Support Us

ވާހަކަ: ފައިނަލް މެޗް

ޝައުނަށް ބޯޅަ ލިބުނު ވަގުތު ހަލުވި ދުވެލީގަ ބޯޅަ ކޮށްޓަމުން އިދިކޮޅު ކުޅުންތެރިންގެ ކިބައިން ނައްޓަމުން ދުއްވައިގަތުމާއެކު ސަޕޯޓަރުންގެ އަޑު ގަދަވެގެން ދިޔައެވެ. އެވަގުތު ފަޒޫ އަހަރެންގެ އަތަށް ބާރަށް ފިތައިގަތެވެ. އަހަރެންވެސް ފަޒޫގެ އަތުގަ ހިފަހައްޓައިގެން ކުޅިބަލާ މީހުންގެ ތެރޭގައި އިންއިރު އިނީ ނޭވާ ހިފަހައްޓާލައިގެންނެވެ. އެއްވެސް ބަޔަކަށް ލަނޑެއް ނުޖެހި މެޗް ނިމެން ކައިރިވެފަ އޮތްއިރު ކަށިގަނޑު ފުމެން ބާކީ އޮތީ އެންމެ ތިން މިނިޓެވެ. މިއީ ޝައުނުގެ ޓީމަށް ލިބޭނެ އެންމެ ފަހު ފުރުޞަތެވެ. ޕެނަލްޓީއާ ހަމައަށް ދާކަށް އަހަރެންވެސް ނޭދެމެވެ. ފައިނަލަށް ދިއުމަށް، މިސެމީ ފައިނަލް މެޗުން މޮޅުވުން ކޮންމެހެންވެސް މުހިއްމެވެ.

ޝައުނަކީ ފޯވާޑަށް ކުޅޭ އެންމެ ނުރައްކާތެރި ކުޅުންތެރިޔާކަން އިދިކޮޅު ޓީމުން ނިކަން ރަނގަޅަށް ދަނެއެވެ. އެހެންވެ މުޅި މެޗް ކުޅެމުން ދިޔައީ ޝައުނަށް އިދިކޮޅު ތިން ކުޅުންތެރިޔަކު ފާރަވެރިވެގެންނެވެ. އެހެން ނޫންނަމަ މިހާރު ލަނޑެއް ޖެހިތާވެސް ކިތަންމެ އިރެކެވެ. މެޗްގެ ފަހު ތިން މިނިޓަށްވެފަ ހުއްޓާ ލިބުނު ފުރުޞަތުގައި ޝައުނު ބޯޅަ ހިފައިގެން ކުރިޔަށް ދެމިގަނެގެން ދެވުނީ ޕެނަލްޓީ އޭރިޔާއާ ހަމައަށެވެ. އޭރު ޝައުނަށް އިތުރަށް ދެމިނުގަނެވޭ ވަރަށް އިދިކޮޅު ކުޅުންތެރިން ޝައުނު ވަށާލިއެވެ. މިކަހަލަ ނޭވާ ހިފަހައްޓާލަން ޖެހޭ ނާޒުކު ވަގުތުތަކުގައި ކަންތައް ކުރާނެގޮތް އަހަރެން ހުންނާނީ ޝައުނަށް ކިޔައިދީފައެވެ. އޭގެ އެތައް ތަމްރީނުތަކެއް ހައްދުވާފައެވެ. އެހެންނަމަވެސް ތަމްރީނު ތަކުގައި ބުނެދޭ ގޮތަށް ޢަމަލު ކުރެވުނަސް އަސްލު މައިދާނުގައި ވަގުތު ޖެހުމާއެކު، އެބުނެދިން ގޮތަކަށް ޢަމަލު ކުރެވުމަކީ ގިނަ ފަހަރު ހަމަ ނާދިރު ކަމެެއްކަން އަހަރެންގެ ތަޖްރިބާ ބުނެދެއެވެ. އެކަމުގެ ކަންބޮޑުވުމާއި ހާސްކަން ދިޔައީ އިތުރު ކުރުވަމުންނެވެ. ދަނޑިވަޅު ބަލާފަ ދޭތެރެއެއް ހޯދާލައި، ޝައުނު ސީދާ ބޯޅަ ގޯލަށް ފޮނުވާލުމުގެ ބަދަލުގައި ބޯޅަ ދިނީ އަރިމަތިން އަރައަރާ ހުރި ޝައުނުމެންގެ ޓީމުގެ ކުޅުންތެރިޔާއަށެވެ. ކުޅިބަލަން ތިބި މީހުންވެސް، އިދިކޮޅު ޓީމުގެ ކުޅުންތެރިންވެސް ހީކޮށްގެން ތިބީ ޝައުނު، ބޯޅަ ގޯލަށް ފޮނުވާލާނެ ކަމަށެވެ. އެހެންވެ އެންމެންގެ ފޯކަސް ޝައުނަށް އަމާޒުވެ، އިދިކޮޅު ކުޅުންތެރިން ޝައުނަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެދިމާއަށް ޖަމާވި ވަގުތު ޝައުނު އެދިން ތުރޫ ޕާހަކީ މުޅި އިދިކޮޅަށް ލިބުނު ސިހުމެކެވެ. ޝައުނުގެ ފަރާތުން ޓީމުގެ އަނެެއް މެންބަރަށް ބޯޅަ ލިބުނު ވަގުތު އެދިމާ އޮތީ ހިސާބަކަށް ހުސްކޮށެވެ. އެހެންވެ އެކުޅުންތެރިޔާއަށް އެބޯޅަ ގޯލަށް ފޮނުވާލާކަަށް އެއްވެސް އުނދަގުލެއް ނުވިއެވެ. އެ ލަނޑާއެކު ސަޕޯޓަރުންގެ ހަޅޭކުގެ އަޑުން މުޅި ތަން ގުގުމައިގެން ދިޔައެވެ. ރެފްރީ ކަށިގަނޑުގެ އަޑާއެކު އަނެއްކާވެސް އަޑު އިތުރަަށް ގަދަވެގެން ދިޔައެވެ. އެތައް ބަޔަކު ދަނޑާ ދިމާއަށް ދުއްވައިގަތްއިރު އަހަރެންވެސް ދުއްވައިގަތީމެވެ. އޭރު ތިން ހަތަރު މީހަކު އިރުއިރުކޮޅާ އައިސް ޝައުނު ގައިގަ އޮޅުލައި ގަނެއެވެ. އުމުރުން ފަނަރަ އަހަރުގެ ޝައުނަށް އަހަރެން ފެނުމާއެކު ދުވެފަ އައިސް އަހަރެންގެ ގައިގަ ބައްދައިގަތެވެ.

"ބައްޕަ އަސްލު ހީނުކުރަން ޝައުނަށް އެ ޑެޒިޝަން ނަގަން އެނގޭނެ ކަމަކަށް. ވަރަށް ސްމާޓް މޫވްއެއް އެއީ. ބައްޕަ ވަރަށް އުފާވެއްޖެ" އަހަރެން އުފާވެފަ ހުރިވަރު ފެނުމުން ޝައުނުގެ އުފާ އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ.

"އެކުދިން މުޅި މެޗް ކުޅުނީ ޝައުނު މާކް ކޮށްގެން. ދެން ޝައުނަށް ލިބުނު ލާސްޓް ޗާންސްގަވެސް އެނގުނު ޝައުނަށް ގޯލެެއް ނުޖެހޭނެކަން. އެހެންވެ ބޯޅަ ހިފައިގެން ދިޔައިރުވެސް ވިސްނައިގެން ހުރީ ޕާސް ދޭން. ގޯލް ޖަހާކަށް ނޫން ދިޔައީވެސް. އެހެންވެ އެހާ ފައިންކޮށް އެ ޑެޒިޝަން ނެގުނީ. މޮޅުވުމެއްނުނ މުހިންމީ." ޝައުނު ހުރީ ވަރަށް ފޮނިވެފައެވެ. ވަަރަށް ބޮޑަށް އުފާވެސް ވެފައެވެ. އެއީ އަހަރެން އަބަދުވެސް އެމޫނުކޮޅު ދެކެން ބޭނުންވާ ގޮތެވެ. ވަގުތުން އަހަރެންގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. އުފާވެރިކަމުގެ ކަރުނައެވެ. އޭރު ފަޒޫ އައިސް އަހަރެމެންނާ އަރާ ހަމަވަނީއެވެ. ޝައުނު ގޮސް ފަޒޫގައިގަ ބައްދާލިއެވެ.

ފައިނަލް މެޗް އޮތީ ހަފްތާއެއްހާ ދުވަސް ފަހުންނެވެ. އެހެންވެ އެމުހިއްމު މެޗަށް ވާންޖެހޭ ކިތަންމެ ތައްޔާރީތަކެއް އެބަހުއްޓެވެ. އަހަރެން ޝައުނަށް ރެސްޓްކުރަން ދިނީ އެންމެ ދުވަހެކެވެ. އެދުވަހު ޝައުނު އުޅުނީ އޭނަގެ ރައްޓެހިންތައް ގެޔަށް ގެނެސްގެން މެޗްގެ ކާމިޔާބީގެ އުފާ ފާހަގަ ކުރުމުގައެވެ. ސަކަރާތްޖަހާ މަޖާ ކުރުމުގައެވެ. އަހަރެންވެސް ފަޒޫއެއްވެސް ޝައުނަކަށް އެދުވަހު މާބޮޑު އުނދަގުލެއް ނުކުރަމެވެ. އަހަރެންނާ ފަޒޫގެ ކައިވެންޏަށް އަދި މިވީ އެންމެ ދެ އަހަރެވެ. ފަޒޫއަކީ ޝައުނުގެ މަންމަ ނޫނަސް ފަޒޫ ޝައުނު ދެކެ އަމިއްލަ ދަރިއެެއް ފަދައިން ލޯބިވާކަން އަހަރެންނަށް އެނގެއެވެ. އެއީ އަހަރެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަ ޖެހުމެކެވެ. އަހަރެން ޝައުނާ ހެދި މޮޔަވެފަ ހުންނަވަރު ފަޒޫއަށް ރަނގަޅަށް އެނގެއެވެ. ފަޒޫ އަހަރެން ދެކެ ލޯބިވަނީ އިންތިހާއަށެވެ. އެހެންވެ އަހަރެން ޝައުނަށް އެހާ ވަރު ހުންނާތީ އެލޯބި، ފަޒޫވެސް ޝައުނުދެކެ އެވަރަށް ވަނީކަމަށްވެސް ވެދާނެއެވެ. ޝައުނުވެސް ފަޒޫއަށް ނިކަން ވަރު ހުރެއެވެ. ޝައުނު ބުނާހާ ކަމެއް ކޮށްދެވޭތޯ ފަޒޫ ބަލައެވެ. އަސްލު މަންމަ ދުނިޔޭގަ ނެތްކަމުގެ އިހްސާސް ވިޔަނުދީ ވޭތޯވެސް ބަލައެވެ. އެހެންނަމަވެސް ދޭތެރެ ދޭތެރެއަކުން ޝައުނަށް އެހަނދާންތައް އުނދަގޫ ކުރެއެވެ. އެއީވެސް ފުޓްބޯޅަ މެޗެއް ބެލުމަށް އަހަރެމެން ކުރި ދަތުރެކެވެ. އެއީ އަހަރެންގެ އަންހެނުން ރީނާގެ ހަޔާތުގެވެސް އެންމެ ފަހު ދަތުރުކަން އަހަރެންނަށް އަންދާޒާވެސް ކުރެވޭނީ ކިހިނެތް ހެއްޔެވެ؟ ގއ. ވިލިނގިލީގައި އޮތް މެޗެއް ބެލުމަށްފަހު އެނބުރި ގދ. ތިނަދޫއަށް އެނަމާ ބޯޓުގައި އައުމަށް ދަތުރު ކުރިމީހުންގެ ތެރޭގައި އަހަރެންނާ އަހަރެންގެ އަންހެނުންނާ އެއް އަހަރަށް ދާ ޝައުނުވެސް ހުއްޓެވެ. އެ ހިތާމަވެރި ކާރިޘާގައި ނިޔާވި މީހުންގެ ތެރޭގައި ރީނާވެސް ހިމެނުނީއެވެ. އެކާރިޘާއަށް ފަހު ޝައުނު ބޮޑުވެގެން އައިއިރު މަންމަގެ ޝަކުވާ ވަރަށް ކުރިއެވެ. ލައްކަ މަސައްކަތުން ފަހުން ޝައުނު ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅުނެވެ. ޚާއްސަކޮށް މިދިޔަ ދެ އަހަރު ފަޒޫގެ ފުށުން ލިބެންފެށި މައިވަންތަކަމުގެ ލޯބި އެއީ ޝައުނަށް ލިބުނު އެންމެ ރަނގަޅު ފަރުވާވެސް މެއެވެ. އެކަމަށްޓަކައި އަހަރެން ފަޒޫއަށް ޝުކުރުވެރިވަނީވެސް އިންތިހާއަށެވެ.

އޭގެ އަނެއް ދުވަހުގެ ފަޖުރުލުމުގެ އިރުކޮޅެއް ކުރިއެވެ. އާދައިގެ މަތިން އަހަރެން ފަތިސްނަމާދަށް ޝައުނަށް ގޮވީމެވެ. ނަމާދު ނިމިގެން ޕްރެކްޓިސްއަށް ދާންވެސް ޖެހޭނެކަން ޝައުނަށް އެނގޭނެއެވެ. ފަތިހު ޕްރެކްޓިސްއަށް ޝައުނު ދަނީ އަހަރެންނާ އެއްކޮށެވެ. ސްކޫލުގެ ފަރާތުން އޮންނަ ޕްރެކްޓިސް އޮންނަނީ ރޭގަނޑު އަށެއް ޖަހާއިރެވެ. އެނޫން ވަގުތުތަކުގެ ތެރޭން ކޮންމެވެސް އެއްވަގުތަކު ޝައުނު ކިޔެވުމުގެ ކަންކަމުގައި ހޭދަ ކުރެއެވެ. އާދައިގެ މަތިން ނަމާދުކޮށްގެން އަހަރެމެން ދިޔައީ ޕްރެކްޓިސް ކުރާ ތަނަށެވެ. ޕްރެކްޓިސް ކުރުމުގެ ތެރޭގައި ޝައުނުގެ ފަޔަށް ކުޑަ އަނިޔާއެއް ލިބުނެވެ. އެކަމުގެ ސަބަބުން މާބޮޑަކަށް ޕްރެކްޓިސް ކުރެވޭ ގޮތެއް ނުވިއެވެ. އެހެންވެ އެދުވަހު އަހަރެން ޤަސްދުކުރީ ފަޔަށް ފަރުވާކޮށް ހަދާފައި ޝައުނަށް ރެސްޓެއް ދިނުމަށެވެ. އެކަމަކު އޭގެ އަނެއްދުވަހު ޕްރެކްޓިސް ކުރަންޖެހޭ ގޮތަށެވެ. ޝައުނުވެސް އެގޮތަށް އެއްބަސްވިއެވެ.

އަނެއްކާވެސް އޭގެ އަނެއް ދުވަހެވެ. ފަތިސް ނަމާދަށް ގޮވީމަ ޝައުނު ހޭލިއެވެ. އެކަމަކު މިއަދު ޝައުނު ކުރީ ތަފާތު ކަމެކެވެ. ނަމާދުކޮށްގެން ގޮސް އަނެއްކާވެސް އޮށޯތީއެވެ. ވީގޮތެއް ބަލާލިއިރު ޝައުނު މިއަދު ޕްރެކްޓިސްއަށް ދާން ބޭނުން ނުވަނީއެވެ. ފަޔަށް ތަދުވާކަމަށް ބުނެ އޮތީއެވެ. އެވަރަށް ތަދުވިނަމަ އިއްޔެވެސް ދުވެދުވެފައި ނޫޅުނީހެވެ. އަހަރެންނަކީވެސް އެއްޒަމާނެއްގައި ރާއްޖޭގެ ނަން މަޝްހޫރު ފުޓްބޯޅަ ކުޅޫންތެރިޔަކީމެވެ. އެތައް ފަހަރަކު އިންޖަރީ ތަޖްރިބާ ކުރި މީހެކެވެ. އެހެންވީމަ ޕްރްކްޓިސް ކުރެވޭނެ ވަރާ ނުކުރެވޭނެ ވަރު އަންދާޒާ ކޮށްލުމަކީ އަހަރެންނަށް އެއްވެސް ކަމެެއް ނޫނެވެ. ވެގެން އުޅޭގޮތަކީ ޝައުނު ހަމަ މިއަދު ޕްރެކްޓިސްއަށް ދާން ބޭނުން ނުވަނީއެވެ. އަހަރެންގެ ކައިރިއަށް ވަރަށް ރުޅި އަންނަ ގޮތްވިއެވެ. ބޯމަތީ އޮތީ ފައިނަލް މެޗެވެ. ހަޤީޤަތުގަ އެންމެ މުހިއްމު މެޗެވެ.

