ތައިލެންޑްގެ ޒުވާން ފުޓުބޯޅަ ޓީމް "ވައިލްޑް ބޯޒް"އާއެކު 2018 ގައި ހޮހަޅައެއްގައި ތިން ހަފުތާ ވަންދެން ތާށިވި ކޯޗު އެއްކަޕޮލް ޗެންޓަވޮންގް މި ފަހަރު އޭނާގެ ގޭގެ ފުރާޅުމަތީގައި ތާށިވެއްޖެއެވެ.
ތޫފާން "ޔާގީ"ގެ ސަބަބުން ތައިލެންޑްގެ އިތުރުން ވިއެޓްނާމް، ލާއޮސް، އަދި މިޔަންމާގައި ވެސް ވަނީ ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ކާރިސާ ކުރިމަތިވެފައެވެ.
"އަންގާރަ ދުވަހު ހެނދުނު ހަމަ ކުއްލިއަކަށް ފެންބޮޑުވީ. އަހަރެންނާއި އަހަރެންގެ އާއިލާއަށް ސަލާމަތްތެރި ތަނަކަށް ދިއުމަށް ފުރުސަތެއް ނުލިބުނު،" އެއްކަޕޮލް ފޯނުން އޭ.އެފް.ޕީ.އަށް ދިން އިންޓަވިޔުއެއްގައި ބުންޏެވެ.
މިހެން ކަންތައް ދިމާވުމުން އޭނާއަށް ޖެހުނީ އޭނާގެ ލޯބިވެރިޔާ އާއި ލޯބިވެރިޔާގެ ބޮޑުދައިތަ ފުރާޅަށް އަރުވައިށެވެ.
"އަހަރެން ބިރުގަތް. އެކަމަކު އަމިއްލަ ނަފުސަށް އަހަރެން ބުނީ މައިތިރިވާށޭ. ހަމަޖެހިލައިގެން ހާލަތު ދިރާސާކޮށްލާށޭ،" އެއްކަޕޮލް ކިޔައިދިނެވެ.
އެ ފެންގަނޑު މިހާރު ވަނީ ކޮންމެވެސް ވަރަކަށް ހިނދިފައެވެ. ނަމަވެސް ގެއިން ބޭރަށް ދެވެން ނެތީ މަގުމަތީގައި އޮއެ ގަދަވުމުންނެވެ.
ވައިލްޑް ބޯޒްއާއެކު ހޮހަޅައިގައި ތާށިވެ، ބައިނަލްއަގުވާމީ ފަރާތްތަކެއްގެ އެހީގައި އޭނާ އާއި ޓީމް ސަލާމަތްވުން ވަނީ މުޅި ދުނިޔޭގައި މަޝްހޫރު ހަބަރަކަށްވެފައެވެ.
އެއްކަޕޮލް ބުނީ ހޮހަޅައިގައި ތާށިވުމުގެ ތަޖުރިބާއިން ލިބުނު ފިލާވަޅުތައް، މި ފަހަރު ގޭގެ ފުރާޅުމަތީގައި ތާށިވުމުން އެ ކަމާ އަމަލުކުރާނެ ގޮތެއް ހޯދުމަށް އެހީއަކަށްވި ކަމަށެވެ.
"ދެ ހާދިސާގައި ވެސް ތަފާތެއް ނެތް. އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ މައްސަލައަށް ބަލައިލުން. ދެން، މައްސަލަ ހައްލުކުރަން މަސައްކަތް ފަށައިގަތުން. މި ފަހަރު މާބޮޑު ޕްރެޝަރަކަށް އަހަރެން ނުވެއްޓޭ. އަހަރެންނަށް ބޮޑަށް ފެނުނީ މި ކަމުން ސަލާމަތްވެވޭނެ މަގު،" އެއްކަޕޮލް ބުންޏެވެ.
މި ކަހަލަ ތިން ވަނަ ހާދިސާއަކަށް ތައްޔާރުތޯ ސުވާލުކުރުމުން އެއްކަޕޮލް ހީނލައިފައި ބުނީ އެ ކަމާމެދު އެއްޗެއް ބުނަން ދަތިކަމަށެވެ.
"ކުރިއަށްވާނެ ގޮތެއް އަހަރެމެންނަށް ބުނާކަށް ނޭނގޭނެ. އެކަމަކު އަހަރެންގެ އުއްމީދަކީ މި ރޭ އަނެއްކާ ފުރާޅަށް އަރަން ނުޖެހުން،" އޭނާ ބުންޏެވެ.



advertisment