ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގައި މީދާ ގިނަވުމުގެ ސަބަބުން ބުޅާ ހޯދަން ނިންމައިފިއެވެ.
ސަރުކާރުން މިހާރު ވަނީ މި މަޝްރޫއަށް 4،000 ޑޮލަރު (61،000ރ.) ހަރަދުކުރަން ނިންމައިފައެވެ.
ޕާކިސްތާނުގެ ޕާލަމަންޓްގައި މީދާ ގިނަވެފައިވަނީ ފުރަތަމަ ފަންގިފިލާގައެވެ. އެއީ އިދިކޮޅު ލީޑަރުގެ އޮފީހާއި ކެންޓީނާއި ސިޔާސީ ޕާޓީތަކުގެ ބައްދަލުވުންތައް ބާއްވާ ފަންގިފިލާއެވެ.
"މި ފަންގިފިލާގައި އުޅޭ މީދާތައް ސައިޒުގެ ގޮތުން ވެސް ވަރަށް ބޮޑެތި. ބުޅާ ވެސް ބިރުގަތްފާނެ،" ޕާލަމަންޓްގެ ތަރުޖަމާނު ޒަފަރް ސުލްތާން ބީ.ބީ.ސީ.އަށް ވިދާޅުވިއެވެ.
މަޖިލީހުގައި މީދާ އުޅޭކަން އެނގުނީ 2008 ގެ ޔައުމިއްޔާތަކެއްގެ ސަފުހާތަކެއް ކައިލައިފައި ހުރުމުންނެވެ. އަދި ކޮމްޕިއުޓަރުތަކުގެ ނަރުތަކެއް ވެސް ވަނީ ދަތްއަޅައި ބުރިކޮށްލައިފައެވެ. މީދާތައް ދުވާލު ނުފެނުނަސް ރޭގަނޑު ހަރަކާތްތެރިވާ ކަމަށާއި ފާހަގަ ކުރެވޭވަރުގެ ގެއްލުންތައް ދަނީ ދެމުން ކަމަށްވެއެވެ.
ޕާލަމަންޓްގައި ކުރީއްސުރެ މަސައްކަތް ކުރަމުން އަންނަ ސެކިއުރިޓީ ގާޑުން މި މައްސަލައަށް ހޭނިފައި ވިޔަސް ސެކިއުރިޓީ ގާޑުންގެ ގޮތުގައި އަލަށް ވަޒީފާއަށް ނުކުތް ޒުވާނުން ތިބެނީ ވަރަށް ބިރުންކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
މީދާ މެރުމަށް ބުޅާ ހޯދަން ހަމަޖެއްސީ ކެޕިޓަލް ޑެވެލޮޕްމަންޓް އޮތޯރިޓީންނެވެ. އެ ގޮތުން މީދާ މެރުމުގެ ހިދުމަތް ދޭނެ ކުންފުނިތަކެއް ހޯދުމަށް ބައިވަރު ނޫސްތަކުގައި ވަނީ އިޝްތިހާރު ޖަހައިފައެވެ.
ކާތަކެތިން ކުރަފި ފެނުމުން ޕާލަމަންޓްގެ ދެ ކެންޓީނެއް ވަނީ 2022 ގައި ވަގުތީ ގޮތުން ބަންދުކޮށްފައި ކަމަށް ސަމާ ޓީވީން ބުންޏެވެ.
އޭގެ ކުރިން 2019 ގައި މަޖިލިސް މެންބަރުން ވަނީ ކެންޓީންތަކުން ދިން ކާބޯތަކެތީގެ ފެންވަރާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.



advertisment