"ޝައުނަށް އެނގޭނުނ ފައިނަލް މެޗްކަން ދެން އޮތީވެސް. ކެޔަރލެސް ވެގެން ނުވާނެކަންވެސް،" އަހަރެން ހިތްހަމަ ނުޖެހިފައި ބުނީމެވެ.

"ޕްރެކްޓިސް އެވަރަށް ނުކުރިޔަސް އޯކޭވާނެއޭ ދެން ބައްޕާ. އެއްފަހަރު ފައިނަލުން ބަލިވިޔަސް އޯކޭ އެެއްނުނ ހަމަ" ޝައުނު މޯޅިއަކާ ދެމެމުން ފަރުވާ ކުޑަ ގޮތަކަށް ބުނެލިއެވެ. އެލަފުޒުތައް އަހަރެންގެ ކަންފަތުގެ ތެރެއަށް ވަދެގެން ދިޔައީ ތުނޑުތޫނު ޚަންޖަރުތަކެއްގެ ސިފައިގައެވެ. އަހަރެންގެ ރުޅިގަނޑު ކޮންޓްރޯލުން ނެއްޓޭ ހިސާބަށް ދިޔައެވެ.

"އޯކޭއެއްއް ނޫނޭ އެއްވެސް ވަރަކަށް…!!! ނޮޓް އެޓް އޯލް!!! ކަންފަތަށް އަޑު އިވިއްޖެތަ.. އޭނ!!!!" އަހަރެންނަށް ހަޅޭއްލަވައި ގަނެވުނެވެ. ޝައުނު ސިއްސައިގެން ގޮސްފައި ދެން ފެށީ ރޯށެވެ. އަހަރެންގެ އެ ހަޅޭކުގެ އަޑަށް ފަޒޫވެސް ޝައުނުގެ ކޮޓަރިއަށް އައެވެ. އަހަރެން ދުވަހަކުވެސް ޝައުނާއި ދިމާއަށް އެހާ ބާރަށް މިނޫނީ ހަޅޭއްލަވައި ނުގަންނަމެވެ. އޭރު ޝައުނު ގިސްލަގިސްލާފައި ރޮނީއެވެ. ފަޒޫ ޝައުނު ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އަހަރެން ޝައުނުގެ ކޮޓަރިން ނުކުމެގެން ގޮސް އިނީ ސިޓިންގ ރޫމުގައެވެ.

އިރުކޮޅަކުން ފަޒޫވެސް އެތަނަށް އައެވެ. އައިސް ސޯފާގެ އަނެއްކޮޅުގައި އިށީނެވެ.

"ޒައިދަށް ހީނުވޭތަ.. ޒައިދަށް މާބޮޑަށް ޝައުނަށް ޓޯޗަރ ކުރެވޭހެން؟؟  ކޮންމެ ކޮންމެ އެއްޗެއް ކާކަށް އަމުރެއް ނޯވޭ. ޝައުނު ބޭނުންކަމެެއް ކުރަން ރެސްޓް ކޮށްލަން ލިބެނީ ހަފްތާއަކު އެންމެ ދުވަހަކު. ފަތިހު ޕްރެކްޓިސް.. އިރު އޮއްސޭއިރު ޕްރެކްޓިސް. އަނެއްކާ ޕްރެކްޓިސްގަ ކިހާވަރެއް ތިކޮށްލަނީ؟ މިލިޓްރީ ކޭމްޕެއްގަ ވެސް ތިވަރު ނުކުރާނެ ކަންނޭނގެ" ފަޒޫ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އެކަމަކު ވާހަކަ ދެއްކީ މަޑުމައިތިރި ކޮށްނެވެ. އަހަރެން ފަޒޫގެ މޫނަށް ބަލާލީމެވެ. ފަޒޫވެސް އަހަރެންގެ މޫނަށް ބަލާލިއެވެ. އަހަރެން ވާހަކަ ދައްކަން ފެށީމެވެ.

"ޝައުނު ފަތިހު ހޭލެއްވުމަށް އޭގެ އެތައް އިރެއް ކުރިން އަހަރެންނަށް ތެދުވަން ޖެހޭ. ކޮންމެ ދުވަހަކު އެކަން އެގޮތަށް ކުރަން އަހަރެންނަށް ފަސޭހައެއްވެސް ނޫން. އެކަމަކު ކާކަށް އެތަން ފެނުނީ؟ ޝައުނަށް ޕްރެކްޓިސް ކޮށްދޭ ކިތަންމެ ދުވަހަކު އަހަރެން ވަރުބަލިވޭ. ކަނދުރާއާ ކޮނޑުމައްޗަށް ކިތަންމެ ފަހަރަކު ތަދުއަރާ. އަހަރެން ޝައުނަކަށް އެކަމެއް ނުދައްކަން. ހިތްވަރުކުރަން. ކާކަށް އެތަން ފެނުނީ؟ އޭނަގެ ފެވަރިޓް އެއީ މެންޗެސްޓަރ. އެހެންވެ އޭގެ އޮރިޖިނަލް ޖަރޒީއަށް ދާންދެން ހޯދަދިނިން. ޝައުނަށް ހަށިގަނޑު ވަރުގަދަވާނެ އެންމެ ރަނގަޅު ހެލްތީ އެއްޗެހި ކާންދިނުމަށް، މީރު އެތައް ކެއުމުން އަހަރެން މަހްރޫމްވިން. ކާކަށް އެތަން ފެނުނީ؟"

"ތިހާ ބުރައެއް ތި އުފުލަނީ ކީއްވެ؟ ފަޒޫއަށްވެސް އެނގޭ ޝައުނު މޮޅު ކުޅުންތެރިއަކަށް ހެދުން އެެއީ ޒައިދުގެ ޑްރީމެއްކަން. ތިވަރު ނުކުރިޔަސް އެކަމު ވެދާނެ އެއްނުނ." ފަޒޫގެ މޫނުމަތިން ފެނުނީ ހަމްދަރުދީގެ އަސަރުތަކެވެ. އަނެއްކާވެސް އަހަރެން ވާހަކަ ދައްކަން ފެށީމެވެ.

