Support Us

ޕްރިންސް ހެރީ އަދި އިނގިރޭސި ޝާހީ އާއިލާއާ ގުޅުން ކެނޑެން މެދުވެރިވި އޭނާގެ ބަޔޯގްރަފީ "ސްޕެއާ"

ގުޅުން ގޯސް ނަމަވެސް ހެރީއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔައިފި

އިނގިރޭސި ވަލީ އަހުދު ޕްރިންސް ވިލިއަމްގެ ކޮއްކޮ ޕްރިންސް ހެރީއާ އާއިލާގެ ގުޅުން މިހާރު ހީނަރުވެފައިވީ ނަމަވެސް ހެރީއަށް އުފަންދުވަހުގެ ތަހުނިޔާ ޝާހީ އާއިލާއިން ކިޔައިފިއެވެ.

ޝާހީ އާއިލާގެ ރަސްމީ ސޯޝަލް މީޑިއާގެ ހޭންޑްލްގައި އެކްސް އަދި އިންސްޓަގްރާމްގައި، އިތުރު މާބޮޑު ވާހަކަތަކެއް ނުދައްކައި ވަނީ ސާދާ މެސެޖެއް އިއްޔެ ލިޔެލައިފައެވެ. މެސެޖްގައިވާ ކުރު ޖުމްލައަކީ: "ސަސެކްސްގެ ޑޫކްއަށް އުފާވެރި 40 ވަނަ އުފަންދުވަހަކަށް މަރުހަބާ ކިޔަމެވެ."

މިއީ ދެ އަހަރު ކުރިން ހެރީއާ ގުޅުން ހީނަރުވީ ފަހުން އާއްމުންނަށް އެނގޭ ގޮތަށް އިނގިރޭސި ޝާހީ އާއިލާއިން ހެރީއާ މުއާމަލާތްކުރި ފުރަތަމަ ފަހަރެވެ.

ހެރީ އާއި އޭނާގެ ބައްޕަ ރަސްގެފާނު ޗާލްސް ތިނެއް އަދި ވަލީ އަހުދު ވިލިއަމްއާ ގުޅުން ގޯސްވީ ހެރީގެ ބަޔޯގްރަފީ ނެރުނުއިރު ޝާހީ އާއިލާއަށް ފާޑުކިޔައިފައިވާތީއެވެ. އެ ގޮތުން "ސްޕެއާ" ނަމަކަށް ކިޔާ ބަޔޯގްރާފީގައި ވަނީ ހެރީގެ އަނބިކަނބަލުން މެގަން މާކްލްއާމެދު ނަސްލީ ތަފާތުކުރުން ޝަހީ އާއިލާގެ މެންބަރުން ގެންގުޅޭ ކަމަށް ހެރީ ތުހުމަތުކުރައްވައިފައެވެ. މެގަންގެ މަންމައަކީ ކަޅު މީހެކެވެ. ބައްޕައަކީ ދޮން މީހެކެވެ.

"ސްޕެއާ"ގެ މާނައަކީ ސްޕެއާޕާޓެއްހެން ވިލިއަމްއަށް ކަމެއް ދިމާވެއްޖެ ނަމަ ރަސްކަމަށް ވަޑައިގަންނަވާނީ ހެރީކަމަށް ކުރައްވައިފައިވާ އިޝާރާތެކެވެ. މި ބަޔޯގްރަފީގެ ސަބަބުން ޗާލްސްއާ ހެރީގެ ގުޅުން ހީނަރުވިއެވެ. ނަމަވެސް ޝާހީ ޒިންމާތައް ދޫކޮށްލައްވައި، އަނބިކަނބަލުންގެ ގައުމު އެމެރިކާއަށް ހިޖުރަކުރައްވައިފައިވާ ހެރީ، ޗާލްސްއަށް ކެންސަރު ޖެހުނު ހަބަރު ލިބިވަޑައިގަތުމުން ވަގުތުން އިނގިރޭސި ވިލާތަށް ދަތުރެއް ކުރެއްވިއެވެ. އެކަމަކު ޗާލްސްގެ އަރިހުގައި މަޑުކުރެއްވީ އެންމެ 45 މިނެޓުހާއިރުއެވެ.

ބޭބެ ވިލިއަމްއާ ހެރީގެ ގުޅުން ވަނީ އެއްކޮށް ކެނޑިފައެވެ. ނަމަވެސް ޝާހީ އާއިލާގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުން ހެރީއަށް ބާތުޑޭ މެސެޖް އިއްޔެ ފޮނުވުމުން މި މެސެޖް ވަނީ ވިލިއަމް އާއި އޭނާގެ އަނބިކަނބަލުން ކޭޓް މިޑްލްޓަންގެ ރަސްމީ ސޯޝަލް މީޑިއާގައި ރިޕޯސްޓްކުރައްވައިފައެވެ.

ޝާހީ އާއިލާގެ މެސެޖްގައި ވަނީ ހެރީ ހިނިތުންވެފައި އިންނެވި ފޮޓޯއަކާއި ކޭކެއްގެ އިމޯޖީއެއް އެޓެޗްކޮށްފައެވެ. ޝާހީ އާއިލާއިން އެންމެ ފަހުން ހެރީއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔައިފައިވަނީ 2021 ގައެވެ.

އޭގެ ފަހުން 2022 ގައި ހެރީގެ މާމަ ރާނީ އެލިޒަބަތު ދޭއް އަވަހާރަވުމާ ގުޅިން ހެރީއާއި މެގަން އެ ކަމަނާގެ ޖަނާޒާގައި ބައިވެރިވެވަޑައިގަތްކަމަށް ޝާހީ އާއިލާއިން ސޯޝަލް މީޑިއާގައި ބުންޏެވެ.

ބީ.ބީ.ސީ.އަށް ދެއްވި އިންޓަވިޔުއެއްގައި ހެރީ ވިދާޅުވީ އޭނާއަށާއި މެގަންއަށް ދެ ދަރިފުޅު ލިބުމުން "މި ދުނިޔެ މިހާރަށްވުރެ ރަނގަޅު ތަނަކަށް ހެދުމަށް ހިތްވަރު ލިބުނު" ކަމަށެވެ.

"އުމުރުން 30 އަށް އެޅުމުން އަހަރެންނަށް ހާސްކަން ލިބުނު. ނަމަވެސް މިހާރު އުމުރުން 40 ގެ އަހަރުތަކަށް އެޅުމުން ހަޔާތާމެދު އަހަރެން މި ހުންނަނީ ޝައުގުވެރިކަން ބޮޑުވެފައި،" ހެރީ ވިދާޅުވިއެވެ.

އޭނާ އާއި މެގަން ގުޅިވަޑައިގެން 2020 ގައި ވަނީ އާޗްވެލްގެ ނަމުގައި ފައުންޑޭޝަނެއް ގާއިމުކުރައްވައިފައެވެ. މި ފައުންޑޭޝަނުން ހިލޭ އަދި އަގު ނަގާ ގޮތަށް ވެސް ތަފާތު ހިދުމަތްތައް ދެއެވެ. އެ ގޮތުން ތުރުކިޔެއަށް އައި ބިންހެލުމުގެ ޝިކާރައަކަށްވި އާއިލާތަކަށް ވަނީ ނަފުސާނީ ކައުންސެލިން ފޯރުކޮށްދީފައެވެ. އަދި ނައިޖީރިއާގެ 2،500 އަންހެން ކުދިންނަށް ތައުލީމު ދިނުމުގެ އިތުރުން މައްސަރު ކަންތަކާ ގުޅޭ އާލާތްތައް ވެސް ވަނީ ދީފައެވެ.

ހަނގުރާމައިގައި ޒަހަމްވާ ސިފައިންގެ މީހުންގެ މެދުގައި ބާއްވާ "އިންވިކްޓަސް ގޭމްސް"ގައި ހެރީ އަދާކުރެއްވި މުހިންމު ދައުރުގެ ސަބަބުން އޭނައަށް ވަނީ ކުޅިވަރުގެ އެވޯޑެއް ލިބިވަޑައިގެންފައެވެ.

ހެރީ އާއި މެގަން މި އަހަރު ވަނީ ކޮލޮމްބިއާއަށާއި ނައިޖީރިއާއަށް ދަތުރެއް ކުރައްވައިފިއެވެ. އަދި އިނގިރޭސި ވިލާތަށް ކުރެއްވި ދަތުރުގައި ސަލާމަތީ ހިދުމަތް ނުދިނުމުން އިނގިރޭސި ދާހިލީ ވުޒާރާއާ ދެކޮޅަށް ވަނީ ގާނޫނީ ފިޔަވަޅު އަޅުއްވައިފައެވެ.

މެގަން ވަނީ އޭނާގެ އަމިއްލަ ބްރޭންޑެއް ލޯންޗުކުރައްވައިފައެވެ. އެއީ "އެމެރިކަން ރިވީއޭރާ އޯޗަޑް"ގެ ނަމުގެ ދަށުން އުފައްދާ ސްޓްރޯބެރީ ޖޭމެވެ. މި ޖޭމު ޓްރޭޑްމާކް ކުރުމުގައި ވަނީ މައްސަލަތަކެއް ކުރިމަތިވެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް