އިނގިރޭސި ވިލާތުގެ ފުޓުބޯޅަ ޓީމު ބޮލްޓަން ވޮންޑަރާސްގެ އުމުރުން 26 އަހަރުގެ ސްޓްރައިކަރު ވިކްޓަރ އަދެބުޔެޖޫ ކިނބިއްސެއް އެޅުމުން ބުރަކަށި ޒަހަމްވެއްޖެވެ.
"އޭނާއަކީ ވެސް ބާރުގަދަ މީހެއް. އެހެންވީމާ ބާރުގަދަ ކިނބިއްސެއް އެޅުނީ. އަދި މޭކަށިގަނޑަށް ވެސް ތަދުވި،" ޓީމުގެ މެނޭޖަރު އިވާން އިވަޓް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއީ "ގަބޫލު ކުރިޔަސް، ނުކުރިޔަސް ތެދު ވާހަކައެއް" ކަމަށެވެ.
ވިކްޓަރ މިހާރު ވަނީ ހަށިގަނޑުގެ ސްކޭނެއް ހަދައިފައެވެ. ނަމަވެސް ސްކޭން ނަތީޖާ އަދި ނުލިބެއެވެ.
އިވާން ވިދާޅުވީ ވިކްޓަރއަށް ކިނބިހި އެޅުނީ ޗާލްޓަން ޓީމާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ކަމަށެވެ.
"އޭނާ ކުރިން ހުރީ ރަނގަޅަށް. އެކަމަކު ކިނބިހި އެޅިފައި މެއަށާއި ބުރަކަށްޓަށް ތަދުއެރީ،" އިވާން ވިދާޅުވިއެވެ.
ބޮލްޓަން ވޮންޑަރާސް މި ވަގުތު ލީގް ވަންގައި ވަނީ 18 ވަނައިގައެވެ. އެއީ ސީޒަންގެ ފުރަތަމަ ހަތަރު މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ. އެންމެ ފަހުން ކުޅުނު މެޗުގައި 3-2 އިން ބެރޯގެ މައްޗަށް ވަނީ ކާމިޔާބު ހޯދައިފައެވެ.



advertisment