ރަޝިޔާއާ ދެކޮޅަށް ކުރަމުންދާ ދިގު ހަނގުރާމައިގައި ނުރައްކާތެރި މިޝަންތަކުގައި "ރޮބޮޓް ކުއްތާ" ބޭނުންކުރަން ޔޫކްރެއިނުން ފަށައިފިއެވެ.
ހަތަރު ފައިލައިފައި ކުއްތާއެއްގެ ސިފަ ހުންނަ އަދި ކުއްތާ ދުވާހެން ހަރަކާތްކުރާ މި ރޮބޮޓްތަކަކީ ނުރައްކާތެރި މިޝަންތައް ކަމަށްވާ ރަޝިޔާގެ ހަންދަގުތަކާއި މައިންތައް ހޯދަން ބޭނުންކުރާނެ ރޮބޮޓްތަކެކެވެ.
ހަނގުރާމައިގެ ކުރީ ސަފުގައި މި ރޮބޮޓްތައް ބޭނުންކުރުމުގެ ބޭނުމަކީ ޔޫކްރެއިންގެ ސިފައިން ރައްކާތެރިކުރުމެވެ.
ޔޫކްރެއިންގެ ސިއްރު ހިސާބެއްގައި ނޫސްވެރިންނަށް ދައްކައިލި މި ރޮބޮޓްތަކުގެ ދެ މޮޑެލްއެއްވެއެވެ. އެ ގޮތުން "ބޭޑް ވަން" ކިޔާ މޮޑެލްގެ ރޮބޮޓްތައް ކުއްތާގެ ހަރަކާތްތައް ހުންނަ ފަދައިން ބިންމަތީގައި ބަނޑުދަމާލައި، އިށީނދެ، ދުވެ، އަދި ފުއްމާހެދިއެވެ. އެއީ އޭގެ އޮޕަރޭޓްކުރާ މީހާ ދިން އިރުޝާދުތަކާ އެއްގޮތަށެވެ.
"ޔޫކްރެއިންގެ ސިފައިންގެ އަދަދު ނިސްބަތުން މަދު،" މި ރޮބޮޓްތައް އުފެއްދި ފަރާތްތަކުން ބުންޏެވެ.
ބިންމަތީގައި ފިރުކިފައި އުޅެވޭތީ މި ރޮބޮޓްތައް ހޯދައިގަތުމަކީ ރަޝިޔާގެ ސިފައިންނަށް އުނދަގޫ ކަމަކަށް ވާނެއެވެ. އަދި "ތާމަލް އިމެޖިންގް"ގެ ޒަރީއާއިން ހަންދަގުތަކާއި ހަނގުރާމަ ހިނގަމުންދާ ހިސާބުތަކުގައި ހުރި އިމާރާތްތަކުގެ ތެރޭގައިވާ ތަކެތި ހޯދައިގަނެވެއެވެ.
"މި ރޮބޮޓް ކުއްތާތަކުގެ ބޭނުމަކީ އަހަރެމެންގެ ތެރޭގައި ހިމެނޭ ވަރަށް ބޮޑަށް ތަމްރީންވެފައިވާ ސިފައިން ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު ކުޑަކޮށްދިނުން،" ރޮބޮޓް ކުއްތާއެއްގެ ހަރަކާތްތައް ނޫސްވެރިންނަށް ދައްކައިލި އޮޕަރޭޓަރަކު ބުންޏެވެ.
އޭނާ ބުނީ މި ރޮބޮޓްތަކުގެ ސަބަބުން ޔޫކްރެއިންއަށް ހަނގުރާމާގައި ލިބޭ ފުރުސަތުތައް ފުޅާވާނެ ކަމަށެވެ.
"މި ރޮބޮޓް ކުއްތާތައް އުފެއްދުމުގެ މައިގަނޑު މަގުސަދަކީ މިއީ،" އަސްލު ނަން ނުބުނެ ހަމައެކަނި "ޔޫރީ"ގެ ނަން ބޭނުންކުރި މި އޮޕަރޭޓަރު ބުންޏެވެ. އޭނާ މަސައްކަތްކުރަނީ އަސްކަރީ އާލާތް ޔޫކްރެއިނަށް ފޯރުކޮށްދޭ އިނގިރޭސި ވިލާގެ ކުންފުންޏަކަށެވެ.
"ބޭޑް ވަން"އަށް ވުރެ މޮޅު މޮޑެލެއް ކަމަށްވާ "ބޭޑް ޓޫ" ސަލާމަތީ ސަބަބުތަކަށްޓަކައި ދެއްކެން ނެތް ކަމަށް ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުންޏެވެ.
ބޭޑް ވަން މޮޑެލްގެ ރޮބޮޓްގައި ދެ ގަޑިއިރުގެ ހަކަތަ ލިއްބައިދޭ ބެޓެރިއެއްވެއެވެ. މިއީ ބިންމަތީގައި ވަޅުލާފައިވާ މައިންއާއި އިމްޕްރޮވައިޒްޑް އެކްސްޕޮލޯސިވް ޑިވައިސް (އައި.އީ.ޑީ) ގޮވާ ތަކެތި ހޯދައިގަނެވޭ މޮޑެލްއެކެވެ. އަދި މިއީ ހަތް ކިލޯގެ ބަރުދަން ހުރި ހަތިޔާރާއި ބޭސް ވެސް އުފުލައިދެވޭ މޮޑެލްއެކެވެ.
"ހަނގުރާމާގައި އަހަރެމެން ބޭނުންކުރަނީ ކިތައް ރޮބޮޓް ކުއްތާތަކެއް ކަމެއް އަހަރެމެންނަށް ހާމަކުރެވޭކަށް ނެތް. ނަމަވެސް ބުނެވެން އޮތީ އަހަރެމެންނަށް ވަރަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށް. އަދި އަހަރެމެންގެ ސިފައިންގެ ސަލާމަތްތެރިކަން ވަރަށް ބޮޑަށް އިތުރުކުރެވިގެންދާނެ ކަމަށް،" "ޔޫރީ" ބުންޏެވެ.
އޭނާ ބުނީ މީގެ ތެރެއިން ރޮބޮޓް ކުއްތާއެއް ރަޝިޔާ ސިފައިންގެ އަތުޖެހިއްޖެއްޔާ އޭގައިވާ އެމެޖެންސީ ސްވިޗެއްގެ ޒަރީއާއިން އޭގައިވާ ހުރިހާ މައުލޫމާތެއް ޔޫކްރެއިން ސިފައިންގެ ތެރެއިން އޭތި ރިމޯޓް ކޮންޓްރޯލުން އޮޕަރޭޓްކުރާ އޮޕަރޭޓަރަށް ފުހެލެވޭނެކަމަށެވެ.