޯ ކެމެރާއަކާއި ބެކްޕެކްތަކެއް ފެނިފައިވެއެވެ.

ރައުތުއަކީ ޔޫކްރެއިންއަށް ތާއީދުކުރާ އެކްޓިވިސްޓެކެވެ. ރަޝިއާއާ ދެކޮޅަށް ޔޫކްރެއިނުން ދިފާއުވުމަށް ކުރަމުންދާ ހަނގުރައިމައިގައި ބައިވެރިކުރުމަށް އެހެން ގައުމުތަކުގެ ހަނގުރާމަވެރިން ހޯދުމަށް އޭނާ މަސައްކަތްކޮށްފައިވެއެވެ.

ޓްރަމްޕަށް ވަނީ މީގެ ދެ މަހެއްހާ ކުރިން ބަޑީގެ ހަމަލާއެއް ދީފައެވެ. އެ ފަހަރު އޭނާ ޕެންސިލްވޭނިއާ ސްޓޭޓްގައި ކެމްޕޭން ކުރައްވަނިކޮށް އިމާރާތެއްގެ މަތިން މީހަކު ބަޑިޖެހުމުން އުންޑަ އަރައިފައިވަނީ ކަނާތު ކަންފަތަށެވެ.

ބަޑިޖެހި މީހާގެ ގަޔަށް ސިއްރު ސިފައިން ބަޑިޖަހައި އޭނާ ވަނީ ވަގުތުން މަރައިލައިފައެވެ.

މިއަދުގެ ހާދިސާއަށް ފަހު ޓްރަމްޕް ވިދާޅުވީ "މިއަދަކީ ގައިމު ވެސް ޝައުގުވެރި ދުވަހެއް" ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް