Support Us

ބަންގްލަދޭޝްގެ ފީނީ ސިޓީގެ ފެންބޮޑުވެފައިވާ މަގެއްގައި ފެންބޮޑުނުވާ ސަރަހައްދަކަށް ބޯޓެއްގައި މީހުން ގެންދަނީ

ފެންބޮޑުވީ އިންޑިއާއިން ޑޭމެއް ހުޅުވައިލުމުން: ބަންގްލަދޭޝް

ބަންގްލަދޭޝްގައި ފެންބޮޑުވެގެން އުޅެނީ އިންޑިއާއިން ޑޭމެއް ހުޅުވައިލުމުން ކަމަށް ބަންގްލަދޭޝްގެ ރައްޔިތުން ތުހުމަތުކޮށްފިއެވެ.

އެންމެ ބޮޑަށް ފެންބޮޑުވީ ބަންގްލަދޭޝްގެ ދެކުނުއިރުމަތީ ސިޓީއެއް ކަމަށްވާ ފީނީގައެވެ. އާބާދީގައި 1.5 މިލިއަން މީހުން އުޅޭ ސިޓީގައި މީހުންގެ މެއާ ހިސާބަށް ފެންބޮޑުވެފައިވާތާ މާދަމާއަށް އެއް ހަފުތާވާނެއެވެ. އަދި މި ސިޓީގެ 11 އަވަށުގައި ވަނީ ފެންބޮޑުވެފައެވެ.

ފީނީއާ ވަރަށް ކައިރީގައިވާ އިންޑިއާގެ ތްރިޕުރަ ސްޓޭޓްގައި ހުންނަ ދުމްބުރް ޑޭމް ހުޅުވައިލީ އިންޑިއާ ސަރުކާރުން އެއްވެސް އިންޒާރެއް ނުދީ ކަމަށް ފީނީގެ ރަށްވެހިން ތުހުމަތުކުރިއެވެ.

އިންޑިއާއިން ބުނީ ޑޭމް ހުޅުވައިލީ ބަންގްލަދޭޝްއަށް ގަސްދުގައި ލަނޑެއް ދޭކަށް ނޫން ކަމަށެވެ.

ބަންގްލަދޭޝްގެ ފީނީ ސިޓީގެ ފެންބޮޑުވެފައިވާ މަގެއްގައި މީހުން ހިނގައިފައިދަނީ

"ބޯކޮށް ވާރޭ ވެހުމުން ދިމާވިގޮތެއް،" އިންޑިއާގެ އޮފިޝަލަކު ވިދާޅުވިއެވެ.

އިންޑިއާއިން ބުނީ ކަރަންޓް ކެނޑުމުގެ ސަބަބުންނާއި މުވާސަލާތީ ހިދުމަތް މެދުކެނޑުމުގެ ސަބަބުން ބަންގްލަދޭޝްއަށް ކުރިން މައުލޫމާތު ނުދެވުނީ ކަމަށެވެ.

"ޑޭމެއް ހުޅުވައިލުމުގެ ކުރިން އަވަށްޓެރި ގައުމުތަކަށް އާއްމު ގޮތެއްގައި އަންގަން،" އިންޑިއާގެ އޮފިޝަލަކު ވިދާޅުވިއެވެ.

އިންޑިއާ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނީ ފީނީގައި ފެންބޮޑުވި މައިގަނޑު ސަބަބަކީ ގުމްތީ ކޯރުން ފެން ފައިބައިގެން ދިއުމުން ކަމަށެވެ.

ބަންގްލަދޭޝްގެ ފީނީ ސިޓީގައި ފެންބޮޑުވުމުން އުސް އިމާރާތްތަކުން މީހުން ހިމާޔަތް ހޯދަނީ

"މިއީ ދެ ގައުމަށް ވެސް ކުރިމަތިވާ މައްސަލައެއް. މި ކަން ހައްލުކުރުމަށް ދެ ގައުމުން ވެސް އެއްބާރުލުން ދީގެން މަސައްކަތްކުރަންޖެހޭ،" އެ ބަޔާނުގައި ބުންޏެވެ.

ބަންގްލަދޭޝް ރައްޔިތުން މައިގަނޑު ގޮތެއްގައި އާމްދަނީ ހޯދަނީ މަސްވެރިކަމުންނާއި ހަނޑޫ ދަނޑުތައް ހައްދައިގެންނެވެ. ފެންބޮޑުވުމާއި ތޫފާނަކީ އެ ގައުމުގެ 171 މިލިއަން ރައްޔިތުންނަށް އާ ކަންތައްތަކެއް ނޫނެވެ. ނަމަވެސް ފީނީގައި ފެންބޮޑުވާނެ ކަމަށް އެކަކު ވެސް ލަފައެއް ނުކުރެއެވެ. އަދި މިހާރު މި ސިޓީގައި ފެންބޮޑުވީ އިންޑިއާއިން ދުމްބުރް ޑޭމް ހުޅުވައިލީމާ ކަމަށް ފީނީގެ ރަށްވެހިން އަންނަނީ ތުހުމަތުކުރަމުންނެވެ.

ސީ.އެން.އެން.އިން ރިޕޯޓް ކުރި ގޮތުގައި މަގުމަތީގައި އުޅޭ މީހުން ފާޅުކުރަމުންދިޔައީ އިންޑިއާއާ ދެކޮޅު ޝިއާރުތަކެވެ.

"އަހަރެމެން އިންޑިއާ ދެކެ ނަފުރަތުކުރަން. މިއީ އިންޑިއާގެ ފެން،" ބައެއް މީހުން ބުނަމުން ދިޔަކަމަށް ސީ.އެން.އެން.އިން ބުންޏެވެ.

ވެރިރަށް ދާކާގައި ހުރެފައި، އުފަންވި ޓައުނުގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން ފީނީއަށް އެނބުރި އައި އުމުރުން 29 އަހަރުގެ ޝަރީފުލް އިސްލާމް ތުހުމަތުކުރީ "އިންޑިއާއިން ދަނީ ފެން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރަމުން" ކަމަށެވެ.

"ކުރީގެ ސަރުކާރު ވައްޓައިލުމުން އިންޑިއާއިން ބަދަލުހިފަނީ،" އޭނާ ބުންޏެވެ. އޭނާ އިޝާރާތްކުރީ އިންޑިއާއާ ގާތްގުޅުމެއް ބޭއްވި ބޮޑު ވަޒީރު ޝައިހު ހަސީނާގެ ވެރިކަން ބަންގްލަދޭޝް ރައްޔިތުން ދާދި ފަހުން ވައްޓާލި ވައްޓާލުމަށެވެ. އަދި މި ކަމާ އިންޑިއާއިން ހިތްހަމަނުޖެހުނު ކަމަށެވެ.

ބަންގްލަދޭޝްގެ މި ފެންބޮޑުވުމުގެ ހާދިސާގައި މިހާތަނަށް ފަސް މިލިއަން މީހުންނަށް އަސަރުކޮށްފައިވާއިރު މަދުވެގެން 18 މީހުން މަރުވެފައިވެއެވެ. ފެން ހިނދުމުން މަރުވެފައިވާ މީހުންގެ ހަށިތައް ފެންނާނެ ކަމަށް ބެލެވޭތީ މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ލަފާކުރެވެއެވެ.

އިންޑިއާގެ ތްރިޕުރަ ސްޓޭޓްގައި ފެންބޮޑުވުމުގެ ސަބަބުން މަދުވެގެން 26 މީހުން މަރުވި ކަމަށް އިންޑިއާގެ އޮފިޝަލުން ވިދާޅުވިއެވެ.

"ގާތްގަނޑަކަށް 64،000 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހި، ވަގުތީ ކޭމްޕްތަކުން ހިޔާވަހިކަން ހޯދަން އެދިފައިވޭ،" އިންޑިއާގެ އޮފިޝަލަކު ވިދާޅުވިއެވެ.

ފީނީގައި ފެންބޮޑުވެފައިވާ ސަރަހައްދަށް ވަދެވެނީ އަދި ނުކުމެވެނީ ވެސް ބޯޓުގައެވެ. ހުރިހާ މައި މަގުތައް ވަނީ އެއްގަމު އުޅަނދުތަކަށް ނުދުއްވޭވަރުވެފައެވެ. މީގެ އިތުރުން މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރަމުން އަންނަ މަސައްކަތަށް ވަނީ ހުރަސްއެޅިފައެވެ. އެއީ ކަރަންޓު ކެނޑިފައިވުމުންނާއި މުވާސަލާތީ ހިދުމަތް ގާތްގަނޑަކަށް އެއްކޮށް ހުއްޓިފައިވުމުންނެވެ.

މީހުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަށް އަސްކަރިއްޔާ އާއި ކަނޑުގެ ސިފައިން ވަނީ ނެރެފައެވެ. އަދި ވޭތުވެދިޔަ ދުވަސްތަކުގައި ގައުމުގެ އެހެން ހިސާބުތަކުން ފީނީއަށް ވަނީ ވޮލަންޓިއަރުން ޖަމާވެފައެވެ. މީހުން ސަލާމަތްކުރުމާއި އެހީ ފޯރުކޮށްދިނުމުގެ މަސައްކަތުގައި ބައިވެރިވުމަށެވެ.

ޝަރީފުލް އިސްލާމް ފަދައިން ބައެއް މީހުން ފީނީއަށް އައީ އާއިލާގެ މީހުން ހޯދައިށެވެ.

ދާކާގައި އިނގިރޭސި ބަސް ކިޔަވައިދޭ އުމުރުން 35 އަހަރުގެ މުދައްރިސު އަބްދުއްސަލާމް ބުނީ އޭނާގެ އާއިލާގެ 12 މެންބަރުން ތިބީ ފީނީއާ 15 މޭލު ދުރުގައި ހުރި ހިސާބެއްގައި ތާށިވެފައި ކަމަށެވެ. އޭގެ ތެރޭގައި އޭނާގެ ދެ ދައްތަ އާއި ބޭބެ އަދި އެ ތިން މީހުންގެ ދަރިން ހިމެނެއެވެ.

"އަހަރެންނަކަށް ނޭނގޭ އެ މީހުން ދިރިހުރިކަމެއް ވެސް. މިހެންވެ އަހަރެންނަށް އަބަދު ރޮވެނީ. ކަރަންޓެއް، ގޭހެއް، އިންޓަނެޓެއް ނެތް،" ބައިނަލްއަގުވާމީ އެހީއަށް އެދެމުން އޭނާ ބުންޏެވެ.

ކިލާ ފެނުގައި އުޅެން ޖެހުމުން ފެނުގެ ޒަރީއާއިން ޖެހޭ ބަލިތަކަށް ފީނީގެ ރައްޔިތުން ހުށަހެޅިފައިވެއެވެ. މީގެ އިތުރުން ހަރުފަ ވިހަލުމާއި ގެނބުން ވެސް ކުރިމަތިވެދާނެކަމުގެ ބިރު އެބައޮތެވެ.

ބައެއް އާއިލާތަކަށް ބޯޓު ނުލިބިގެން ސަލާމަތްނުވެވިފައި އެބަތިއްބެވެ. އެއް ބުރިއަށް ހުންނަ ގޭގޭގެ މީހުން ހިމާޔަތް ހޯދައިފައިވަނީ ބުރިބުރިއަށް ނަގައިފައި ހުރި އިމާރާތްތަކުންނެވެ.

އުމުރުން 36 އަހަރުގެ ފަޔާރާ އަހްތަރު ބުނީ އޭނާ މަސައްކަތްކުރަމުންދަނީ އޭނާގެ ދައްތަ ތަންޒީނާ އާއި އޭނާއަށް ދާދި ފަހުން ލިބުނު ދަރިފުޅު ސަލާމަތްކުރެވޭތޯއެވެ. އުމުރުން އަދި އެންމެ މަހެއް ވީ ދަރިފުޅަށް ވޭތުވެދިޔަ ދުވަސްތަކުގައި ނުއެއް ކެވެއެވެ. އަދި މިހެންވެ ޑޮކްޓަރެއް ގާތަށް ދިއުން ވަނީ ކޮންމެހެން މުހިންމު ކަމަކަށްވެފައެވެ.

"އަހަރެން ފިކުރުބޮޑުވަނީ އެ ދަރިފުޅު މަރުވެދާނެތީ،" ފަޔާރާ ބުންޏެވެ.

ތަންޒީނާ ހިމާޔަތް ހޯދައިގެން ހުރި ކަމަށް ގަބޫލު ކުރެވުނު ސްކޫލަށް ދިޔައިރު އޭނާ އެ ތަނުގައި ނެތެވެ. އަދި މުވާސަލާތީ ހިދުމަތް މެދުކެނޑިފައިވާތީ ތަންޒީނާއަށް ގުޅައި، އޭނާ ސަލާމަތްކުރެވޭނެ ގޮތެއް ވެސް ނެތެވެ. މިހެންވެ ފަޔާރާ އެނބުރި ދިޔައީ އޭނާގެ އާއިލީ ގެއަށެވެ. ތަންޒީނާއަށް އެ ގެއަށް ދެވުނުތޯ ބެލުމަށެވެ.

ފީނީގެ ރަށްވެހިންނަށް މިހާރު އޮތް މައިގަނޑު އުއްމީދަކީ އެހީ ލިބެންދެން އެ މީހުން ސަލާމަތުން ހުރުމެވެ. ނުވަތަ ފެން ހިނދެން ދެން ކެތްކޮށްލުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް