Support Us

އިންޑިއާގެ ވެސްޓް ބެންގޯލް ސްޓޭޓްގެ ކަލްކަތާގައި ޑޮކްޓަރަކު ރޭޕްކޮށް މަރައިލުމާ ގުޅިގެން މުޒާހަރާކުރަނީ

ރޭޕްކުރުމުން މަރުގެ އަދަބު ދޭ ބިލެއް އިންޑިއާގައި ފާސްކޮށްފި

ރޭޕްކުރުމުން މަރުގެ އަދަބު ކަނޑައަޅާ ބިލެއް އިންޑިއާގެ ވެސްޓް ބެންގޯލް ސްޓޭޓްގައި ފާސްކޮށްފިއެވެ.

ކަލްކަތާގެ އާރް.ޖީ ކަރް ހޮސްޕިޓަލްގައި ޑޮކްޓަރަކު ރޭޕްކޮށް މަރައިލުމާ ގުޅިގެން މުޅި ގައުމުގައި ހިނގި މުޒާހަރާތަކާއި ހަޅުތާލަށް ފަހު އިއްޔެ ފާސްކުރި މި ބިލް ދެން ފޮނުވާނީ ވެސްޓް ބެންގޯލްގެ ގަވަރުނަރު އަނަންދަ ބޯސްއަށާއި ރައީސާ ދްރޫޕަދީ މުރްމޫއަށެވެ.

އަޕަރަޖިތަ ވުމަން އެންޑް ޗައިލްޑް ބިލް 2024 ނަމަކަށް ކިޔާ މި ބިލުން ކަނޑައަޅައިފައިވަނީ ރޭޕްކުރުމުގެ ޝިކާރައަކަށްވާ މީހާ މަރުވެއްޖެ ނަމަ ނުވަތަ ނުކުޅެދޭ މީހަކަށްވެއްޖެ ނަމަ ކުށް ސާބިތުވި މީހާއަށް މަރުގެ އަދަބު ދެވޭނެ ކަމަށެވެ.

ޑޮކްޓަރުގެ މައްސަލައިގައި ވެސްޓް ބެންގޯލް ސްޓޭޓްގެ ޗީފު މިނިސްޓަރު މަމަތަ ބެނަރުޖީއަށް ވަނީ އެތައް ފަރާތަކުން ޕްރެޝަރު އައިސްފައެވެ.

"މިއީ ތާރީހީ ބިލެއް. ވެރިކަން ކުރާ ބާރަތިޔާ ޖަނާތާ ޕާޓީގެ ގާނޫނު ހަދާ މެންބަރުން ވެސް މި ބިލަށް ތާއީދުކުރުމަށް ގޮވައިލަން،" އޭނާ ވިދާޅުވިއެވެ.

އިދިކޮޅު ލީޑަރު ސުވެންދު އަދިކާރީ ވިދާޅުވީ މި ބިލަށް ތާއީދުކުރައްވާ ކަމަށާއި އެހެނަސް ޑޮކްޓަރުގެ ރޭޕާއި މަރުގެ މައްސަލައިގައި މަމަތަ މަގާމުން އިސްތިއުފާދެއްވަންޖެހޭނެކަމަށެވެ.

މި ބިލުގައި ވަނީ އަންހެނުންނާއި ކުޑަކުދިން ރައްކާތެރިކުރުމަށް ޖިންސީ އަނިޔާއާ ބެހޭ ގާނޫނުތަކަށް ބަދަލުތައް ގެނެސްފައެވެ. އެ ގޮތުން ރޭޕް ނުވަތަ ގޭންގް ރޭޕްގެ ކުށް ސާބިތުވި މީހަކަށް ޕެރޯލް ނުލިބޭ ގޮތް ހަދައިފައިވެއެވެ.

މި ބިލުގައި ރޭޕް މައްސަލަތައް ތަހުގީގުކުރަން ދީފައިވަނީ ތިން ހަފުތާގެ މުއްދަތެކެވެ. ނަމަވެސް އެއީ ބޭނުންޖެހިއްޖެ ހިނދެއްގައި އިތުރަށް 15 ދުވަސް ވެސް ދެވިދާނެކަމާއެކުއެވެ.

މި ބިލުގައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި ރޭޕް ކޭސްތައް ތަހުގީގުކުރަން ފުލުހުންގެ ހާއްސަ ޓާސްކް ފޯސްއެއް އުފެއްދުން ހިމެނެއެވެ. އަދި ކަމާ ގުޅޭ ޝަރީއަތްތައް ހިންގަން ހާއްސަ ކޯޓުތައް އުފެއްދުން ވެސް ހިމެނެއެވެ. ބިލްގައި ބުނާ ގޮތުން މި ފަދަ ޝަރީއަތްތަކާ ބެހޭ މައުލޫމާތު ކޯޓުގެ ހުއްދައާ ނުލައި އާއްމުކޮށްފި ނަމަ ޖަލަށް ލައި އަދި ޖޫރިމަނާކުރެވޭނެއެވެ.

"މިއީ އަހަރެމެންނަށް ލިބުނު ރޫހީ ކާމިޔާބެއް. މި ހުރިހާ ދުވަހަކު އަހަރެމެންނަށް ތާއީދުކުރި ފަރާތްތަކަށް ޝުކުރުވެރިވަން،" މުޒާހަރާތަކުގައި ބައިވެރިވި އަނިކަތު މަހަތޮ ދަ ހިންދޫއަށް ބުންޏެވެ.

މައްސަލައިގައި އިންޑިއާގެ މައި ތަހުގީގީ އިދާރާކަމަށްވާ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަނުން ވަނީ އިތުރު ހަތަރު މީހުން ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ކޮލެޖްގެ ކުރީގެ ޕްރިންސިޕަލް ޑރ. ސަންދިޕް ގޮޝް އާއި ސެކިއުރިޓީ އޮފިސަރު އަފްސަރު އަލީ ހިމެނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް