ދުނިޔޭގެ ރެކޯޑް ފޮތުގައި އެންމެ މުސްކުޅި މީހާ ކަމަށް އޮތް ސްޕޭންގެ އަންހެނެއް ކަމަށްވާ މަރިއާ ބްރެނިޔަސް މޮރެރަގެ އުމުރު 117 އަހަރަށް ދެމިގެންދިޔައީ އޭނާގެ ހަށިގަނޑު ޖެނެޓިކް ގޮތުން ރަނގަޅު ކަމުން ކަމަށް އިލްމްވެރިން ވިދާޅުވެއްޖެއެވެ.
ބާސެލޯނާ ޔުނިވާސިޓީގެ ދިރާސާކުރުންތެރިޔާ މަނޭލް އެސްޓެލާ ވިދާޅުވީ މިދިޔަ އަހަރު ބެލިބެލުމުން ވެސް މަރިއާގެ ސިއްހަތު ރަނގަޅުކަމުން ހައިރާންވި ކަމަށެވެ.
"ވިސްނުން ވެސް ރަނގަޅު. އުމުރުން އެންމެ ހަތަރު އަހަރުގެ ކަންތައްތައް ވެސް ހަނދާން ހުރޭ. މުސްކުޅި މީހުންނަށް ކުރިމަތިވާ ހިތުގެ އެއްވެސް ބައްޔެއް ވެސް ނެތް. ހަމައެކަނި ފާހަގަ ކުރެވުނު މައްސަލައަކީ ހަށިގަނޑު ހަރަކާތް ކުރުމާއި އަޑު އިވުމުގައި ހުރި މައްސަލަތަކެއް. އަހަރެމެންނަށް ލިބުނީ ބޮޑު ހައިރާންކަމެއް،" ޖެނެޓިކްސްއާ ބެހޭ ޕްރޮފެސަރު މަނޭލް ވިދާޅުވިއެވެ.
އެމެރިކާގައި އުފަންވި މަރިއާއާ ބެހޭ ގޮތުން އޭނާގެ އެންމެ ހަގު އަންހެން ދަރިފުޅު ރޯޒަ މޮރެ ބުނީ މަރިއާގެ އުމުރު ދިގުވީ ރަނގަޅު ޖެނެޓިކްސްގެ ސަބަބުން ކަމަށެވެ.
"މަންމަ ދުވަހަކު ވެސް ހޮސްޕިޓަލަކަށް ނުދޭ. ކައްޓެއް ވެސް ބިންދައިގެން ނުދޭ. ހާލު ރަނގަޅު. ވޭނެއް ވެސް ނާޅާ،" ރޯޒަ މިދިޔަ އަހަރު ބުނެފައިވެއެވެ.
ދުނިޔޭގެ އެންމެ މުސްކުޅި މީހާ ކަމަށް ގިނެސް ވޯލްޑް ރެކޯޑްސްއިން މިދިޔަ އަހަރުގެ ޖަނަވަރީ މަހު މަރިއާ ކަނޑައެޅީ ފްރާންސްގެ އަންހެނެއް ކަމަށްވާ ލުސިލް ރެންޑޯން އުމުރުން 118 އަހަރުގައި މަރުވުމުންނެވެ.
މަރިއާ މަރުވުމުން ދުނިޔޭގައި މި ވަގުތު ހުރި އެންމެ މުސްކުޅި މީހަކީ ޖަޕާންގެ އަންހެނެއް ކަމަށްވާ ޓޮމިކޯ އިޓޫކާ ކަމަށް އެމެރިކާގެ ޖެރޮންޓޮލޮޖީ ރިސާޗް ގްރޫޕުން ބުންޏެވެ. މި ކަން ވަނީ ގިނެސްއިން ވެސް ކަށަވަރު ކޮށްދީފައެވެ. އެ ގޮތުން 23 މެއި 1908 ގައި އުފަންވި ޓޮމިކޯގެ އުމުރަކީ 116 އަހަރެވެ.
ކަށަވަރު ކުރެވިފައިވާ ގޮތުން ދުނިޔޭގައި އެންމެ ދިގު އުމުރަކަށް ދިރިއުޅެފައިވަނީ ފްރާންސްގެ އަންހެނެއް ކަމަށްވާ ޖީން ލުއީޒް ކެލްމެންޓްއެވެ. އޭނާ 1997 ގައި މަރުވިއިރު އުމުރަކީ 122 އަހަރާއި 164 ދުވަހެވެ.
"މަރިއާ ބްރެނިޔަސް އަހަރެމެން ދޫކޮށް ހިނގައްޖެ. އޭނާ މަރުވީ އޭނާ ބޭނުންވި ގޮތަށް: ނިދާފައި އޮއްވައި، އަމާންކަމާއެކު އަދި ވޭނެއް ނުލިބި. އަހަރެމެން އޭނާ ހަނދުމަކުރާނީ އޭނާގެ ނަސޭހަތާއި އަހަރެމެންނާމެދު ބެހެއްޓި ފަރުވާތެރިކަމަށް،" އެކްސްގައި އޮތް މަރިއާގެ އެކައުންޓްގައި އޭނާގެ އާއިލާއިން ލިޔެފައިވެއެވެ.
ވޭތުވެދިޔަ 20 އަހަރު މަރިއާ ދިރިއުޅުނީ މުސްކުޅިންނަށް ފަރުވާ ދޭ ނާސިން ހޯމްއެއްގައެވެ. އަންގާރަ ދުވަހު އޭނާ މަރުވިއިރު، ހޯމަ ދުވަހު ވަނީ އޭނާ ވަރުބަލިވާ ކަމަށް އެކްސްގައި ލިޔެފައެވެ.
"އަހަރެންގެ ވަގުތު ކައިރިވެއްޖެ. ނުރޯތި. އަހަރެންނަށް ކަރުނަ ކަމަކުނުދޭ. އަހަރެންނަށްޓަކައި ވޭނުގައި ނޫޅޭތި. އަހަރެން ކޮންމެ ތަނަކަށް ދިޔަސް، އަހަރެން ހުންނާނީ އުފަލުގައި،" އޭނާގެ އާއިލާއިން ހިންގައިދޭ އެކައުންޓްގައި މަރިއާ ލިޔެފައިވެއެވެ.
މަރިއާ ވަނީ 1918 ގެ ރޯގާ އާއި ދުނިޔޭގެ ބޮޑު ދެ ހަނގުރާމަ އާއި ސްޕޭންގެ އަހުލީ ހަނގުރާމަ ވެސް ދެކެފައެވެ. އަދި 2020 ގައި ކޮވިޑް-19 ބަލި ޖެހުނެވެ. އެއީ އޭނާގެ 113 ވަނަ އުފަން ދުވަސް ފާހަގަކޮށްފައިވަނިކޮށެވެ. ކޮވިޑް-19 އިން މަރިއާ އެއްކޮށް ރަނގަޅުވިއެވެ.
މަރިއާ އުފަންވީ 4 މާރިޗު 1907 ގައި އެމެރިކާގެ ސެން ފްރެންސިސްކޯގައެވެ. އެއީ އޭނާގެ އާއިލާއިން މެކްސިކޯއިން އެމެރިކާއަށް ބަދަލުވިތާ ކުޑަ ދުވަސްކޮޅެއް ފަހުންނެވެ.
މަރިއާގެ މުޅި އާއިލާ އެ މީހުންގެ އަސްލު ވަޒަން ކަމަށްވާ ސްޕޭނަށް 1915 ގައި ބަދަލުވީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރޭގައެވެ. މިހެންވެ އެޓްލާންޓިކް ކަނޑު ހުރަސްކޮށް މަނަވަރެއްގައި ދަތުރުކުރުން ބޮޑު ގޮންޖެހުމަކަށްވިއެވެ. އަދި އެ ދަތުރު ވީ ހިތާމަވެރި ތަޖުރިބާއަކަށެވެ. ސަބަބަކީ ދަތުރު ނިމެން ކައިރިވެފައިވަނިކޮށް އެ ޒަމާނުގައި ފަރުވާއެއް ހޯދިފައިނުވާ ޓޫބަޗުލޯސިސް ނުވަތަ ޓީ.ބީ ބަލި އޭނާގެ ބައްޕައަށް ޖެހުމުންނެވެ. ވަޅުލެވޭނެ ގޮތެއް ނެތުމުން އޭނާގެ ބައްޕަގެ ސަންދޯއް ވަނީ ކަނޑުމައްޗަށް ދޫކޮށްލަން ޖެހިފައެވެ.
މަރިއާ އާއި އޭނާގެ މަންމަ ސްޕޭންގެ ބާސެލޯނާގައި ވަޒަންވެރިވީ 1931 ގައެވެ. ސްޕޭންގައި 1936 އިން 1939 އަށް ހިނގި އަހުލީ ހަނގުރާމައިގެ ފަސް އަހަރު ކުރިން މަރިއާ ޑޮކްޓަރަކާ ކައިވެނިކުރިއެވެ. މި ކައިވެންޏަށް 40 އަހަރުވިއެވެ. އެއީ އުމުރުން 72 އަހަރުގައި ފިރިމީހާ މަރުވަންދެނެވެ.
މަރިއާއަށް ތިން ދަރިން ލިބުނެވެ. އޭގެ ތެރެއިން އެއް ކުއްޖަކު މިހާރު ވަނީ މަރުވެފައެވެ. އަދި މަރިއާގެ 11 މާމަ ދަރިން ތިބިއިރު ބައިވަރު ހޫރުމާމަ ދަރިން ވެސް އެބަތިއްބެވެ.
"އަހަރެންނަކީ އާދަޔާހިލާފު ކަމެއް ކުރި މީހެއް ނޫން. ހަމައެކަނި ކުރި ކަމަކީ ދިރިއުޅުން،" 2019 ގައި ސްޕޭންގެ ލާ ވޭންގުއާޑިއާ ނޫހަށް މަރިއާ ބުންޏެވެ.
ސްޕޭންގައި އަމިއްލަ ވެރިކަމެއް ހިންގާ ކެތަލޯނިއާގެ މަރުކަޒީ ސަރުކާރުގެ ވެރިޔާ އަދި ކުރީގެ ސިއްހީ ވަޒީރު ސެލްވަދޯރް އިއްޔާ ވަނީ އެކްސްގައި މަރިއާގެ އާއިލާއަށް ތައުޒިޔާ ދަންނަވައިފައެވެ.
"އަހަރެމެންނަށް މި ގެއްލުނީ ހިތްވަރުގަދަ އަންހެނެއް. ހަޔާތުގެ އަގާއި ދިގު އުމުރެއްގެ ވިސްނުންތަކެއްގެ ފިލާވަޅުތަކެއް އަހަރެމެންނަށް ދޫކޮށްފައިވަނީ،" މަރިއާއަކީ "ކެތަލޯނިއާގެ މާމަ" ކަމަށް ވިދާޅުވެ ސެލްވަދޯރް ލިޔުއްވިއެވެ.



advertisment