ދެކުނު ޗައިނާ ކަނޑުގެ މަޝްރަހު ހޫނުވެފައިވާ މައްސަލަ "އެންމެ ކަތި ފިޔަވަޅެއް އެޅުނަސް ހުޅުފަޅައިގެން ހިނގައިދާނެތީ" ކަމަށް ބުނެ ފިލިޕީންސްއިން ސަމިޓެއް ރާވަން ނިންމައިފިއެވެ.
މި ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާނީ ފިލިޕީންސްއާ އެކުވެރި 20 ގައުމެއްގެ އެންމެ އިސްވެރިންނެވެ. ބައްދަލުވުން ބާއްވަން ހަމަޖައްސައިފައިވަނީ އެމެރިކާގައި ބާއްވާ އދ.ގެ އާއްމު މަޖިލީހުގެ ހަވާސާގައި މި މަހުގެ 22 ވަނަ ދުވަހާ ކައިރިކޮށްފައެވެ.
"ބޭނުމަކީ ޗައިނާއަށް ރަނގަޅު ވިސްނުމެއް ވިސްނައިދެވޭތޯ މަސައްކަތްކޮށް، ޗައިނާގެ ރައީސް ޝީ ޖިންޕިންގަށް މެސެޖެއް އެރުވުން،" ފިލިޕީންސްއިން އެމެރިކާއަށް ކަނޑައަޅައިފައި ހުންނަވާ އެމްބެސެޑަރު ހޯސޭ މެނުއެލް ރޮމުއަލްޑެޒް އިއްޔެ ވިދާޅުވިއެވެ.
ސަމިޓުގައި ބައިވެރިވާނީ ސީދާ ކޮން ގައުމުތަކަކުންކަން ހޯސޭ ހާމައެއްނުކުރައްވައެވެ.
ދެކުނުއިރުމަތީ އޭޝިއާގެ އެކި ގައުމުތަކުން ބާރު ފޯރުވުމަށް މަސައްކަތްކުރާ ދެކުނު ޗައިނާ ކަނޑުގެ ބޮޑު ބައެއް އެއީ ޗައިނާގެ ތަންތަން ކަމަށް ޗައިނާއިން ބުނެއެވެ. މި ކަނޑުގައި އަހަރަކު ތިން ޓްރިލިއަން ޑޮލަރު (46 ޓްރިލިއަން ރުފިޔާ)ގެ ވިޔަފާރީގެ މުއާމަލާތްކުރެއެވެ.
ފިލިޕީންސްއިން ބުނީ މިހާރަކަށްއައިސް ޗައިނާއިން ހަނގުރާމަމަތީ މަނަވަރާއި އެހެނިހެން ކަނޑުގެ އުޅަނދުފަހަރު މި ކަނޑަށް ފޮނުވަމުންދާލެއް އިތުރުވެފައިވާ ކަމަށެވެ. ހަމަ އެގޮތަށް ޗައިނާއިން ވެސް ބުނީ ފިލިޕީންސްއިން މި ފަހަކުން ދެކުނު ޗައިނާ ކަނޑަށް ފޮނުވާ އުޅަނދުފަހަރު އިތުރުވެފައިވާ ކަމަށެވެ.
ދެ ގައުމުގެ ދެމެދުގައި އެންމެ ފަހުން މައްސަލަ ޖެހުނީ ސަބީނާ ޝޯލް ޖަޒީރާ ކައިރީގައެވެ. މި ރަށް އޮންނަނީ ފިލިޕީންސްއާ ކައިރީގައެވެ.
ދެ ގައުމުގެ އުޅަނދުފަހަރު މުޑިއެރުމުގެ ހާދިސާތައް ވެސް ފަހަކަށް އައިސް ހިނގަމުންދެއެވެ. އެ ގޮތުން ޖޫން މަހު ހިނގި ހާދިސާއެއްގައި ފިލިޕީންސް މީހެއްގެ އިނގިލި ވަނީ ބުރިވެފައެވެ.
ހޯސޭ ވިދާޅުވީ ދެވަނަ ބޮޑު ހަނގުރާމައަށް ފަހު ފިލިޕީންސްއަށް މި ވަރުގެ ބޮޑު ނުރައްކަލެއް މިހާތަނަށް ކުރިމަތިވެފައި ނުވާ ކަމަށެވެ.
"މިއަދަށް ބެލި ނަމަވެސް ޗައިނާގެ ގާތްގަނޑަކަށް 238 މަނަވަރު ފިލިޕީންސް ކައިރީގައި އެބައުޅޭ. ސަމިޓު ބޭއްވުމުގެ ބޭނުމަކީ އިންޑޯ ޕެސިފިކް ސަރަހައްދުގައި ޗައިނާގެ އަމަލުތައް މިހާރު ހުންނަ ގޮތް ބަލައިނުގަންނަ ގައުމުތަކެއް އަހަރެމެންނާއެކު ވާކަމުގެ މެސެޖެއް ދިނުން،" ހޯސޭ ވިދާޅުވިއެވެ.
ފިލިޕީންސްގެ ކަނޑުގެ ސިފައިންގެ ރެއާ އެޑްމިރަލް ރޯއި ވިންސެންޓް ޓްރިނިޑާޑް ވިދާޅުވީ ވޭތުވެދިޔަ ތިން ހަފުތާގެ ތެރޭގައި ދެކުނު ޗައިނާ ކަނޑުގައި ކުރިން ނެތް ވަރަށް ޗައިނާގެ އުޅަނދުތައް ޖަމާވެފައިވާ ކަމަށެވެ.
"’އަންޓާންގް' ތޫފާން އައި ދުވަސްވަރު ޗައިނާގެ އުޅަނދުފަހަރު ދުރަށް ދިޔަ. އެކަމަކު މިހާރު ވަނީ އަލުން ޖަމާވެފައި. އެ ގޮތުން މިދިޔަ މަހުގެ 27 ވަނަ ދުވަހާއި މި މަހުގެ ދެވަނަ ދުވަހާ ދޭތެރޭގައި މި ސަރަހައްދަށް 207 އުޅަނދު ފޮނުވައިފައިވޭ. އެއީ އޭގެ ކުރިން ފޮނުވި 203 އުޅަނދަށް ވުރެ އިތުރު އަދަދެއް،" ރޯއި ވިދާޅުވިއެވެ.



advertisment