Support Us

މާސްގެ ބިމުއަޑީގައި ކަނޑެއް އޮތްކަން ހާމަކޮށްދިން މައުލޫމާތު ދުނިޔެއަށް ފޮނުވި ނާސާގެ "އިންސައިޓް" އުޅަނދުގެ މޮޑެލްއެއް

މާސްގެ ބިމުއަޑީގައި ބޮޑު ކަނޑެއް

ދުނިޔެއާ އެންމެ ކައިރީގައިވާ ޕްލެނެޓް ކަމަށްވާ މާސްގެ ބިމު އަޑީގައި ބޮޑު ކަނޑެއް ވާ ކަމަށް އާ ދިރާސާއަކުން ހާމަވެއްޖެއެވެ. މި ކަން އެނގުނީ 2022 ގައި އޮޕަރޭޝަންތައް ނިންމައިލި އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން މާސްއަށް ފޮނުވައިލި "އިންސައިޓް" އުޅަނދުން ފޮނުވި މައުލޫމާތުންނެވެ.

ބޮޑު ކަނޑެއްގައި ހިމެނޭ މިންވަރަށް މާސްގެ ބިމުއަޑީގައި ފެން ހުރިކަން ހާމަވީ މާސްއަށް އައި 1،300 ބިންހެލުން އިންސައިޓުން ދިރާސާ ކުރުމުންނެވެ.

ބިންހެލުންތަކުގެ ބާރުމިނަށް ބެލުމުން އެނގުނީ މިއީ ފެނުގެ ސަބަބުން ކުރިމަތިވި ބިންހެލުންތަކެއް ކަމެވެ.

މި މައުލޫމާތު ޝާއިއުކޮށްފައިވަނީ "ޕްރޮސީޑިންސް އޮފް ދަ ނެޝަނަލް އެކެޑަމީ އޮފް ސައިންސަސް"ގައެވެ.

ބިމުގެ މަތި ހިކިފަސްކޮށް އޮންނާތީ ޖައްވުން ބަލައިލުމުން މާސް ފެންނަނީ ރަތާއި އޮރެންޖް ކުލައިގެ ޕްލެނެޓެއްގެ ގޮތުގައި

ފެންގަނޑު ހުރީ ބިމުއަޑީގައި ހަތް މޭލުން ފެށިގެން 12 މޭލު ފުނުގައެވެ. އެ ފަށަލައިގައި މި ފެން ހަރުލީ މީގެ އެތައް ބިލިއަން އަހަރެއް ކުރިން މާސްގައި ކޯރާއި ލޭކް އަދި ކަނޑުތައް ވެސް ހުރުމުން ކަމަށް ސައިންސްވެރިން ވިދާޅުވިއެވެ.

"އެހެންކަމުން މި ކަމުން ހާމަވީ މާސްގައި ދިރޭ މަހުލޫގުން އުފެދުމަށް ބޭނުންވާ މާއްދާތައް އެބަހުރިކަން،" އެމެރިކާގެ ކެލިފޯނިޔާ ސްޓޭޓްގެ ޔުނިވާސިޓީގެ ސައިންސްވެރިޔާ ވަޝަން ރައިޓް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އިންސައިޓުން ފޮނުވި މައުލޫމާތުން ހާމަވި ގޮތުގައި ގާތްގަނޑަށް އެއް މޭލު ފުންމިނުގެ ކަނޑެއް އޮންނާނެ ވަރަށް މާސްގެ ބިމުއަޑީގައި ފެން ހުރި ކަމަށެވެ.

މި ކަން 100 ޕަސެންޓް ޔަގީން ކުރަން ބޭނުންވަނީ ޑްރިލް ނުވަތަ ތޮރުފުމަށް މާސްއަށް އާލާތްތައް ފޮނުވުމެވެ. އެ ގޮތުން ބިމުއަޑި ތޮރުފައިގެން ފެން ހުރި ހާލަތު ބަލައި، އޭގައި ދިރޭ މަހުލޫގުން އުޅޭތޯ ބެލިދާނެ ކަމަށް ނާސާއިން ބުންޏެވެ.

މީގެ ތިން ބިލިއަން އަހަރު ކުރިން މާސްގެ ބިމުގެ މަތީގައި ފެން ހުއްޓެވެ. ނަމަވެސް އެ ޕްލެނެޓްގެ ޖައްވު ތުނިވެ، ފަޒާއަށް ފެންތައް އަރައިގެން ދިއުމުން މާސް ބަދަލުވީ ހިކިފަސްތަނަކަށް ކަމަށް ސައިންސްވެރިން ވިދާޅުވެއެވެ. ހަވަޔަށް އަރައިގެން ނުދިޔަ ފެން މިހާރު ހުރީ ބިމުއަޑީގައި ތާށިވެފައި ކަމަށް ސައިންސްވެރިން ގަބޫލުކުރައްވައެވެ.

ސައިޒުގެ ގޮތުން ދުނިޔެއަށްވުރެ ދެބައިކުޅައެއްބައި ކުޑަ މާސްއަކީ އިންސާނުންނަށް ދިރިއުޅެވޭނެ "ސުވަރުގެ"އެއް ކަހަލަ ބިމަކަށް ހަދައިލުމަކީ ސައިންސްވެރިންނާއި ހިޔާލީ ވާހަކަ ކިޔައި ހިޔާލީ ފިލްމްތައް ބަލާމީހުންގެ ހުވަފެނެކެވެ. މި ކަން ކުރެވެން އަންނަނީ މާސްގައި ވައި އެކުލެވޭ ޖައްވެއް އުފައްދައިގެންނެވެ. މި ކަމަށް ކިޔަނީ "ޓެރަފޯމް" ކުރުމެވެ. މާސްގައި ފެން އާތްވަށް ނުވާނެ ހޫނުމިނެއް ގާއިމުކޮށްގެންނެވެ. މި ގޮތުން ޓެރަފޯމް ކުރުމަށް މާސްގައި ހުރި އެތައް ޓަނުގެ ހިރަފުސް ޖައްވަށް ފޮނުވައިލެވިދާނެ ކަމަށް އެމެރިކާގެ އިލިނޮއި ސްޓޭޓްގެ ނޯތުވެސްޓަން ޔުނިވާސިޓީން ދާދި ފަހުން ބުންޏެވެ.

"މިހާރު މާސްގެ ބިމުން ފެންނަނީ ގަނޑުފެން. މާސްގެ އާއްމު ޓެމްޕަރޭޗަރަކީ މައިނަސް 65 ޑިގްރީ ސެލްސިއަސް ކަމަށްވާއިރު 20 ޑިގްރީ ސެލްސިއަސްއަށް ހޫނުމިން މައްޗަށް ގެންދިއުން މުހިންމު. މައްސަލައަކީ މާސްގައި ޖައްވެއް އުފައްދައި އެ ތަން ދެމެހެއްޓުމަށް ކޮންމެ އަހަރަކު ވެސް އެތައް ޓަނުގެ ހިރަފުސް ފަޒާއަށް ފޮނުވައި، 'ގްރީންހައުސް’އެއް ދަމަހައްޓަން ޖެހޭތީ،" ނޯތުވެސްޓަން ޔުނިވާސިޓީގެ ދިރާސާގެ އިސް ފަރާތް ކަމަށްވާ ޕީ.އެޗް.ޑީ ދަރިވަރު ސަމާނީހު އަންސާރީ ބުންޏެވެ.

މާސްގައި ޖައްވެއް އުފައްދަން ކްލޮރޮފްލޮރޮކާބަންސް އާއި ސިލިކާ އޭރޯޖެލް މާއްދާ ބޭނުން ކުރަން ބަލާއިރު މި ދެ މާއްދާ މާސްގައި އެހާ ގިނައެއްކޮށް ނުވެއެވެ. މިހެންވެ ގިނަ އަދަދަކަށް މި މާއްދާތައް އުފެއްދުމަށް ހުރަސްއެޅިފައިވާތީ ސައިންސްވެރިން ހުށަހަޅަނީ މާސްގައި ހުރި ހިރަފުސް ބޭނުންކޮށްގެން މާސްގައި ޖައްވެއް އުފެއްދުމަށެވެ. ސަބަބަކީ މި ހިރަފުހުގައި ދަގަނޑާއި އެލްމެނިއަމް މާއްދާ ހުރުމުންނެވެ.

މި ދެ މާއްދާގެ ދެ މިލިއަން ޓަން މާސްގައި ހުރި ކަމަށާއި މާސްގައި ޖައްވެއް ހަދަން މި އަދަދަށް ދަގަނޑާއި އެލްމެނިއަމް ކުނޑި ބޭނުންކޮށްފި ނަމަ މަދު މަސްތަކެއްގެ ތެރޭގައި މާސްގެ ހޫނުމިން 10 ޑިގްރީ ސެލްސިއަސްއަށް މައްޗަށް ޖައްސާލެވޭނެ ކަމަށް އަންސާރީ ބުންޏެވެ.

މާސް ޓެރަފޯމް ކުރުމަށް އުއްމީދު އާވެފައިވާ ނަމަވެސް އަދި އެހެން ތިން މައްސަލައެއް އުޅެއެވެ؛ އެއީ މާސްގައި ދަގަތްފާނު ނުވަތަ "މެގްނެޓިކް" ފަށަލައެއް ނެތުމާއި އޯޒޯން ފަށަލައެއް ނެތުމެވެ. މިހެންވެ އިންސާނުންނާއި އެހެނިހެން ދިރޭ މަހުލޫގުންނަށް ވެސް ރޭޑިއޭޝަންގެ އަސަރު ފޯރާނެއެވެ. މީގެ އިތުރުން މާސްގެ ދަމާބާރު ނުވަތަ "ގްރެވިޓީ" ދަށް ކަމަށް ވާތީ ސިއްހަތަށް ކުރާނެ އަސަރު އަދި ވަނީ ނުހޯދިއެވެ. އަނެއްކޮޅުން ޖައްވެއް އުފެއްދި ނަމަވެސް ފަޒާގެ ތެރެއަށް އޭތި ގޮސް ހުސްވާނެއެވެ. އެހެންކަމުން، މާސްއަކީ ދިރިއުޅެވޭނެ ތަނަކަށް ހެދުނު ނަމަވެސް އެކަން ދަމަހައްޓަން އަބަދުމެ "މެއިންޓެނަންސް"ގެ މަސައްކަތް ކުރިއަށް ގެންދަން ޖެހޭނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *