އިންޑިއާގެ އިދިކޮޅު ލީޑަރު އަދި ވެރިރަށް ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކަޖްރިވަލް ކަފާލާތުގެ ދަށުން މިއަދު ހައްޔަރުން މިނިވަންކޮށްފިއެވެ.
ކޮރަޕްޝަންގެ ތުހުމަތުގެ ހައްޔަރުގައި ހުންނަވާތާ ހަ މަހަށް ފަހު ސުޕްރީމް ކޯޓުން އޭނާ ދޫކޮށްލީ ހައްޔަރުގައި ގިނަ ދުވަހު ހުންނެވުމަކީ އޭނާގެ ފަރުދީ މިނިވަންކަމަށް ހުރަސްއެޅޭ ކަމެއް ކަމަށް ނިންމައިފައެވެ.
"އޭނާ ހައްޔަރުކުރީ ރަނގަޅަށް. އެކަމަކު އޭނާއާ ދެކޮޅަށް ކޮށްފައިވާ ދައުވާގެ ދިފާއުގައި މަސައްކަތް ކުރުމަށް ޒަމާނަތު ދައްކައިގެން ނަމަވެސް ހައްޔަރުން ދޫކޮށްލަންޖެހޭ،" ދެ ފަނޑިޔާރުންގެ ބެންޗުން ނެރުނު އަމުރުގައި ބުނެފައިވެއެވެ.
އިންޑިއާގައި މި އަހަރު ބޭއްވި އާއްމު އިންތިހާބުގައި ކަޖްރިވަލް ވަނީ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ދެކޮޅަށް ނުކުތް ކޯލިޝަންގައި ބައިވެރިވެވަޑައިގެންފައެވެ.
އިންތިހާބު ބޭއްވުމުގެ އެއް މަސް ކުރިން، މާރިޗު މަހު ކަޖްރިވަލް ހައްޔަރުކުރީ މޯދީގެ ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީ (ބީ.ޖޭ.ޕީ)ގެ "ސިޔާސީ ރޭވުމެއް"ގެ ދަށުން ކަމަށް ކަޖްރިވަލްގެ އެކުވެރިން ތުހުމަތުކުރެއެވެ.
އޭނާ މިނިވަންވުމާ ގުޅިގެން އޭނާގެ 10 އަހަރު ވީ އާއްމު އާދުމީ ޕާޓީ (އޭ.އޭ.ޕީ)ގެ ރޫހު ރަނގަޅުވެ، އަންނަ މަހު ބާއްވާ ސަރަހައްދީ އިންތިހާބުތަކުގައި ހަރްޔާނާ ސްޓޭޓްގައި ކެމްޕޭން ކުރުން ވަރުގަދަވާނެކަމަށް ސިޔާސީ ތަޖުރިބާކާރުން އަންދާޒާކުރައްވައެވެ.
ކަޖްރިވަލް ހައްޔަރުކުރީ ބަނގުރާ ވިއްކުމަށް 2021 ގައި ލުއިތަކެއް ދެއްވުމާ ގުޅިގެން، އެ ވިއްކާ ފަރާތްތަކުގެ އަތުން 12 މިލިއަން ޑޮލަރު (184 މިލިއަން ރުފިޔާ)ގެ ރިޝްވަތެއް ގަބޫލުކުރައްވައިފައިވާ ކަމަށް ތުހުމަތުކޮށްފައެވެ. ނަމަވެސް އުމުރުން 55 އަހަރުގެ ކަޖްރިވަލް އާއި އޭ.އޭ.ޕީ.އިން ބުނަނީ މިއީ ދޮގު ތުހުމަތެއް ކަމަށެވެ.
އެޕްރިލް އިން މެއި މަހަށް ބޭއްވި އާއްމު އިންތިހާބަށް ވަގުތީ ގޮތުން ދޫކޮށްލި ނަމަވެސް އިންތިހާބު ނިމުމުން ކަޖްރިވަލް ވަނީ އަނެއްކާ ހައްޔަރުކޮށްފައެވެ.
އިދިކޮޅު ފަރާތްތަކުން އެއިރު ވެސް ތުހުމަތުކުރަމުންދިޔައީ ކަޖްރިވަލް ހައްޔަރުކުރީ އާއްމު އިންތިހާބުގައި މޯދީ އާއި ބީ.ޖޭ.ޕީ.އާ އެއް ހަމައެއްގައި އިދިކޮޅު ޕާޓީތަކުން ކެމްޕޭން ކުރުމަށް ހުރަސްއެޅުމަށް ކަމަށެވެ. މި ތުހުމަތާ މޯދީ އަދި ބީ.ޖޭ.ޕީ ވަނީ ދެކޮޅު ހަދައިފައެވެ.
އެމެރިކާ ހިމެނޭ ގޮތަށް ގިނަ ގައުމުތަކަކުން ވަނީ ކަޖްރިވަލްގެ ޝަރީއަތް ވަކި ފަރާތަކަށް ތައައްސުބުނުވާ ގޮތަށް ހިންގުމަށް ގޮވައިލައިފައެވެ.
ބީ.ޖޭ.ޕީ.އިން މިއަދު ބުނީ ކަޖްރިވަލް ކަފާލާތުގެ ދަށުން މިނިވަން ވިޔަސް އޭގެ މާނައަކީ އޭނާއަކީ ކުށެއް ނެތް މައުސޫމް މީހެއް ނޫން ކަމަށެވެ.



advertisment