"ފަޒޫ.. ދުނިޔެ މީ ވަރަށް އަމިއްލަ އެދުން ބޮޑުތަނެއް. ފަޒޫއަށްވެސް އެނގޭނެ މީގެ އެތައް ޒަމާނެއް ކުރިން އަހަރެންނަކީ ދިވެހިރާެއްޖޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރެއިން އެކަކު. އޭރު އަހަރެންނަކީ ސެލެބްރިޓީއެއް. އަހަރެންގެ ވާހަކަ އޭރު ނުކުންނަ ނޫސްތަކުގަވެސް. އަހަރެންނަށް ބައިވަރު ލާރި ލިބުނު. ކުޅުނު މެޗަކުން ކަނދުރާ މައްޗަށާ ކޮނޑަށް ލިބުނު އިންޖަރީގަ ނާރެއް ފިތެން ފެށުމާ ގުޅިގެން އަހަރެންނަށް ޖެހުނީ ކުޅުމާ އަލްވަދާޢު ކިޔަން. އެއީ އަހަރެން އެންމެ ލޯބިވާ ކުޅިވަރު. ކުޅުމާ ވަކިވާން ޖެހުނު ހިސާބުން އަހަރެންނަށް ފެނުނީ އެހެން ދުނިޔެއެއް. މީހުން މަޑުމަޑުން އަހަރެންގެ މަތިން ހަނދާން ނެތެންފެށި. އޭރު ކައިރީގަ އަބަދު އެނބުރުނު އެތައް ރައްޓެހިންނެެއް ގެއްލިެއްޖެ. އާމްދަނީ ހޯދޭނެ މާގިނަ ގޮތެއް ނެތް. މުޅި ހަޔާތް ފުޓްބޯޅަ ކުޅެން ވިސްނާފަ އޮތީމަ ކޯހެއް އެއްޗެއްވެސް ހެދި މާ މައްޗަށް ކިޔެވިފައެއްވެސް ނެތް. އެހެންވެ އާދައިގެ ވަޒީފާ ގަނޑެއްވެސް ލިބުނީ އެހާ ހާލުން. އެހިސާބުން އަހަރެންނަށް އެނގުނު މީހުން ލޯބިވަނީ މަޝްހޫރުކަމާ މޮޅުކަން ދެކެކަން. އެހެންވެ އަހަރެން ބޭނުންވީ ޝައުނަކީ އަހަރެންނަށް ވުރެވެސް މޮޅު މީހަކަށް ހަދަން. ކިޔަވައިގެންވެސް ހުރި މީހަކަށް ހަދަން. އަހަރެންނަށް ނުކުރެވުނު ކަންތައް ޝައުނު ފުރިހަމަ ކޮށްދޭން..އެކަމަކު.." އެހިސާބަށް ބުނެވުނު އިރު އަހަރެންގެ އަރު ބެދިއްޖެއެވެ. މިވާހަކަތައް އަޑުއަހަން ޝައުނު ހުރިކަމެއް އޭރަކު އަހަރެންނަކަށް ނޭނގެއެވެ. އޭގެ ފަހުން އަހަރެން ޝައުނު ޕްރެކްޓިސްއަށް ގެންދާކަށް ނޫޅެމެވެ. އަހަރެން ހުންނަނީ އުދާސް ވެފައެވެ.

ފައިނަލް މެޗް އޮތް ދުވަހު ދަނޑަށް ދިޔައީ ޝައުނު އެދުވަހުގެ މެޗަށް އަރާތީކީއެއް ނޫނެވެ. ޝައުނު އިންޖަރީގަ އުޅޭތީ ނުކުޅެވޭނެ ވާހަކަ އަހަރެން އޮންނާނީ ސްކޫލަށްވެސް އަންގާފައެވެ. އަހަރެން އެދުވަހު ފައިނަލް މެޗް ބަލަން ދިޔައީ ރައްޓެއްސަކު އޭނަގެ ދަރިފުޅު ކުޅޭތީ މެޗް ބަލަން އައިސްދެން އެދުމުންނެވެ. މެޗް ކުޅުމަށް ކުޅުންތެރިން ދަނޑުމައްޗަށް އެރިއިރު އަހަރެން ސިއްސައިގެން ދިޔައީ ޝައުނު ފެނުމުންނެވެ. ޝައުނު މެޗަށް އަރާކަމެއް އެނގިފައެއް ނުވެސް ނެތެވެ. ލިބުނު ޝޮކާއި ހައިރާންކަމުގެ ތެރޭގައި ބުނެދޭން ނޭނގޭ ކަހަލަ އުފާވެރިކަމެއްވެސް އިޙްސާސް ކުރެވެމުން ދިޔައެވެ.

މެޗް ފެށިގެން ވަކި ހިސާބަކަށް ދިޔަތަނާ ކޮށްޓުމުގެ ތެރޭގައި އަނެއްކާވެސް ޝައުނު ވެއްޓުނެވެ. ތެދުވެ ޝައުނު ކޮރަމުން ކުޅެވޭތޯ  މަސައްކަތް ކުރަމުން ދިޔައެވެ. އެހާލުގައި ދުވަހަކުވެސް ނުކުރާހާ ހިތްވަރު ޝައުނު ކުރަމުން ދިޔަތަން ފެނުމުން އަހަރެންވެސް ހައިރާން ވިއެވެ. ޝައުނު ދައްކަމުން ދިިޔަ އަޖާއިބު ކުރުވަނިވި ހިތްވަރު ފެނިފަ މުޅި ދަނޑުގައި ގުގުމަމުން ދިޔައީ ޝައުނުގެ ނަމެވެ. އެހެން ނަމަވެސް އެމެޗުން ޝައުނުގެ ޓީމު ބަލިވީއެވެ.

