ގެންގުޅޭ ތިން ގުރާގެ އަޑުގަދަކަމަށް ބުނެ ފްލެޓަކުން ނެރެލި އަންހެނަކަށް ބަދަލެއްގެ ގޮތުގައި 700،000 ޑޮލަރު ދޭން ޖެހިއްޖެއެވެ.
އެމެރިކާގެ ނިއު ޔޯކް ސްޓޭޓްގެ މެންހެޓަން އަވަށުގައި ހިނގި މި ހާދިސާގައި މެރިލް ލެސާ އާއި އޭނާގެ ތިން ގުރާ، 175 ހައުސިން ޔުނިޓް ހުންނަ އެޕާޓްމަންޓު އިމާރާތުން ނެރެލީ ނުހައްގުން ކަމަށް ޕްރޮސެކިއުޓަރުން ކަނޑައެޅިއެވެ.
ގްރެމާސީ ޕާކްގައި ހުރި ރަތަފޯޑް ނަމަކަށް ކިޔާ އިމާރާތުން ފްލެޓެއް މެރިލް ގަތީ 1999 ގައެވެ. އަދި އޭނާ އެ ތަނަށް ބަދަލުވީ އޭނާ ގެންގުޅޭ ތިން ގުރާއާ އެކުއެވެ.
މެރިލްގެ ގުރާތަކާމެދު ޝަކުވާކުރަން ފެށީ އެ އިމާރާތުގައި ދިރިއުޅޭ އަންހެނެއް ކަމަށްވާ ޝާލޮޓް ކަލަންއެވެ.
"މާތްކަލާކޮ، އަދިވެސް އަހަރެންނަށް ހޭލެވެނީ ގުރާތައް އަޑުގަދަކުރާ މަންޒަރުތައް ފެންނަ ހުވަފެން ފެނިފައި،" ޑެއިލީ ނިއުސްއަށް ޝާލޮޓް ބުންޏެވެ.
މި ކަމާ ގުޅިގެން ނިއު ޔޯކް ސިޓީގެ ތިމާވެށި ރައްކާތެރިކުރުމާ ބެހޭ އިދާރާއިން އެ އިމާރާތަށް 15 ފަހަރު އިންސްޕެކްޓަރުން ފޮނުވިއެވެ. ނަމަވެސް ގުރާތައް އަޑުގަދަ ނުކުރާ ކަމަށް އެ މީހުން ބުންޏެވެ.
"ގުރާތައް ހަޅޭއްލަވާ އަޑެއް ނީވޭ،" އެ ތަނުން އެއް އިންސްޕެކްޓަރަކު 2016 ގެ ފެބްރުއަރީ މަހު ރިޕޯޓްކޮށްފައިވެއެވެ.
ތިން ގުރާއަކީ މެރިލްއަށް ނަފުސާނީ ހަމަޖެހުން ގެނެސްދޭ ތިން ދޫނިކަމަށް ހެކި ދީ، މެރިލްގެ ނަފުސާނީ ޑޮކްޓަރުން އޭނާއަށް ސިޓީތަކެއް ދިނެވެ. ނަމަވެސް މި ސިޓީތައް ގަބޫލުނުކޮށް ރަތަފޯޑު އިމާރާތް ހިންގާ ފަރާތުން ނިންމީ މެރިލް އާއި އޭނާގެ ގުރާތައް ފްލެޓުން ބޭރުކޮށްލުމަށެވެ.
މެރިލް އެ އެޕާޓްމަންޓުން ނުކުމެ، އެ ފްލެޓް އެހެން މީހަކަށް ކުއްޔަށް ދިނެވެ. ހަމައެއާކު އެމެރިކާގެ ގެދޮރުވެރިކަމާ ބެހޭ އިދާރާއަށް އޭނާ 2018 ގައި ޝަކުވާ ހުށަހެޅިއެވެ. އެ އިދާރާއިން ބެލިބެލުމުން އެނގުނީ ރަތަފޯޑުގެ ބޯޑުން ވަނީ މެރިލްގެ ގެދޮރުވެރިކަމުގެ ހައްގުތައް ނިގުޅައިގެންފައިކަމެވެ.
މި މަހު 16 ވަނަ ދުވަހު ކޯޓަކުން ނިންމި މި ނިންމުމަކީ ނުކުޅެދޭ މީހަކަށް ނަފުސާނީ އަދި ޖަޒުބާތީ ގޮތުން ޖަނަވާރެއްގެ އެހީ ބޭނުންވެފައިވާ ދަނޑިވަޅެއްގައި ގެދޮރުވެރިކަން ދޭ ފަރާތަކުން އެ ހައްގަށް ހުރަސްއެޅުމުން އެންމެ ބޮޑު ބަދަލުދިނުމެއް ދިން ފުރަތަމަ ފަހަރެވެ.



advertisment