ޕާކިސްތާނުގައި މިއަދު ދެ ބަސް ފުރޮޅައިލައި 37 މީހުން މަރުވެއްޖެއެވެ.
ފުރަތަމަ ހާދިސާ ހިނގީ ބަލޫޗިސްތާން ޕްރޮވިންސްގެ ލަސްބަލާ ޑިސްޓްރިކްޓްގައެވެ. މި ހާދިސާގައި އިރާގުން އެނބުރި އައި ފަސިންޖަރުންތަކެއް ދަތުރުކުރި ބަސް ވަނީ ވާދީއަކަށް ވެއްޓިފައެވެ. ބެލެވެނީ ބުރަކީގައި މައްސަލައެއް އުޅެނީ ކަމަށެވެ.
"ހައިވޭއަކުން ވާދީއަކަށް ވެއްޓި މަދުވެގެން 12 މީހުން މަރުވެ، 32 މީހުން ޒަހަމްވި،" އެ ސަރަހައްދުގެ ފުލުހުންގެ ވެރިޔާ ޣާޒީ ސޯބިރު ވިދާޅުވިއެވެ.
މީގެ މަދު ގަޑިރެއްގެ ފަހުން ޕަންޖާބް ޕްރޮވިންސްގެ ކަހުތާ ޑިސްޓްރިކްޓްގައި ރަވަލްޕިންޑިއަށް ދަތުރުކުރި ބަހެއް ފުރޮޅައިލައިގެން ވާދީއަކަށް ވެއްޓުނެވެ. ބެލެވޭ ގޮތުގައި މިއީ ވެސް ބުރަކީގައި ޖެހުނު މައްސަލައަކުން ހިނގި ހާދިސާއެކެވެ. މި ހާދިސާގައި މަރުވި މީހުންގެ އަދަދު ސާފެއް ނުވެއެވެ. ބައެއް އޮފިޝަލުން ވިދާޅުވީ 29 މީހުން މަރުވި ކަމަށެވެ. ނަމަވެސް މީހުން ސަލާމަތްކުރުމުގައި ހަރަކާތްތެރިވި ފަރާތްތަކުން ބުނީ މަރުވީ 25 ފަސިންޖަރުން ކަމަށާއި އެކަކަށް ސީރިއަސް ޒަހަމްތަކެއް ލިބުނު ކަމަށެވެ.
"މަރުވި މީހުންގެ ތެރޭގައި 20 ފިރިހެނުންނާއި ހަތަރު އަންހެނުންނާއި އެއް ކުޑަކުއްޖަކު ހިމެނޭ،" މީހުން ސަލާމަތް ކުރެއްވުމުގައި ހަރަކާތްތެރިވެވަޑައިގެންނެވި އޮފިޝަލެއް ކަމަށްވާ އުސްމާން ގުއްޖަރު ވިދާޅުވިއެވެ.
މިއަދުގެ ދެ ހާދިސާ މި ހިނގީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އަވަށްޓެރި އިރާންގައި ބަހެއްގެ ބުރަކީގައި މައްސަލަ ޖެހި، އެ ބަހުގައި އަލިފާން ރޯވެ، ޕާކިސްތާނުގެ 28 މީހުން މަރުވެފައިވަނިކޮށެވެ. އެ މީހުންގެ ހަށިގަނޑުތައް ޕާކިސްތާނަށް ގެނެސް ސިންދު ޕްރޮވިންސްގައިވަނީ ވަޅުލައިފައެވެ.
ޕާކިސްތާނުގެ ބޮޑު ވަޒީރު ޝަހްބާޒް ޝަރީފް މިއަދު ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، ޒަހަމްވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރަސްމީ އިދާރާތަކަށް އަންގަވައިފައެވެ.
ޝަހްބާޒްގެ އިތުރުން ދާހިލީ ވަޒީރު މުހްސިން ނަގްވީ އާއި ޕަންޖާބްގެ ޗީފް މިނިސްޓަރު މަރްޔަމް ނަވާޒް ވެސް ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފައެވެ.
"ކުރިމަގުގައި މި ފަދަ ހާދިސާތައް ނުހިނގާނެކަން ކަށަވަރު ކުރުމަށްޓަކައި މަގުތަކުގެ ރައްކާތެރިކަން ހަރުދަނާ ކުރަންޖެހޭ،" ސޯޝަލް މީޑިއާގައި މަރްޔަމް ވިދާޅުވިއެވެ.



advertisment