މެޗު ނިމުމުން އަހަރެން ފެނުމާއެކު ރޮމުން ޝައުނު ބައްދައިގަތެވެ. "އައިއެމް ސޯ ސޮރީ ބައްޕާ. އައި ހޭވް ފެއިލްޑް ޔޫ" ޝައުނު ރޮމުން ތަކުރާރު ކުރަމުން ދިޔައެވެ.

"ނޫން ޝައުން. މިއަދު މީ ބައްޕަ ހަޔާތުގަވެސް އެންމެ އުފާވި ދުވަސް. ޔޫ ހޭވް ރިޔަލީ މޭޑް މީ ޕްރައުޑް ޓުޑޭ. ދިރިއުޅުމުގެ މެޗުން ޝައުން މޮޅު ވެއްޖެ. ޝައުންއަށް ރިޔަލައިޒްޑް ވެއްޖެ. އެވަރު ބައްޕައަށް ފުދޭ. ބަލާބަލަ! މުޅި ދަނޑުގަވެސް އެންމެން ގޮވަމުން ދިޔައީ ޝައުންގެ ނަން. އެއީ އެޗީވްމަންޓަކީ." އޭރު އަހަރެންގެ ލޮލުންވެސް ކަރުނަ ފާއްދާލަމުން ދިޔައެވެ. އެހެންނަމަވެސް އުފާވެރިކަމުގެ ކަރުނައެވެ. އޭރު އެއްލި ކަޅިއަކުން އެއްފަރާތުގައި ފަޒޫވެސް އުފާވެފަ ހުއްޓާ ފެނުނެވެ. ފަޒޫއަށް ބަލާލާފައި އަހަރެން ހިނިތުން ވެލީމެވެ. މިއަދު އަހަރެން ހަޤީޤަތުގަވެސް ވަރަށް އުފާވެއްޖެއެވެ. މި ފައިނަލް މެޗްގައި ޝައުން ދެެއްކި ކުޅުމުން މުހިއްމު ކަމެއް ދޭހަކޮށްދޭ ކަހަލައެވެ. އަހަރެން މިހުރިހާ ދުވަހު ޕްރެކްޓިސްގައި ކިޔައިނުދޭ، ދިރިއުޅުމުގެ އެތައް މާނަތަކެއް ކިޔައިދީފައިވާ ކަހަލައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
186
ޚިޔާލު ފާޅުކުރައްވާ!

10 Responses

  1. ވަރަށް ރީތި މިވާހަކަ! ޝަބީބްގެ ލިޔުންރެތިކަން ވަރަށް ފުރިހަމަ. ވަރަށް ކިޔާހިތުން ކިޔާލެވުނު ވާހަކައެއްމީ. ކީޕް އަޕް ދި ގުޑް ވޯރކް!

  2. މިއީ ދިގު ވާހަކަ ލިޔުންތެރީންގެ މަތިވަރެއް ރާއްޖެއަށް އައިސްފައިވާ ދުވަސްވަރެއްކަން އެކިއެކި އޮންލައިން ސައިޓުތައް ހާވާލުމުން އެނގޭ. މީގެ ބައެއް ލިޔުންތެރީންނަކީ ވަރަށް ޒުވާން، ވަރަށް ވެސް ހުނަރުވެރި ލިޔުންތެރީން. ނަމަވެސް، ކުރުވާހަކައަކީ ދިވެހީންގެ ތެރޭގައި މާ މަގުބޫލު އެއްޗަކަށް ނުވާތީ ނޫން ކަމެއް ވެސް ނޭނގެ! ރީއްޗަށް ކުރުވާހަކަ ލިޔަން ދަންނަ ލިޔުންތެރީންނަކީ އަދިވެސް ރާއްޖޭގައި ވަރަށް މަދު ބައެއް! ޝަބީބު ހިމެނެނީ މިދެންނެވި މަދު ބައިގެ ތެރޭގައި. މިއީ ރީއްޗަށް، އަސަރާވެސް އެކު އަމުނައިލެވިފައި އޮތް ކުރުވާހަކައެއް! ޝަބީބަށް ޝުކުރާއި މުބާރިކުބާދީ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *