ދަރިފުޅަށް ހަރަދު ނުދޭންވެގެން މަރު "ފޭކު"ކުރި މީހަކަށް ނުވަ އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
އެމެރިކާގެ ކެންޓަކީ ސްޓޭޓްގެ އުމުރުން 39 އަހަރުގެ ޖެސީ ކިޕްފްއަށް ޖަލު ހުކުމްކުރީ ކޮމްޕިއުޓަރު މެދުވެރިކޮށް މި ހީލަތް ހެދުމުންނެވެ.
ކެންޓަކީގެ ގާނޫނީ ވަކީލު ކާލްޓަން ޝިއާ ވިދާޅުވީ ޖެސީ ވަނީ ހަވާއީ ސްޓޭޓްގެ މަރުވާ މީހުންގެ ރެޖިސްޓްރީ ނިޒާމަށް މިދިޔަ އަހަރު ވަދެފައި ކަމަށެވެ.
އެހެން ސްޓޭޓެއްގައި ދިރިއުޅޭ ޑޮކްޓަރެއްގެ ލޮގިން ތަފުސީލުތައް ހޯދުމަށް ފަހު ޖެސީ ވަނީ ޖެސީ މަރުވެފައިވާ ކަމަށް ރަޖިސްޓްރީ ބަދަލުކޮށްފައެވެ. އެ ގޮތުން އޭނާ ވަނީ އޭނާގެ އަމިއްލަ މަރުގެ ސެޓްފިކެޓެއް ހަދައިފައެވެ. މިހެންވެ ސަރުކާރުގެ އެތައް ޑޭޓާބޭސްއެއްގައި ޖެސީ ރެކޯޑުކުރެވިފައިވަނީ މަރުވެފައިވާ މީހެއްގެ ގޮތުގައެވެ.
ޖެސީ ހައްޔަރުކުރުމުން އޭނާ އިއުތިރާފުވެފައިވަނީ އޭނާއަކީ މަރުވެފައިވާ މީހެއް ކަމަށް އޭނާ ހެދުނީ އޭނާގެ ދަރިފުޅަށް ހަރަދު ނުދޭން ކަމަށެވެ.
"މި ރޭވުމަކީ އަމިއްލަ އެދުން ބޮޑު އަދި ނުރައްކާތެރި އަމަލެއް. ދަރިން ބެލުމަށް ހަރަދު ނުދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ކާލްޓަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މި މައްސަލައިން އެނގުނީ ކޮމްޕިއުޓަރާ ކުޅެން އެނގޭ ކުށްވެރިންގައި ހުރި ނުރައްކާތެރިކަމާއި ސައިބާ ސެކިއުރިޓީއަކީ އަހަރެމެން އެންމެންނަށް ކިހާ މުހިންމު އެއްޗެއް ކަމެވެ.
"ސަލާމަތީ ބާރުތަކުން އަމަލުކުރި ގޮތުގެ ސަބަބުން ނަސީބަކުން މި މައްސަލަ ވެގެންދާނީ އެހެން ސައިބާ ކުށްވެރިންނަށް އިންޒާރަކަށް. ޖެސީއަށް އޭނާގެ ލަދުވެތިކަމެއް ނެތް ކުށުގެ ނަތީޖާ ފެންނާނެ،" ކާލްޓަން ވިދާޅުވިއެވެ.
ކޯޓުގެ ރެކޯޑްތަކުން ދައްކައި ގޮތުގައި ޖެސީ ވަނީ 2008 ގައި ވަރިވެފައެވެ. އަދި 2007 އިން 2008 އަށް އޭނާ އިރާގަށް ވެސް ފޮނުވައިފައިވެއެވެ.
ކޮމްޕިއުޓަރަށް ގެއްލުން ދިނުމާއި ދަރިފުޅަށް ދޭން ޖެހޭ ހަރަދުގެ ބާކީ ބައި ކަމަށްވާ 195،000 ޑޮލަރު (ތިން މިލިއަން ރުފިޔާ) ދައްކަން ވެސް ކޯޓުން ވަނީ ޖެސީގެ މައްޗަށް ހުކުމްކޮށްފައެވެ.



advertisment