Support Us

މެއި މަހު 21 ވަނަ ދުވަހު ފޫޖީ ފަރުބަދަ ފޮރުވޭ ގޮތަށް ސްކްރީން ހަރުކުރަނީ

ފޫޖީ ފަރުބަދަ ފޮރުވި ފަރުދާ ނަގައިފި

ޓޫރިސްޓުންގެ އުނދަގޫ ބޮޑުވެގެން ޖަޕާންގެ މަޝްހޫރު ފޫޖީ ފަރުބަދަ ފޮޓޯ ނުނެގޭ ގޮތަށް ހަދަން ހަރުކުރި ފަރުދާ ނަގައިފިއެވެ.

ފޫޖީ ރީތި އޭންގަލަކުން ނެގޭ ފުޖިކަވަގުޗިކޯ ޓައުންގައި މި ދިޔަ މެއި މަހު ހަރުކުރި މި ފަރުދާ މި ދިޔަ ހަފުތާގައި ނެގީ ތޫފާން "އެމްޕަލް"ގައި ހަލާކުވެދާނެ ކަމަށް ވާތީއެވެ.

މަގުގެ އެއްކޮޅުން އަނެއްކޮޅަށް ފޯރާ މި ފަރުދާ ހަރުކުރީ ޓޫރިސްޓުން ގިނަ އަދަދަކަށް އެ ތަނުގައި ތޮއްޖެހޭތީއެވެ.

އެ ޓައުންގެ މީހުން ހިތްހަމަނުޖެހެނީ ހަނި ދުވާރުގައި ހިނގާ މީހުންނަށް ޖާގަ ނުލިބުމާއި ޓްރެފިކް ތޮއްޖެހޭ ގޮތްވުމާއި އަދި ބައެއް ޓޫރިސްޓުން އަމިއްލަ މީހުންގެ ބަގީޗާތަކަށް ވަދެ ފޫޖީގެ ފޮޓޯ ނަގާތީއެވެ.

ސްކްރީންގައި ޓޫރިސްޓުން ކަނޑައިފައިވާ ބާގަނޑަކުން ފޫޖީ ފަރުބަދަ ފެންނަ ގޮތް

އުސްމިނުގައި އަށް ފޫޓު އަދި ދިގުމިނުގައި 65 ފޫޓު ހުރި ފަރުދާ ހަރުކުރީ މެއި މަހުގެ 21 ވަނަ ދުވަހުއެވެ. އޭގެ ފަހުން ބައެއް ޓޫރިސްޓުން ވަނީ ފަރުދާގައި ލޯވަޅު އަޅައި ބާގަނޑުތަކުން ވެސް ފޮޓޯ ނަގަން ފަށައިފައެވެ. ފަރުދާ ނެގީ މި މަހު 15 ދުވަހު އެމްޕަލް އައުން ގާތްވުމާއެކުއެވެ.

ފަރުދާ ހަރުކޮށްފައި ހުރި ދަގަނޑުތަކާއި ވަޔަރުތައް ނުނަގަން އޮފިޝަލުން ވަނީ ނިންމަވައިފައެވެ. އެ ބޭފުޅުން ވިދާޅުވީ ފަތުރުވެރިންގެ އަހުލާގު ރަނގަޅު މަގަށް އަޅައިފި ނަމަ، ފަރުދާ އަލުން ހަރުނުކުރާނެ ކަމަށެވެ.

"އަހަރެމެން ބޭނުން ބަލަން ޓޫރިސްޓުންގެ އަމަލުތައް ކުރިމަގުގައި ހުންނާނެ ގޮތް. މިހާރު ވެސް ފަތުރުވެރިން އާދޭ،" ޓައުންގެ އޮފިޝަލަކު އޭ.އެފް.ޕީ.އަށް ވިދާޅުވިއެވެ.

މިދިޔަ ހަފުތާގައި ފަރުދާ ނައްޓައިލި ފަހުން އަދި އެއްވެސް ޓޫރިސްޓެއްގެ ފަރާތުން އުނދަގުލެއް ކުރިމަތިނުވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

އެމްޕަލްގެ އަސަރު ނުކުރާނެ ކަމަށް ރަސްމީ އިދާރާތަކުން ލަފާކުރި ނަމަވެސް ނުރައްކާތެރި ހާލަތަކަށް ވެއްޓިދާނެތީ އެ ސަރަހައްދުން މީހުން އެހެން ހިސާބުތަކަށް ދިއުމަށް ސަރުކާރުން ވަނީ އަންގައިފައެވެ.

ވެރިރަށް ޓޯކިޔޯއާ ދިމާއަށް އެމްޕަލް އަންނާތީ އެހެން ސަރަހައްދުތަކަށް ރައްޔިތުން ވަގުތީ ގޮތުން ބަދަލުވުމަށް ސަރުކާރުން މިދިޔަ ހަފުތާގައި އެންގިއިރު އެތައް ސަތޭކަ ފްލައިޓާއި ރޭލު ދަތުރުވަނީ ކެންސަލްކޮށްފައެވެ.

މި ކަންތައްތައް މި ދިމާވީ ޖަޕާނުގެ އޮބޮން ޗުއްޓީ ފާހަގަކުރަނިކޮށެވެ. އެ ގޮތުން ސަހަރުތަކުގައި ދިރިއުޅޭ އެތައް މިލިއަން މީހުން ވަނީ އެ މީހުން އުފަންވި ވިލެޖްތަކަށާއި ޓައުންތަކަށް ގޮސްފައެވެ.

އެމްޕަލްއަކީ މި އަހަރު ޖަޕާނަށް އައި ހަތް ވަނަ ތޫފާނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް