ބޮޑު ވަޒީރު ބުންޔާމީން ނަތަންޔާހޫ ޣައްޒާ ހަނގުރާމަ ކުރިއަށްގެންދާ ގޮތާމެދު ހިތްހަމަނުޖެހިގެން އިސްރާއީލުގައި ގައުމީ ފެންވަރުގެ ހަޅުތާލެއް މިއަދު ފަށައިފައެވެ.
މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ހަތް ވަނަ ދުވަހު އިސްރާއީލަށް ހަމަލާ ދިނުމުން ހަމާސްއާ ދެކޮޅަށް ފެށި ހަނގުރާމަ ކުރިއަށް ދާއިރު، މިހާތަނަށް އިސްރާއީލުގައި ބާއްވާ އެންމެ ބޮޑު އެއްވުމެވެ.
ހަޅުތާލު ހަފުތާބަންދުގައި ފެށިއިރު، މި ކަން ދިމާވީ ހަމާސްއިން ރަހީނުކުރި ހަ ޔަހޫދީން މަރައިލައިފައިވަނިކޮށެވެ. މި ކަން ވެސް ވީ ނަތަންޔާހޫގެ ސަރުކާރާމެދު ހަޔޫދީން ހިތްހަމަނުޖެހުނު ކަމަކަށެވެ.
އިސްރާއީލުގެ އެންމެ ބޮޑު ވިޔަފާރި ޔޫނިއަން ކަމަށްވާ ހައިސްތަދޫރްތު ބޭނުންވަނީ މުޅި އިގުތިސާދު ހުއްޓުމަކަށް ގެނައުމަށެވެ. އޭގެ ތެރޭގައި ސަރުކާރު އިދާރާތަކާއި ސްކޫލްތަކާއި އަމިއްލަ ވިޔަފާރިތައް ވަގުތީ ގޮތުން ބަންދު ކުރުން ހިމެނެއެވެ. ބައިނަލްއަގުވާމީ އެއާޕޯޓް ބެން ގިއުރިން ވަނީ ދެ ގަޑިއިރަށް ބަންދުކޮށްފައެވެ.
ހައިސްތަދޫރްތުގެ ޗެއާމަން އާނަން ބާ-ދާވޫދު ބުނީ ޓްރޭޑް ޔުނިއަންތަކުން ފިޔަވަޅު އަޅައިގެން ނޫނީ ޣައްޒާ ހަނގުރާމަ ހުއްޓުވައިލައި، ރަހީންކޮށްފައިވާ ޔަހޫދީން ދޫކޮށްލެވޭނެ ގޮތް ވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
"ހަމާސްއާއެކު އެއްބަސްވުމަކަށް ނަތަންޔާހޫގެ ސަރުކާރަށް ނާދެވިގެން މިއުޅެނީ ސިޔާސީ އެދުންވެރިކަން މި ކަމުގެ ތެރެއަށް ވަދެފައިވާތީ. މިއީ އަހަރެމެން ބަލައިގަންނާނެ ކަމެއް ނޫން،" އާނަން ބުންޏެވެ.
ވެރިރަށް ޓެލް އަވީވް އާއި އަދި އެ ސަހަރާ ކައިރީގައި އޮންނަ ގިވަތަޔިމް ސިޓީގެ މޭޔަރުން ބުނީ ރަހީނުން ދޫކޮށްލަދޭނެ "ޑީލް"އެއް ހަމާސްއާއެކު ނަތަންޔާހޫގެ ސަރުކާރުން ހަދައިދޭތޯ ޕްރެޝަރު ކުރުމަށް ހަޅުތާލު ކުރިއަށްގެންދާނެ ކަމަށެވެ.
ހައިސްތަދޫރްތުން ގޮވައިލި ގައުމީ ފެންވަރުގެ ހަޅުތާލު މިއަދު ފެށީ މުޅި އިސްރާއީލުގައި އާއްމުން ރޭ މުޒާހަރާކުރަން ފެށުމާ ދިމާކޮށެވެ. ބައި މިލިއަނެއްހާ ޔަހޫދީން ބައިވެރިވި މި މުޒާހަރާގައި 29 ޔަހޫދީން ހައްޔަރުކުރި ކަމަށް އިސްރާއީލުގެ މީޑިއާއިން ރިޕޯޓްކުރިއެވެ.
ހަޅުތާލަށް ތާއީދު ކުރާ ފަރާތްތަކުގެ ތެރޭގައި ހޮސްޓެޖަސް އެންޑް މިސިން ފެމިލީސް ހިމެނެއެވެ. މިއީ ހަމާސްއިން ރަހީނުކުރި ޔަހޫދީން ދޫކޮށްލުމަށް ހަމާސްއާއެކު މަޝްވަރާކުރުމަށް އިސްރާއީލު ސަރުކާރަށް ޕްރެޝަރުކުރަން އުފައްދައިފައިވާ ގްރޫޕެކެވެ.
އިސްރާއީލުގެ އިދިކޮޅު ލީޑަރު ޔައިރް ލަޕިޑް ވެސް މި ހަޅުތާލަށް ތާއީދުކުރެއެވެ.
އެންމެ ފަހުން ހަމާސްއިން މަރައިލި ޔަހޫދީ ހަ ރަހީނުން ފެނިފައިވަނީ ޣައްޒާގެ ރަފަހްގައި ކޮނެފައިވާ ޓަނަލެއްގެ ތެރެއިންނެވެ.
ހަމާސްއާއެކު ސުލްހައިގެ މޭޒަށް އައުމަށް މިދިޔަ މެއި މަހުން ފެށިގެން އެމެރިކާއިން ޕްރެޝަރު ކުރަމުން އައި ނަމަވެސް ނަތަންޔާހޫ ވަނީ އެކަން ސީރިއަސް ކަމެއްގެ ގޮތުގައި ނުނަގައިފައެވެ. މިހެންވެ އޭނާއާ އިދިކޮޅު ފަރާތްތަކުން މިހާރު ގަބޫލުކުރަނީ ޣައްޒާ ހަނގުރާމަ ކުރިއަށްގެންދަނީ ނަތަންޔާހޫގެ އަމިއްލަ ސިޔާސީ ބޭނުމެއް އޮތީމާ ކަމަށެވެ. އަދި ރަހީނުންގެ މަރުގެ ޒިންމާ ނަގަން ޖެހޭނީ ވެސް އޭނާ ކަމަށް ގިނަ ޔަހޫދީން މިހާރު ގަބޫލުކުރެއެވެ.
އެންމެ ފަހުން ހަމާސްއިން މަރައިލައިފައިވާ ހަ ޔަހޫދީ ރަހީނުންގެ އާއިލާތަކަށް ނަތަންޔާހޫ ވަނީ ތައުޒިޔާ ކިޔައި، އެ މީހުންގެ ކިބައިން މައާފަށް އެދިފައެވެ.
މި ހަ ރަހީނުން މަރައިލުމާ ގުޅިގެން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ "ހިތާމަ އާއި ރުޅިވެރިކަން" ފާޅުކުރައްވައިފައެވެ. ނަމަވެސް ވިދާޅުވީ ނަތަންޔާހޫގެ ސަރުކާރަށް ހަމާސްއާއެކު ސުލްހައިގެ އެއްބަސްވުމަކަށް އާދެވިދާނެ ކަމުގެ އުއްމީދު އަދިވެސް އެބައޮތް ކަމަށެވެ.



advertisment