Support Us

ކުރިއަށްވުރެ ބޮޑު އޮޕަރޭޝަނެއް އިސްރާއީލުން ހުޅަނގު އައްސޭރީގައި ފަށައިފި

ހުޅަނގު އައްސޭރިން ޓެރަރިޒަމް ނައްތައިލުމަށް ކަމަށް ބުނެ އިސްރާއީލުން މީގެ ކުރިން ނުހިންގާ ވަރުގެ ބޮޑު އޮޕަރޭޝަނެއް ފަށައިފިއެވެ.

މިއީ 2000 އިން 2005 އާދެމެދު ފަލަސްތީނުގެ ރައްޔިތުން އިސްރާއީލާ ދެކޮޅަށް ދެވަނަ އިންތިފާޒާއަކަށް ތެދުވި ފަހުން އެތައް ސަހަރަކަށް އެއްފަހަރާ އިސްރާއީލުން ހަމަލާ ދޭން ފެށި ފުރަތަމަ ފަހަރެވެ.

އިސްރާއީލުން ބުނީ މިއީ ޓެރަރިޒަމް ހުއްޓުވުމަށް ޖިނީން އާއި ތޫލްކަރްމްގައި ހިންގަން ފެށި އޮޕަރޭޝަނެއް ކަމަށެވެ. ނަމަވެސް އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ފަލަސްތީނުގެ އިތުރު ދެ ސިޓީ ކަމަށްވާ ނާބްލަސް އަދި ތޫބާސް ވެސް އަމާޒުފަތްގަނޑަކަށް ހަދައިފައެވެ.

އެ ގޮތުން އިސްރާއީލުން ހިފައިފައިވާ ހުޅަނގު އައްސޭރީގެ އުތުރު ސަރަހައްދުގައި ވަނީ މަދުވެގެން 11 ފަލަސްތީނު ރައްޔިތުން ޝަހީދުކޮށްލައިފައެވެ. އަލް-ފަރްއާ ރެފިއުޖީ ކޭމްޕަށް ދިން ހަމަލާއެއްގައި ފަސް މީހުން ޝަހީދުކޮށްލިއިރު، ހަތިޔާރާއި ޑްރޯން ބޭނުންކޮށްގެން ޖިނީންގައި ވަނީ ހަ މީހުން ޝަހީދުކޮށްލައިފައެވެ.

ފަލަސްތީނުން ބުނީ ޖިނީނަށް ވަންނަ މައި މަގުތައް ވަނީ ބަންދުކޮށްލައިފައި ކަމަށެވެ. އަދި އެ ތަނުގެ ރެފިއުޖީ ކޭމްޕްގައި އިސްރާއީލު ސިފައިންނާއި ފަލަސްތީނުގެ ޖިހާދުކުރާ ހަނގުރާމަވެރިންނާ ދެމެދު ވަރުގަދަ ހަމަލާތަކެއް ބަދަލުކުރަން ފަށައިފައި ކަމަށެވެ.

ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ދެ ސިފައިން ފަލަސްތީނު މީހަކު ހައްޔަރުކުރަނީ

ރޭ ފަތިހު އިސްރާއީލުން ވަނީ ފަލަސްތީނުގެ އެއްގަމު އުޅަނދަކަށް ވައިގެ މަގުން ހަމަލާއެއް ދީފައެވެ. ޖިނީންގެ ހޮސްޕިޓަލަކަށް ވަދެ، މީގެ އިތުރުން ތޫލްކަރްމްގެ ދެ ހޮސްޕިޓަލެއް ވެސް ބަންދުކޮށްފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ނާބްލަސްގައި އިސްރާއީލުގެ އަމާޒުފަތްގަނޑަކީ އެ ސަހަރުގައި ހުރި ރެފިއުޖީ ދެ ކޭމްޕެވެ. ތޫބާސް ކައިރީގައި އޮންނަ ފަރްއަ ރެފިއުޖީ ކޭމްޕްގައި ހަރަކާތްތެރިވާ ސިއްހީ ހިދުމަތްތެރިން ބުނީ އިސްރާއީލުން ދިން ޑްރޯން ހަމަލާއެއްގައި ޒަހަމްވި މީހުންގެ ގާތަށް އެމްބިއުލެންސް ފޮނުވުމަށް ހުރަސްއެޅިފައިވާ ކަމަށެވެ.

ޖިނީން އާއި ތޫލްކަރްމްގައި ފުރިހަމަ ބާރާއެކު އިސްރާއީލުގެ އަސްކަރިއްޔާއިން ރެއިން ފެށިގެން ދަނީ ހަރަކާތްތެރިވަމުން ކަމަށް އިސްރާއީލުގެ ހާރިޖީ ވަޒީރު އިސްރާއީލު ކެޓްޒް ބުންޏެވެ.

"ބޭނުމަކީ އެ ދެ ކޭމްޕްގައި އިރާނުން ގާއިމުކޮށްފައިވާ ޓެރަރިޒަމްގެ އިންފްރާސްޓްރަކްޗަރުތައް ނައްތައިލުން،" އޭނާ ބުންޏެވެ.

ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ހަމާސް އާއި ޕަލަސްޓީނިއަން އިސްލާމިކް ޖިހާދަށް އިރާނުން އެހީތެރިކަން ދީގެން ހުޅަނގު އައްސޭރީގެ އާ ސަރަހައްދަކުން އިސްރާއީލާ ދެކޮޅަށް ހަމަލާ ދޭން މަސައްކަތްކުރާ ކަމަށް ކެޓްޒް ތުހުމަތުކުރިއެވެ.

"ޣައްޒާގައި ހުރި ޓެރަރިޒަމްގެ އިންފްރާސްޓްރަކްޗަރުތައް ނައްތައިލުމަށް އަހަރެމެން މަސައްކަތްކުރަމުންދާ ފަދައިން ހުޅަނގު އައްސޭރީގައި ވެސް އެ ކަހަލަ އޮޕަރޭޝަނެއް ހިންގަންޖެހޭ. އޭގެ ތެރޭގައި ފަލަސްތީނުގެ ރަށްވެހިން އަމާން ހިސާބުތަކަށް ގެންގޮސް ދިނުމަށް އަހަރެމެން މަސައްކަތްކުރުން ވެސް ހިމެނޭ،" ކެޓްޒް ބުންޏެވެ.

އިސްރާއީލުގެ އަސްކަރިއްޔާ ކަމަށްވާ އިސްރާއީލް ޑިފެންސް ފޯސަސް (އައި.ޑީ.އެފް)އިން މި އޮޕަރޭޝަނާ ބެހޭ ގޮތުން ދިނީ މަދު ތަފުސީލެކެވެ. ނަމަވެސް އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލުގެ އެތެރޭގެ ސަލާމަތާ ބެހޭ އިދާރާ ޝިން ބެތު އަދި އިސްރާއީލުގެ ބޯޑަރުގެ ސަލާމަތުގައި ހަރަކާތްތެރިވާ ފުލުހުންގެ ފައުޖުން މިހާރު ދަނީ ޖިނީން އާއި ތޫލްކަރްމްގައި ޓެރަރިޒަމްއާ ދެކޮޅު އޮޕަރޭޝަނެއް ހިންގަމުން ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް