ފްރާންސްގެ ބަތަލު އަލައިން ޑުލުން މިދިޔަ ހަފުތާގައި މަރުވުމުގެ ކުރިން އާދަޔާހިލާފު ކަމަކަށް އެދިފައި އޮތެވެ: އޭނާގެ ކުއްތާ މަރައިލައިފައި އޭނާއާއެކު ވަޅުލުމަށެވެ.
މި ކަމާގެ ގުޅިގެން ޖަނަވާރުން ހިމާޔަތްކުރުމާ ބެހޭ ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކުރުމާ ގުޅިގެން ރަސްމީ އިދާރާތަކުން ވަނީ އޭނާގެ ކުއްތާ މަރައިނުލުމަށް ނިންމައިފައެވެ.
"ލޫބޯ" ނަމަކަށް ކިޔައި ކުއްތާ މަރައިނުލާން ރަސްމީ އިދާރާތަކުން ނިންމުމުން ފްރާންސްގައި ޖަނަވާރުންނަށް ލޯބިކުރާ މީހުން ވަނީ އެ ކަމާ އުފާ ފާޅުކޮށްފައެވެ.
އުމުރުން 88 ގައި އަލައިން މަރުވުމުގެ ކުރިން 2018 ގައި ޕެރިސް މެޗްއަށް ދިން އިންޓަވިޔުގައި އޭނާ ބުނީ 2014 އިން ފެށިގެން އޭނާ ގެންގުޅެން ފެށި ލޫބޯ މަރައިލުމަށް ފަހު އޭނާގެ ކަށްވަޅުގައި ވަޅުލުމަށް އެދޭ ކަމަށެވެ.
"އަހަރެން 50 ކުއްތާ ގެންގުޅުނިން. ނަމަވެސް ލޫބޯއާ އަހަރެންނާ އޮތީ ހާއްސަ ގުޅުމެއް. ލޫބޯއަށްވުރެ ކުރިން އަހަރެން މަރުވެއްޖެ ނަމަ އަހަރެންގެ ވެޓް ގާތުގައި ބުނާނަން ލޫބޯ މަރައިލައިފައި އަހަރެންނާއެކު ވަޅުލުމަށް. އަހަރެން ބޭނުމެއް ނޫން އަހަރެންގެ މަހާނަ މަތީގައި އޮވެ ހިތާމަކުރަމުން ލޫބޯ މަރުވާކަށް،" އަލައިން ބުނެފައިވެއެވެ.
އަލައިން މަރުވުމާއެކު ޖަނަވާރުން ހިމާޔަތްކުރުމަށް މަސައްކަތްކުރާ އެކްޓިވިސްޓުންނާއި އާއްމުންގެ މީހުން ވަނީ ލޫބޯގެ ކުރިމަގާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.
އުމުރުން 89 އަހަރުގެ ފްރާންސްގެ ބަތަލާ ބްރިޖިޓް ބާޑޯ އުފައްދައިފައިވާ ފައުންޑޭޝަނެއްގެ އޮފިޝަލެއް ވިދާޅުވީ ބްރިޖިޓް އަލައިންއާ ގާތްކަމަށާއި އަލައިންގެ އާއިލާއަށް ގުޅުމުން ލޫބޯ މަރައިނުލާނެ ކަމަށް ބުނިކަމަށެވެ.
"ލޫބޯ މަރައިލުމުގެ އެއްވެސް ހިޔާލެއް އަލައިންގެ އާއިލާއިން ނުގެންގުޅޭ. ލޫބޯ މިހާރު ދިރިއުޅެނީ އެހެން ގެއެއްގައި،" ފައުންޑޭޝަންގެ އޮފިޝަލަކު ވިދާޅުވިއެވެ.
އަލައިންގެ އާއިލާއިން ލޫބޯއާމެދު ރަސްމީ ގޮތުން އަދި އެއްވެސް އެއްޗެކޭ ނުބުނެއެވެ.
ލޫބޯ މަރައިނުލަން އަލައިންގެ އާއިލާއިން ނިންމުމުން ފްރާންސްގެ ހިލޭސާބަހަށް މަސައްކަތްކުރާ ޖަމިއްޔާ ސޮސައިޓީ ފޮ ދަ ޕްރޮޓެކްޝަން އޮފް އެނިމަލްސްއިން ވަނީ އެ ކަމަށް މަރުހަބާ ކިޔައިފައެވެ.
"ލޫބޯގެ ކުރިމަގާމެދު ކަންބޮޑުވެގެން އަހަރެމެންގެ ފޯނަށް މެދުނުކެނޑި ކޯލްތައް ލިބުނު،" އެ ޖަމިއްޔާގެ ރައީސް ޖިޔޯމް ސަންޗެޒް އެސޯސިއޭޓެޑް ޕްރެސްއަށް ވިދާޅުވިއެވެ.
"އަލައިން ނެތުމުން އެ ކަމުގެ ހިތާމަ ލޫބޯއަށް އިހުސާސްކުރެވިދާނެ. ނަމަވެސް އަލައިންއެއް ކަމަކު މި ސަބަބާހުރެ ޖަނަވާރެއް މަރައިލުމުގެ ހިޔާލާ އަހަރެމެން ދެކޮޅު. ޖަނަވާރުން ހިމާޔަތްކުރާ ޖަމާއަތްތަކުން ބޭނުންވަނީ ކޮންމެ ޖަނަވާރަކީ ވެސް ވަކި މަހުލޫގެއްކަން މުޖުތަމައުއަށް އަންގައިދޭން،" ޖިޔޯމް ވިދާޅުވިއެވެ.
އަލައިން ވަނީ ފިލްމް ކުޅުމުގެ އިތުރުން ފިލްމް ޕްރޮޑިއުސްކޮށް، ތިއެޓަރު ޕްލޭތަކުގައި ވެސް އެކްޓްކޮށްފައެވެ. ފަހުގެ ތާރީހެއްގައި އޭނާ ވަނީ ޓީވީ ފިލްމް ވެސް ކުޅެފައެވެ.



advertisment