Support Us

ނޯވޭގެ ސިހުރުވެރި ޝެހެޒާދާ އެމެރިކާގެ ފަންޑިތަވެރިޔަކާ ކައިވެނިކޮށްފި

ނޯވޭގެ ޝެހެޒާދާ މާތާ ލުއީސް އެމެރިކާގެ ފަންޑިތަވެރިޔާ ޑުރެކް ވެރެޓްއާ ކައިވެނިކޮށްފިއެވެ.

ރަސްމީ ސިއްހީ ހިދުމަތް ދޭ އިދާރާތަކާ ބޭރުން ފަރުވާ ދޭ މި ޖޯޑު ކައިވެނިކުރުމުން ނޯވޭގެ ރައްޔިތުންނަށް ވަނީ ހައިރާންކަމެއް ލިބިފައެވެ.

އުމުރުން 52 އަހަރުގެ މާތާއަކީ ކުރިން ކައިވެންޏެއްކޮށްފައިވާ ޝާހީ އާއިލާގެ މީހެކެވެ. ސިހުރުވެރިޔެއް ކަމަށް ދައުވާކުރާ މާތާ ބުނަނީ އޭނާގައި "ކްލެއަވޮޔަންސް" ހުނަރު ހުންނަ ކަމަށެވެ. އެ ގޮތުން އޭނާ ދައުވާކުރަނީ ކުރިމަގުގައި ހިނގާނެ ކަންތައްތައް އޭނާއަށް އެނގޭ ކަމަށާއި އަދި މަލާއިކަތުންނާ ވެސް މުއާމަލާތްކުރާ ކަމަށެވެ. މި ކަމާ ގުޅޭ ގޮތުން އޭނާ ލިޔެފައިވާ ފޮތްތަކާއި ދީފައިވާ ތަގުރީރުތަކުން އޭނާއަށް ވަރަށް ބޮޑު އާމްދަނީއެއް ލިބެއެވެ.

އުމުރުން 49 އަހަރުގެ ޑުރެކް ރަނުން ހަދައިފައިވާ ގައިގައި އަޅައި ބިޑި އަގުބޮޑުކޮށް ވިއްކައެވެ. އޭނާ ދައުވާކުރަނީ މި ފަދަ ބިޑިން މީހާގެ ފުރާނަ ސަލާމަތްވާނެ ކަމަށެވެ.

"އަހަރެންނަކީ ރޫހާނީ ކަންތައްތަކުގައި އުޅޭ މީހެއް. އެ ކަން ބަލައިގަންނަ މީހަކާ އެކުގައި އުޅެވޭތީ އުފާވޭ،" 2022 ގައި ދެމަފިރިންގެ އެންގޭޖްމެންޓް އިއުލާންކުރަމުން މާތާ އިންސްޓަގްރާމްގައި ބުނެފައިވެއެވެ.

ޑުރެކްއަކީ ހޮލީވުޑް ތަރިން ކަމަށްވާ ގްވައިނިތު ޕެލްޓްރޯ އާއި އަންތޮނިއޯ ބަންދެރާސް ފަދަ މަޝްހޫރު މީހުންގެ ވެސް ތާއީދު ލިބިފައިވާ ފަންޑިތަވެރިޔެކެވެ.

ޑުރެކް ދައުވާކުރާ ކަންތައްތަކުގެ ތެރޭގައި އޭނާގެ ކުރީގެ ހަޔާތެއްގައި އޭނާއަކީ 2،500 އެއްހާ އަހަރު ކުރިން މިސްރުގެ ފިރުއައުނެކެވެ. އަދި މާތާއަކީ އެއިރު އޭނާގެ އަނބިމީހާ ކަމަށް ދައުވާކުރިއެވެ. މިހެންވެ، މިދިޔަ ހަފުތާގައި ކުރީ ކައިވެންޏެއް ނޫން ކަމަށާއި އެއީ ކައިވެނީގެ އަހުދު އަލުން އާކޮށްލީ ކަމަށް ޑުރެކް ބުންޏެވެ.

ޑުރެކްއަކީ "ފޭކް" ފަންޑިތަވެރިޔެއް ކަމަށް ނޯވޭގެ މީޑިއާއިން ބުނެއެވެ. ސަބަބުތަކެއް ނެތިއެއް ވެސް ނޫނެވެ. އެ ގޮތުން އޭނާ ލިޔުނު އެއް ފޮތެއްގައި ބުނެފައިވަނީ ކެންސަރު ބައްޔަކީ "އެ މީހަކު އަމިއްލައަށް ހިޔާރުކުރާ ބައްޔެއް" ކަމަށެވެ. މީގެ އިތުރުން ކުރިން އެއްދާންކޮށްފައިވާ އަންހެނުން އެ ކަމުގެ ނިޝާން ނައްތައިލުމަށް ކަސްރަތުތަކެއް ވެސް އުފައްދައިފައިވެއެވެ. އަދި "ސްޕިރިޓް އޮޕްޓިމައިޒާ"ގެ ނަމުގައި މެޑެއްޔެއް ވެސް އޭނާގެ ވެބްސައިޓުން ވިއްކައެވެ. އެއީ 222 ޑޮލަރު (3،409ރ.)އަށެވެ. އޭނާ ބުނީ މިއީ އޭނާ ކޮވިޑް ބަލިން ރަނގަޅުކޮށްދިން ބާވަތުގެ މެޑެއްޔެއް ކަމަށެވެ.

ވަރަށް ސީރިއަސްކޮށް ކަންތައްތައް ނަގާ ނޯވޭގެ ރައްޔިތުންގެ ނުރުހުން ވަނީ މާތާ އާއި ޑުރެކްއަށް އަމާޒުވެފައެވެ. އެ ގޮތުން ސައިންސްގެ ހަގީގަތްތައް ދެ މީހުން ބަލައިނުގަތުމާއި ޝާހީ އާއިލާއާ އޮންނަ ގުޅުމުން މާލީ ނާޖާއިޒު ފައިދާ ނަގާތީ އެ ކަމާ ރައްޔިތުން ނުރުހެއެވެ. މިދިޔަ އަހަރު ހެދި ދިރާސާއަކުން ދެއްކި ގޮތުގައި ނޯވޭގެ ކޮންމެ 10 ރައްޔިތަކުން ހަތަރު ރައްޔިތުން މިދިޔަ އަހަރު ޝާހީ އާއިލާއާމެދު ހިތްހަމައެއް ނުޖެހެއެވެ. އެހެން ސާވޭއަކުން ދެއްކި ގޮތުގައި ނޯވޭގެ ޝާހީ އާއިލާއަށް އޮތް ތާއީދު 2017 ގައި 81 ޕަސެންޓްގައި ހުރެފައި މިހާރު ވަނީ 68 ޕަސެންޓަށް ދަށަށް ގޮސްފައެވެ.

މިހެންވެ، 2022 ގައި މާތާ ވަނީ އޭނާގެ ޝާހީ ޒިންމާތައް ދޫކޮށްލައިފައެވެ. ނަމަވެސް އޭނާގެ "ޝެހެޒާދާ" ނުވަތަ "ޕްރިންސަސް"ގެ ލަގަބު އޭނާ ދުލެއް ނުކޮށްލައެވެ. ބުނީ ވިޔަފާރީގެ ބޭނުންތަކަށް އެ މަގާމުގެ ނަން ބޭނުން ނުކުރާނެ ކަމަށެވެ. އެހެނަސް އޭގެ ފަހުން އެތައް ފަހަރަކު މާތާ ވަނީ އެ ވައުދު މުގުރައިލައިފައެވެ. އެ ގޮތުން އޭނާ އާއި ޑުރެކް ތައްޔާރުކޮށް މާކެޓްކުރި "ވެޑިން ޖިން" ނުވަތަ ބަނގުރާ ރަލެއް ނޯވޭގައި ވިއްކަން ފެށިއިރު އޭގެ ފުޅީގައި "ޕްރިންސަސް" މި ލަގަބު ބޭނުންކޮށްފައިވެއެވެ.

"އެއްބަސްވުމާ ހިލާފުވެފައިވާތީ މާތާގެ ޝެހެޒާދާ ލަގަބު އަތުލަން ޖެހޭ ވަގުތު މިއީ. އެހެން ނޫނީ ރަސްގެފާނު ހެރަލްޑްގެ ހަޔާތުގައި ކުރައްވައިފައިވާ އަގުހުރި މަސައްކަތުގެ އަގު މިހާރަށް ވުރެ ވެސް ދަށަށް ހިނގައިދާނެ،" ނޯވޭގެ ތާރީހީ އިލްމްވެރިއެއް ކަމަށްވާ ތުރޮންދް ނޮރެން އައިސެކްސަން މިދިޔަ ޖުލައި މަހު ނޫހެއްގައި ލިޔުއްވައިފައިވެއެވެ.

ގާތްގަނޑަކަށް 350 މެހެމާނުންނަށް ދައުވަތު ދީގެން ބޭއްވި ކައިވެނީގެ ހަފުލާގެ ކަވަރެޖް އިނގިރޭސި ވިލާތުގެ "ހެލޯ" މަޖައްލާ އާއި ނެޓްފްލިކްސްއަށް ވިއްކައިލައިފައިވާތީ ނޯވޭގެ މީޑިއާއިން ވަނީ އެ ކަމާ ނުރުހިފައެވެ.

މާތާގެ ކުރީގެ ކައިވެންޏަށް ތިން އަންހެން ދަރިން ލިބިފައިވެއެވެ. އެއީ ނޯވޭގެ ލިޔުންތެރިޔާ އަރި ބެންއަށެވެ. އަރި ވަނީ 2016 ގައި މާތާއާ ވަރިވުމަށް ފަހު އޭގެ ތިން އަހަރު ފަހުން އަމިއްލައަށް މަރުވެފައެވެ.

ޑުރެކް ބުނީ އޭނާ ގަބޫލުކުރާ ކަންތައްތައް "ބައެއް މީހުންގެ ސިކުނޑިއަށް އުނދަގޫވެދާނެ" ކަމަށާއި ނަމަވެސް އޭނާއަކީ ނަސްލީ ތަފާތުކުރުމުގެ ޝިކާރައަކަށްވެފައިވާ މީހެއް ކަމަށެވެ.

"އަހަރެންނާ ދެކޮޅަށް ނަފުރަތު ފަތުރައި، އަދި މަރުގެ އިންޒާރު ދެނީ ދޮން މީހުން. ޝާހީ އާއިލާގައި އަހަރެން ކަހަލަ ކަޅު މީހަކު ހުންނާކަށް އެ މީހުން ނޭދޭ،" 2022 ގައި އިންސްޓަގްރާމްގައި ޑުރެކް ލިޔެފައިވެއެވެ.

އުމުރުން 87 އަހަރުގެ ރަސްގެފާނު ހެރަލްޑް، ރާނީ ސޮންޔާއާ ކައިވެނިކުރެއްވުމަށް އެތައް އަހަރެއްގެ މަސައްކަތްކުރެއްވިއެވެ. ސަބަބަކީ ސޮންޔާއަކީ އާދައިގެ ފަންތީގެ އަންހެނަކަށްވާތީއެވެ.

ޑުރެކްއާމެދު މާގިނަ ވާހަކަތަކެއް ނުދައްކަވާ ހެރަލްޑް ވިދާޅުވީ މައްސަލައަކީ "ކަލްކާ ކްލޭޝް" ނުވަތަ ސަގާފީ މުޑިއެރުމެއް ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

"ރަނގަޅު މީހެއް އަދި މީހުން ހެއްވައިލަން ވެސް ދަނޭ،" ޑުރެކްއާ ބެހޭ ގޮތުން ހެރަލްޑް ވިދާޅުވިއެވެ.

"އަހަރެމެން ދެ މީހުން ވާނީ ދެބަސްވުމަށް އެއްބަސްވެފައި،" ހެރަލްޑް 2022 ގައި ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް